26 ފެބުރުއަރީ 2022 - 06:53

ޔުކްރެއިނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ލަވަ މުބާރާތް، ޔޫރޯވިޝަން އިން ރަޝިއާ ބޭރުކޮށްލައިފި އެވެ.
ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ޔޫރޯވިޝަން އަކީ މިއުޒިކް މުބާރާތްތަކުގެ އޮލިމްޕިކްސެވެ. ބައިވެރިވާ ކޮންމެ ގައުމަކުން ވެސް ލަވައެއް ހުށަހަޅާ މި ބޮޑު މުބާރާތަކީ ގިނަ ގައުމުތަކުން ކާމިޔާބު ކުރަން ބޭނުންވާ މުބާރާތެކެވެ. ރަޝިއާ އަކީ މި މުބާރާތުގައި ވަރުގަދަ ހުށަހެޅުންތަކެއް ދައްކާލާފައިވާ ގައުމެކެވެ.
ޔޫރޯވިޝަން ރާއްވާ ޔޫރަޕިއަން ބްރޯޑްކާސްޓިން ޔޫނިއަން (އީބީޔޫ) އިން ބުނެފައި ވަނީ ޔޫރޯވިޝަން އަކީ ޕޮލިޓިކްސް އަށް ސަމާލުކަން ދޭ ތަނެއް ނޫން ކަމަށެވެ. ޔޫރޯވިޝަން އަކީ އެކި ގައުމުތައް އެއްތަންވެ ގުޅުން ބަދަހިކުރުމުގެ މުބާރާތެކެވެ. އަދި ރަޝިއާގެ އަމަލުތައް ހުރީ އެ އެއްބައިވަންތަކަމަށް ބުރޫއަރާ ގޮތަށް ކަމަށް އެ ޔޫނިއަނުން ބުންޏެވެ.
އެ ސަބަބާ ހުރެ ރަޝިއާ އަށް މިއަހަރުގެ ޔޫރޯވިޝަންގައި ބައިވެރި ނުވެވޭނެ ކަމަށާއި ރަޝިއާގެ އަމަލުތައް ކުށްވެރި ކުރާ ކަމަށް އީބީޔޫއިން ބުންޏެވެ.
ޔޫރޯވިޝަންގެ ތާރީހުގައި ރަޝިއާ ވަނީ މުބާރާތް އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ. އަދި ފާއިތުވި ހަަ އަހަރުގެ ތެރޭގައި އެ ގައުމުން ވަނީ ސެމީ ފައިނަލްގައި ތިން ފަހަރަކު ވާދަކޮށްފަ އެވެ.