ވިދްޔާގެ "ޖަލްސާ" މި މަހު
ވިދްޔާގެ "ޖަލްސާ" މި މަހު

ބޮލީވުޑްގެ ކުޅަދާނަ ދެ ތަރިން ކަމަށްވާ ވިދްޔާ ބާލަން އާއި ޝެފާލީ ޝާހު ފެންނާނެ ފިލްމު، "ޖަލްސާ" މި މަހުގެ 18 ވަނަ ދުވަހު ޕްރިމިއާ ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޓީ ސީރީޒާއި އަބުންޑަންޓިއާ އެންޓަޓައިންމަންޓުން ކޯ ޕްރޮޑިއުސްކުރާ "ޖަލްސާ" އަކީ ސުރޭޝް ތުރިވޭނީ ޑައިރެކްޓްކުރާ ފިލްމެކެވެ.

އެމެޒަން ޕްރައިމް އިން އެ ފިލްމު ޕްރިމިއާ ކުރާ ގޮތަށް ހަމަޖެހިފައިވާއިރު އެ ފިލްމުގައި ދައްކާނީ މަޝްހޫރު ނޫސްވެރިއަކާއި އޭނާގެ ގޭގެ މަސައްކަތު މީހާގެ ދިރިއުޅުމުގެ ކަންތައްގަނޑެކެވެ.

އެމެޒަން ޕްރައިމް ވީޑިއޯގެ ކޮންޓެންޓް ލައިސެންސިންގެ ހެޑް މަނީޝް މެންގާނީ ބުނީ އެމީހުން ފިލްމުތައް ނެގުމުގައި ބަލަނީ ވަރަށް ކޮލިޓީ އަދި މުޅިން އާ ވާހަކަތަކަކަށް ކަމަށެވެ. ޖަލްސާއަކީ ވެސް އެވަރުގެ މޮޅު ސްޓޯރީއެއް އެކުލެވޭ ފިލްމެއް ކަމަށް އޭނާ ބުންޏެވެ.

"ޖަލްސާ" އަކީ ޕްރައިމް ވީޑިއޯއާ، އެބުންޑަންޓިއާ އެންޓަޓައިންމަންޓާ ގުޅިގެން ނެރޭ ހަތް ވަނަ ފިލްމެވެ. މީގެ ކުރިން "ޗޯރީ" އާއި "ދުރްގަމާތީ" އާއި "ރާމް ސޭޓޫ" އަދި "ބްރީތު" އާއި "ޝަކުންތަލާ ދޭވީ" ވެސް ގުޅިގެން ނެރެފައިވެ އެވެ.

"ޖަލްސާ" ގައި މާނަވް ކޯލް، ރޯހަނީ ހަތަންގަޑީ، އިގްބާލް ހާން، ސްރިކަންތު މޯހަން ޔާދަވް، ވިދާތްރީ ބަންޑީގެ އިތުރުން ޝަފީން ޕަޓޭލް އަދި ސުރްޔާ ކަސިބަތްލާ ވެސް ފެންނާނެ އެވެ.