އުގެއިލްގެ ޓީމުން ތައްޔާރުކުރި ނިޒާމް އަަޖުމަބަލަން ބޭނުންކުރަން ފަށައިފި
އުގެއިލްގެ ޓީމުން ތައްޔާރުކުރި ނިޒާމް އަަޖުމަބަލަން ބޭނުންކުރަން ފަށައިފި

ޕްރޮފެސަރު ހަސަން އުގައިލްގެ ޓީމުން އީޖާދުކުރި ކުށުގެ ތުހުމަތުކުރެވޭ މީހުން ދެނެގަނެވޭ ބާރުގަަދަ ސިސްޓަމް، "ހޭލޯ"، އިނގިރޭސި ފުލުހުން އަޖުމަބެލުމުގެ ގޮތުން ބޭނުންކުރަން ފަށައިފި އެވެ.

ފޭޝަލް ބަޔޮމެޓްރިކް އައިޑެންޓިފިކޭޝަން ސިސްޓަމުން ވަރަށް ބޮޑެތި އެހީތެރިކަމެއް ފުލުހުންނަށް ލިބޭނެ އެވެ. އެގޮތުން ވަރަށް ނުސާފުކޮށް ހުންނަ ސީސީޓީވީ ފުޓޭޖްތައް ބޭނުންކޮށްގެން ވެސް، އެއިން ފެންނަ މީހުން ރަނގަޅަށް ދެނެގަނެ، އެއީ ކޮން ބައެއްކަން އެނގޭނެ އެވެ. އަދި ހައްޔަރުކުރާ ބަައެއް މީހުން އެ މީހުންނަކީ ކޮން ބައެއްކަން ބުނެދޭން ދެކޮޅު ހެދިޔަސް، އެ ސިސްޓަމް މެދުވެރިކޮށް ފުލުހުންނަށް އެއީ ކާކުކަން ފަސޭހަ އިން ހޯދައިގަނެވޭނެ އެވެ.

ވަނަމެއްގެ ގޮތުން "ހޭލޯ" ގެ ނަން ދީފައިވާ މި ނިޒާމްގެ ބާރު ވަރަށް ގަދަ އެވެ. އެގޮތުން، މިސާލަކަށް ސީސީޓީވީ އަށް މީހެއްގެ ކަންފަތް ނުވަތަ ނިތްކުރީގެ ތަންކޮޅެއް އަަރާފައި ހުއްޓަސް، އުގެއިލް ކުރިން ވިދާޅުވިހެން، އެއީ ކާކުކަން ދެނެގަނެ އެވެ.

ޑެއިލީ މެއިލް އަށް ދެއްވި އިންޓަވިއުއެއްގައި ބްރެޑްފޯޑް ޔުނިވަސިޓީގެ ޕްރޮފެސަރު އުގައިލް ވިދާޅުވީ ތުހުމަތުކުރެވޭ މީހަކު ދެނެގަތުމަށް އެ ސިސްޓަމުން ހޭދަވާނީ ފަޅި ސިކުންތެއް ކަމަށެވެ.

"ސީސީޓީވީން ފެންނަ އިރު ތުހުމަތުކުރެވޭ މީހުން ނުތިބޭނެ ސީދާ ކެމެރާ އަށް ބަލަހައްޓައިގެންނެއް،" އުގެއިލް ވިދާޅުވި އެވެ.

"އަހަރެމެންގެ ނިޒާމުން އެންމެ ފަހަރަަކު ނަމަވެސް މީހެއްގެ މޫނު ދެނެގަނެފި ނަމަ، އެ މީހެއްގެ ކަންފަތް އަރާ ތަންކޮޅެއް ފެނުނަސް އެއީ ކާކުކަން އެނގޭނެ."

މި ސިސްޓަމް ބޭނުންކުރަން ފެށުމުން، ލެސްޓަޝެއާ ޕޮލިހުން ހައްޔަރުކުރާ މީހުންނާ ސުވާލުކުރާ ތަންތަނުގައި ޚާއްސަ ކެމެރާތަކެއް ބަހައްޓާނެ އެވެ. ތުހުމަތުކުރެވޭ މީހާގެ ފޮޓޯ ނަގައި، އެ ސިސްޓަމަށް ލުމުން، އުގެއިލްގެ ޓީމުން ތައްޔާރުކުރި ވަރުގަދަ ސޮފްޓްވެއާގެ އެހީގައި، އެ މީހާގެ ވަރަށް ތަފާތު ސިފަތައް ދެނެގަނެ އެވެ. އޭގެ ތެރޭގައި ހަމުގެ ކުލަ އާއި ލޮލާއި ކަންފަތާއި އަނގައިގެ ބައްޓަން ފަދަ ގުނަވަންތައް ހިމެނެ އެވެ.

ފުލުހުން މިހާރު ގެންގުޅޭ ސިސްޓަމްތަކުގައި، މީހަކު ހައްޔަރުކުރުމަށް ފަހު އެ މީހާގެ ފޮޓޯ ނަގަން ޖެހެނީ އެކި ގޮތް ގޮތަށް، އެކި ކޮޅުކޮޅަށް ބަހައްޓައިގެންނެވެ. އެކަމަކު އުގައިލްގެ ޓީމުން ހެދި ސިސްޓަމްގައި ބޭނުންކުރާ ކެމެރާގެ ކުރިމަތީގައި ތުހުމަތުކުރެވޭ މީހާ ބަހައްޓަން ޖެހެނީ އެންމެ ގޮތަކަށެވެ. އޭރުން ކެމެރާ އަށް ފިތާލާ ކޮންމެ ފަހަރަކު، އޭގައި ހިމަނާފައިވާ ވަރުގަދަ ފޭޝަލް ރިކޮގްނިޝަން އަލްގޮރިދަމް ބޭނުންކޮށްގެން ފަސް ފޮޓޯގަނޑު ނަގައި އެ މީހާގެ މޫނުގެ ތްރީޑީ މޮޑެލްއެއް ހަދަ އެވެ.

މިއީ އުގައިލް ހިމެނިވަޑައިގަންނަވާ ޓީމުތަކުން އުފެއްދި މިފަދަ ފުރަތަމަ އީޖާދެއް ނޫނެވެ. އޭނާ ވަނީ މީހުން ހަދާ ދޮގު ދެނެގަންނަ މުޅިން އާ ސިސްޓަމެއް ވެސް އުފައްދަވާފަ އެވެ.