ދެ ކެޓަގަރީއެއްގެ ޗެމްޕިއަންކަން ކުޑަ އައްޔަ އަށް
ދެ ކެޓަގަރީއެއްގެ ޗެމްޕިއަންކަން ކުޑަ އައްޔަ އަށް

މެލޭޝިއާގައި ކުރިއަށްދާ ބައިނަލްއަގްވާމީ ބޮޑީބޯޑިން މުބާރާތް "ބޮޑީބޯޑް އެޓޭކް"ގެ ދެ ކެޓަގަރީ އަކުން ރާއްޖޭގެ އަލީ ހުޝްރުވާން (ކުޑައައްޔަ) ޗެމްޕިއަންކަން ހޯދައިފި އެވެ.

މީގެ އިތުރުން މުހައްމަދު އިހުސާން (ޗިއްކޮ) އާއި އަސްވާން މުހައްމަދު (ދޫނި) ވެސް ވަނީ ވާދަކުރި ދެ ޑިވިޝަނުން ރަނގަޅު ވަނައެއް ހޯދައިފަ އެވެ.

ކުޑަ އައްޔަ ޗެމްޕިއަންކަން ހޯދީ ޑްރޮޕް ނީ އަދި ޕްރޯން އޯޕަން ޑިވިޝަނުންނެވެ. ޕްރޯން އޯޕަން އިން ދެ ވަނަ ހޯދީ ދޫނި އެވެ. ތިން ވަނަ އަށް މެލޭޝިއާގެ މެޓް ދިޔައިރު، ހަތަރު ވަނަ ލިބުނީ ޗިއްކޮ އެވެ.

ޑްރޮޕް ނީގެ ދެ ވަނަ ލިބުނީ ޗިއްކޮ އަށެވެ. މި ބައިން ވެސް ތިން ވަނަ އަށް ދިޔައީ މެލޭޝިއާގެ މެޓް އެވެ. ހަތަރު ވަނަ ލިބުނީ ހަމަ އެ ގައުމުގެ ހަޓާ އެވެ.

މި މުބަރާތުގައި ދެން ބައިވެރިވި ރާއްޖޭގެ އެހެން ބޮޑީބޯޑަރުންނަކީ ނަބީލް މުހައްމަދު، އަހުމަދު ފައުޒާން އަދި މުހައްމަދު ހައިލަމް އެވެ. އެހެން މުބާރާތްތަކާ އަޅާބަލާއިރު މި ދެ ބޮޑީބޯޑަރުން ވެސް ރަނގަޅު ކުރިއެރުމެއް ހޯދި އެވެ.

މި މުބާރާތަކީ ޓެންކުއިޖޯއިން އިންތިޒާމުކޮށްގެން މެލޭޝިއާގެ ޓޫރިޒަމް މިނިސްޓްރީގެ އެއްބާރުލުމާއެކު ދެ ދުވަހުގެ މުއްދަތަށް ބޭއްވި މުބާރާތެވެ. މި މުބާރާތުގައި އޭޝިއާގެ ގިނަ ގައުމުތަކުން ވަނީ ބައިވެރިވެފައެވެ.

ރާއްޖޭގެ ބޮޑީބޯޑަރުން ވަނީ ދާދި ފަހުން ނިމުނު ކުއިކްސިލްވާ ޗެރަޓިން އިންޓަނޭޝަނަލް ސާފިން މުބާރާތުގެ ވެސް ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެ މުބާރާތުގެ ބޮޑީބޯޑިން ޑިވިޝަންގެ ޗެމްޕިއަންކަން ކުޑައައްޔަ ހޯދިއިރު، ދެ ވަނަ ދިޔައީ ދޫނި އެވެ. އަދި ތިން ވަނަ ލިބުނީ ރާޢްޖޭގެ ހުނަރުވެރި ބޮޑީބޯޑަރު އަލީ ޖާވިދު (ޖާއްޓެ) އަށެވެ.

ފާއިތުވި އަހަރުތަކަށް ބަލާއިރު ސަރަހައްދީ ގިނަ މުބާރާތްތަކުގައި ވާދަކޮށް ރާއްޖޭގެ ބޮޑީބޯޑުުން ޓީމުން ވަނީ ރަނގަޅު ވަނަ ތަކެއް ހޯދައިފަ އެވެ. އަދި އަހަރަކަށް ވުރެން އަހަރެއް ރާއްޖޭގެ ބޮޑީބޯޑަރުންގެ ފެންވަރު އަންނަނީ ރަނގަޅުވަމުންނެވެ.