01 މާޗް 2022 - 06:15

ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކޮށް މިދިޔަ ހުކުރު ދުވަހު ނެރުނު، "ގަންގޫބާއީ" އަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
އާލިއާ ބަޓް ގަންގޫބައީގެ ރޯލު ކުޅެފައިވާ މި ފިލްމު އެޅުވި ދުވަހު އިންޑިއާގައި 10.50 ކްރޯޑް ރުޕީސް ލިބުނެވެ. އަދި ހޮނިހިރު ދުވަހު 13.3 ކްރޯޑް ރުޕީސް ލިބުނުއިރު އާދިއްތަ ދުވަހު އެ ފިލްމަށް 15.30 ކްރޯޑް ލިބިފައިވެ އެވެ.
އެންމެ ތިން ދުވަހުން 39.12 ކްރޯޑް ރުޕީސް ހޯދައި ފެށުން ރަނގަޅު ކުރި އިރު، މިއީ ކޮވިޑާ ގުޅިގެން އިންޑިއާގެ ސިނަމާތައް ބަންދުކޮށް އަލުން ހުޅުވިފަހުން ސިނަމާގައި ފިލްމަކަށް ލިބުނު އެންމެ ބޮޑު ތަރުހީބެވެ.
އިންޑިއާގެ ފިލްމު ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ބުނި ގޮތުގައި މިއީ ގަންގޫބާއީ އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. އޭނާ ބުނީ މިހާ ބޮޑު ތަރުހީބެއް ލިބުނީ މުމްބާއީ އާއި ޕޫނޭ އަދި ގުޖުރާތާއި ދިއްލީގެ އިތުރުން ސައުތު އިންޑިއާ އިން ވެސް ފިލްމަށް ލިބުނު ތަރުހީބާ އެކު އެވެ. އަދި އިންޑިއާ އިން ބޭރުގައި ވެސް ފިލްމު އަޅުވާފައި ވާތީ މިއަށް ވުރެ ބޮޑު ތަރުހީބެއް ލިބޭނެ އެވެ.
އޭގެ އިތުރުން ވެސް ފަސް ވަނަ ދުވަހު ފިލްމަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް އޭނާ އަންދާޒާކުރީ އެ ދުވަހަކީ ޗުއްޓީ ދުވަހަކަށް ވާތީ އެވެ. އެ ދުވަހު ފިލްމު ބަލަންދާ މީހުންގެ އަދަދު ބޮޑު ތަނުން އިތުރުވާނެ ކަމަށް އޭނާ ލަފާކުރެ އެވެ.
ގަންގޫބާއީ ކަތިއަވާޑީ އަކީ ފިލްމީ ތަރިއަކަށް ވުމުގެ އުއްމީދުގައި ހުރި އަންހެނަކަށް އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހަކު ދިން ވަރުގަދަ ލަނޑެއް ދައްކައިދޭ ފިލްމެކެވެ.
ގަންގޫގެ ލޯބިވެރިޔާ އޭނާ ބޮލީވުޑަށް ނެރެދޭނެ ކަމަަށް ބުނެ މުމްބާއީ އަށް ގެންގޮސް ހަށިވިއްކާ ބަޔަކަށް އޭނާ ވިއްކާލަ އެވެ. ދެން އެތަނުގައި އުޅެން އޭނާ އަށް މަޖުބޫރުވުމާއި އެތަނަށް ދިއުމާ އެކު އޭނާގެ މުޅި ހަޔާތް ބަދަލުވާ ގޮތް ފިލްމުގައި ދައްކަ އެވެ.
އެ ފިލްމުގައި އާލިއާގެ އިތުރުން އަޖޭ ދޭވްގަން އާއި ވިޖޭ ރާޒް އަދި ޝަންތަނޫ މަހޭޝްވަރު މުހިންމު ރޯލުތަކުން ފެނެ އެވެ.