ޔޫކްރޭން: ފުރަތަމަ ބުރުގެ ވާހަކަތައް ނިންމާލައިފި
ޔޫކްރޭން: ފުރަތަމަ ބުރުގެ ވާހަކަތައް ނިންމާލައިފި

ރަޝިޔާ ސިފައިން މިދިޔަ ބުރާސްފަތި ދުވަހު ފަތިހު ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓުމާ ބެހޭ ގޮތުން ޔޫކްރޭން ސަރުކާރާއި ރަޝިޔާ ސަރުކާރާ ދެމެދު މިއަދު ފެށި މަޝްވަރާތަކުގެ ފުރަތަމަ ބުރުގެ ބައްދަލުވުން ނިންމާލައިފި އެވެ.

ޔޫކްރޭން: ފުރަތަމަ ބުރުގެ ވާހަކަތައް ނިންމާލައިފި
ޔޫކްރޭން: ފުރަތަމަ ބުރުގެ ވާހަކަތައް ނިންމާލައިފި

ބެލަރޫސް އާއި ޔޫކްރޭން ގުޅޭ ސަރަހައްދީ ރޮނގު ކައިރިން ބެލަރޫސް ތެރޭގައި ބޭއްވި މި މަޝްވަރާ ބައްދަލުވުން އެތައް ގަޑިއިރަކަށް ދެމިގެން ދިޔަ އެވެ. ދެ ފަހަރަކަށް މެދުކަނޑައިލުމަށް ފަހު، މަޝްވަރާތައް ނިންމާލައި ދެ ގައުމުގެ މަންދޫބުން ވަނީ އެ ބައެއްގެ ވެރިރަށަށް އެނބުރި ވަޑައިގެންފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތަކާއި ދެ ފަރާތުން އެއްބަސްވި ކަންތަކުގެ އެއްވެސް މައުލޫމާތެއް ދެ ފަރާތުންކުރެ އެއްވެސް ފަރާތަކުން އަދި އާންމެއް ނުކުރެ އެވެ. ނަމަވެސް ރަޝިޔާ ވަފްދުގެ ވެރިއަކަށް ހުންނެވި ލަޑިމިއާ މެޑިންސްކީ ވިދާޅުވީ މަޝްވަރާތައް މިހާ ހިސާބުން ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ދެ ގައުމުން ވެސް އެއްބަސްވި ކަމަށެވެ.

ޔޫކްރޭނާއި ރަޝިޔާއާ ދެމެދު އިތުރު މަޝްވަރާތަކެއް ދެން ކުރާނީ، މިއަދުގެ މަޝްވަރާތަކުގައި ދެކެވުނު ވާހަކަތަކުން ހާސިލް ކުރެވުނު ނަތީޖާ، ދެ ގައުމުގެ އެންމެ އިސް ވެރިންނާ ހިއްސާ ކުރުމަށް ފަހު، ސަރުކާރުގެ ފެންވަރުގައި ގޮތެއް ނިންމުމުންނެވެ. ރަޝިޔާއާ އެކު މަޝްވަރާ ކުރުމަށް ޔޫކްރޭނުން އެއްބަސްވީ، ޔޫކްރޭންގެ ވަފުދު ބެލަރޫސް އަށް ގޮސް މަޝްވަރާތައް ނިންމައިގެން އެނބުރި ޔޫކްރޭންގެ ވެރިރަށް ކިޔޭވްއަށް ދިއުމާ ހަމައަށް، ބެލަރޫސްގެ ތެރެއިން ރަޝިޔާ ސިފައިން ޔޫކްރޭނަށް އެއްވެސް ހަމަލާއެއް ނުދޭނެ ކަމުގެ ޔަގީންކަން ދިނުމުންނެވެ.

މިއަދުގެ މަޝްވަރާތަކާ ބެހޭ ގޮތުން ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީގެ މުޝީރު މިޚައިލޯ ޕޮޑޮލްޔަކް ވިދާޅުވި ގޮތުގައި މިއަދުގެ މަޝްވަރާގެ މައިގަނޑު އަމާޒަކީ، ޔޫކްރޭނަށް ހަމަލާ ދިނުން ހުއްޓުމާއި، ޔޫކްރޭންގެ ތެރޭގައި ހިންގާ ހަނގުރާމައިގެ ހަރަކާތްތައް ހުއްޓުމާ ބެހޭ ގޮތުން ދެ ފަރާތުން މަޝްވަރާ ކުރުމެވެ.

ހަމަލާ ބަދަލުކުރުން ހުއްޓާލައި ހަނގުރާމައިގެ ހަރަކާތްތައް ނިމުމަކަށް ގެންނާނެ ގޮތުގެ ވަގުތު ތާވަލެއް ކަނޑައެޅުމާ ބެހޭ ގޮތުން ދެ ފަރާތުގެ މެދުގައި އިތުރު މަޝްވަރާތަކެއް ކުރެވޭނީ، މިއަދުގެ މަޝްވަރާ ކުރެވުނު ކަންކަމާ ބެހޭ ގޮތުން، ދެ ގައުމުގެ ވެރިން ގޮތެއް ނިންމެވުމުން ކަމަށް ވެސް މިޚައިލޯ ޕޮޑޮލްޔަކް ވިދާޅުވި އެވެ.

މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުން ނިންމާލުމުގެ ވަގުތު ކުޑަތަންވަމުން އައި އިރު، ޔޫކްރޭންގެ ވެރިރަށް ކިޔޭވްގެ މެދުތެރެއިން ވަނީ ވަރަށް ބާރު ގަދަ ތިން ގޮވުމެއްގެ އަޑު އިވިފަ އެވެ. އެ ގޮވުންތަކުގެ އަޑާ އެކު ވެރިރަށް ކިޔޭވްގައި ހަނގުރާމައިގެ ބަރުގޮނުގެ އަޑު ގުގުމައިގެން ދިޔަ އެވެ.

ވޭތުވެ ދިޔަ ތިން ދުވަހާ އަޅައި ބަލާއިރު، މިއަދަކީ ކިޔޭވްގެ ތެރޭގައި ހަނގުރާމައިގެ ހަރަކާތްތައް ތަންކޮޅެއް މަދު ދުވަހެކެވެ. އަދި، އިރު އޮއްސެން ކައިރިވެފައި ވަނިކޮށް ގޮވި ބާރުގަދަ ތިން ގޮވުން ފިޔަވައި، ކިޔޭވްގެ ތެރެއިން ބާރުގަދަ ގޮވުމެއްގެ އަޑު ވެސް މިއަދު ނުއިވޭ ކަމަށް، ބައިނަލްއަގުވާމީ މީޑިއާތަކުން ބުނެ އެވެ.