18 ޑިސެމްބަރ 2016 - 15:00

ހަރާރޭ (ޑިސެމްބަރު 18) - ޒިމްބާބުވޭގައި 2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޕާޓީގެ ކެންޑިޑޭޓަކީ ރައީސް ރޮބަޓް މުގާބޭ ކަމަށް ވެރިކަން ކުރާ ޒަނޫ-ޕީއެފް ޕާޓީން އިއުލާން ކޮށްފި އެވެ.
އުމުރުން 92 އަހަރުގެ މުގާބެ ގެންދަވަނީ 1980 ވަނަ އަހަރު އިނގިރޭސިންގެ ބާރުގެ ދަށުން ޒިމްބާބުވޭ އަށް މިނިވަންކަން ލިބުނު ފަހުން އެ ގައުމުގައި ވެރިކަން ކުރައްވަމުންނެވެ.
ޕާޓީގެ ކޮންފަރެންސްގައި ޒާނޫ-ޕީއެފް ޕާޓީގެ ޒުވާނުންގެ ގޮފިން ވަނީ މުޅި އުމުރަށް މުގާބޭ ވެރިކަމުގައި ކުރެވޭ ގޮތަށް ހުށަހަޅައިފަ އެވެ. ޒިމްބާބުވޭގެ އިރު ދެކުނުގެ މަސްވިންގޯ ޓައުނުގައި ބޭއްވި ޕާޓީގެ އަހަރީ ޖަލްސާގައި ރިޔާސީ ކެންޑިޑޭޓަކީ މުގާބޭކަން އިއުލާން ކުރުމާ އެކު އެތައް ބަޔަކު ވަނީ މުގާބޭ އަށް "ބައްޕައިގެ" ނަމުން މުޚާތަބުކޮށް ތަރުހީބު ދީފަ އެވެ.
ނަމަވެސް އިގްތިސާދީ މައްސަލަތަކާއި މުގާބޭގެ ލީޑަޝިޕާ މެދު ހިތްހަމަނުޖެހިގެން ޒިމްބާބުވޭގައި މި އަހަރު ވަނީ ސަރުކާރާ ދެކޮޅު ހަރާކާތްތައް ހިންގައިފަ އެވެ. އަދި މުގާބޭ އަށް ފަހު ދެން ވެރިކަމަށް އަންނާނެ ފަރާތަކާ މެދު ޒާނޫ-ޕީއެފްގެ ތެރޭގައި ވެސް ވަނީ ކޯޅުން އުފެދިފަ އެވެ. މުގާބޭ ވަނީ އަރަބި ގައުމުތަކަށް ގެނައި ފަދަ "އިންގިލާބެއް' ޒިމްބާބުވޭ އަށް ނުގެނެވޭނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފަ އެވެ.
ރިޔާސީ ކެންޑިޑޭޓްކަން ގަބޫލް ކުރުމަށް ފަހު މުގާބޭ ދެއްވި ތަގުރީރުގައި ވަނީ ޕާޓީގެ އެތެރޭގެ ކޯޅުން ހުއްޓާލުމަށް އެދިވަޑައިގެންފަ އެވެ. އަދި ޕާޓީގެ މެންބަރުންނަކީ އެއް އާއިލާއެއް ކަމަށް ވިދާޅުވި އެވެ.