ބެންގަލޫރު ޓެނިސް މުބާރާތުގެ 12 އަަހަރުންދަށުގެ ޗެމްޕިއަންކަން ނަބާ ހޯދައިފި
ބެންގަލޫރު ޓެނިސް މުބާރާތުގެ 12 އަަހަރުންދަށުގެ ޗެމްޕިއަންކަން ނަބާ ހޯދައިފި

އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ޕޭސް އޯޕަން ޖޫނިއާ ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭގެ ނަބާ ނިޝާން އިއްޔެ ހޯދައިފި އެވެ.

ބެންގަލޫރު ޓެނިސް މުބާރާތުގެ 12 އަަހަރުންދަށުގެ ޗެމްޕިއަންކަން ނަބާ ހޯދައިފި
ބެންގަލޫރު ޓެނިސް މުބާރާތުގެ 12 އަަހަރުންދަށުގެ ޗެމްޕިއަންކަން ނަބާ ހޯދައިފި

މުބާރާތުގެ ފައިނަލްގައި ނަބާއާ ވާދަކުރީ ރިޝްކާ ކުމާރު އެވެ. އޭނާގެ މައްޗަށް ނަބާ ކާމިޔާބު ހޯދީ 6-1 ސެޓުންނެވެ. އެ މުބާރާތުގެ ފައިނަލާ ހަމައަށް ކުރި ދަތުރުގައި ކުޅުނު ހަ މެޗު ވެސް ނަބާ ކާމިޔާބުކުރި އެވެ.

އެއް އަހަރު ދުވަހުގެ ޓްރޭނިން ޕްރޮގްރާމެއްގައި ނަބާ، 11، ތަމްރީން ހަދަމުން ގެންދަނީ އިންޑިއާގެ އެންމެ ބޮޑު އެއް އެކަޑަމީގަ އެވެ. ބެންގަލޫރުގައި ގާއިމުކޮށްފައިވާ މި އެކަޑަމީ އަކީ ދުނިޔޭގެ ކުރީގެ އެއްވަނަ ބެޑްމިންޓަން ކުޅުންތެރިޔާ ޕްރަކާޝް ޕަޑްކޯން އާއި ދުނިޔޭގެ ކުރީގެ އެންމެ މޮޅު ބެޓްސްމަން ރާހުލް ޑްރަވިޑް ގުޅިގެން އުފައްދާފައިވާ އެކަޑަމީ އެކެވެ.

"ޕަޑްކޯން ޑްރަވިޑް ސްޕޯޓްސް އެކަޑަމީ" ގެ ނަމުގައި ހިންގާ މި އެކަޑަމީގައި ގިނަ ކުޅިވަރުތަކަކުން ޒުވާން އެތުލީޓުން ތަމްރީންކުރެ އެވެ.

ނޮވެމްބަރު މަހު ބޭއްވި ރާއްޖޭގެ ގައުމީ ޓެނިސް މުބާރާތް ކާމިޔާބުކުރި ނަބާ އަކީ ބައި ގަރުނުވީ ގައުމީ ޓެނިސް މުބާރާތުގެ ތާރީހުގައި ސިންގަލްސް ޗެމްޕިއަންކަން ހޯދި އެންމެ ޒުވާން އެތުލީޓެވެ. އޭގެ އިތުރުން އެ މުބާރާތުގެ އިތުރު ދެ ކެޓެގަރީއަކުން އޭނާ ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ޓެނިހުގެ ތެރެއަށް ނަބާގެ ހިތްޖެހުނީ ތިމާގެ ކުއްޖަކާ އެކު ޓެނިސް ކުޅެން ގޮސް އުފެދުނު ޝައުގުވެރިކަމުގެ ސަބަބުން ކަމަށް، އޭނާ ބުނެފައިވެ އެވެ.

"ފިޓްކޮށް ހުންނަން ވެގެން ސްޕޯޓްސްއެއްގައި ހަރަކާތްތެރިވުމުގެ ގޮތުން ކަޒިންއަކާ އެކު ގޮސް ޓެނިސް ކުޅެން ފެށީ. ސަބަބަކީ އޭގެ ކުރިން ކުޅުނު އެއްވެސް ކުޅިވަރެއްގައި މާ ބޮޑަކަށް ވޯކް ކުރާ ގޮތެއް ނުވި. އެކަމަކު ޓެނިސް ކުޅެން ފެށީމަ ޝައުގުވެރިވީ،" މެޑިކަލް ދެ ޑޮކްޓަރުން ކަމަށްވާ، ޑރ. އަހްމަދު ނިޝާން އާއި ޑރ. ނަޒްމާ ހަމީދުގެ ދަރިފުޅު ބުންޏެވެ.

ނަބާގެ ޓްރޭނިންތައް ކުރިއަށް ގެންދިިއުމަށް، އޭޑީކޭ ހޮސްޕިޓަލްގެ ސިނިއާ ގައިނޮކޮލޮޖިސްޓްގެ މަގާމު ކުރިން އަދާކުރެއްވި ޑރ. ނަޒްމާ ވަނީ އެ މަގާމުން ވަކިވެވަޑައިގެން ބެންގަލޫރަށް ދިރިއުޅުން ބަދަލު ކުރައްވައިފަ އެވެ.

ޑރ. ނިޝާން ވިދާޅުވީ ކޮންމެ ދުވަހަކު ފަސް ގަޑިއިރު ނަބާގެ ޓްރޭނިންތައް އެ އެކަޑަމީގައި ކުރިއަށްގެންދާ ކަމަށެވެ. އެއީ ހެނދުނު ތިންގަޑިއިރު އަދި ހަވީރު ދެގަޑިއިރެވެ. ނަބާގެ ކިޔެވުމުގެ އިންތިޒާމު ހަމަޖައްސާފައި ވަނީ "އޮންލައިން ސްކޫލިން" މެދުވެރިކޮށެވެ.

ނަބާ ވަނީ މީގެ ކުރިން ސްރީ ލަންކާގައި ބޭއްވި ޖޫނިއާ އިންޓަނޭޝަނަލް ހަތަރު މުބާރާތެއްގައި ވާދަކޮށް ތިން މުބާރާތް ކާމިޔާބުކޮށްފަ އެވެ.