21 ޑިސެމްބަރ 2016 - 06:26

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި މި އަހަރުގެ ސްޓާޑަސްޓް އެވޯޑުތައް ގެންދާނެ ކަމަށް ކުރިން ބެލެވުނު އެކްޓަރުންނަށް ނުލިބި އެހެން އެކްޓަރުންތަކެއް ވިދާލައިފި އެވެ.
އެންމެ މޮޅު އެކްޓަރުގެ އެވޯޑު (އެޑިޓާޒް ޗޮއިސް) "ފޭން" ކުޅެގެން ޝާހްރުކް ޚާނަށް ލިބުމުން ގިނަ ބަޔަކު ހައިރާންވި އެވެ. އަދި "އުޅްތާ ޕަންޖާބު" ގައި އާލިއާ ބަޓް ކުޅުނު މޮޅު ރޯލަށް އެވޯޑު ނުލިބި "އޭ ދިލް ހެ މުޝްކިލް" އިން އަހަރުގެ އެންމެ މޮޅު ބަތަލާގެ އެވޯޑު އަނުޝްކާ ޝަރުމާ އަށް ލިބުމަކީ ވެސް ގަބޫލުކުރަން ދަތިވި ކަމެކެވެ. މި ކެޓަގްރީން އެޑިޓާޒް ޗޮއިސް ބެސްޓް އެކްޓްރެސްގެ އެވޯޑު ލިބުނީ "ނީރްޖާ" ކުޅެން ސޯނަމް ކަޕޫރަށެވެ.
"ޕިންކް" ކުޅެގެން އަމީތާބު ބައްޗަން އަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބޭ ގޮތެއް ވެސް ނުވި އެވެ.
އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނީ "އޭ ދިލް ހެ މުޝްކިލް" އިން ކަރަން ޖޯހަރް އެވެ. ނަމަވެސް އެޑިޓާޒް ޗޮއިސް ބެސްޓް ފިލްމު މޭކާ އެވޯޑު ގެންދިޔައީ "ޕިންކް" ގެ ޑައިރެކްޓަރު އަނިރުދް ޓޯނީ އެވެ.
ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ލިބުނީ ރޭކާ އަށެވެ. އަދި އެންމެ މޮޅު ނުބައިބައި ރޯލު ކުޅުނު އެކްޓަރުގެ އެވޯޑު ގެންދިޔައީ "ނީރްޖާ" އިން ޖިމް ސަރްބް އެވެ.
އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އަންހެން ކެޓަގަރީން އެވޯޑު ގެންދިޔައީ "ނީރްޖާ" ކުޅެގެން ޝަބާނާ އަޒްމީ އެވެ. ފިރިހެން ބައިން އެވޯޑު ލިބުނީ "ކަޕޫރު އެންޑް ސަންސް" ކުޅެގެން ރިޝީ ކަޕޫރަށެވެ.
އެންމެ މޮޅު މިއުޒިކް ޑައިރެކްޓަރަކަށް ހޮވުނީ "އޭ ދިލް ހެ މުޝްކިލް"ގެ މިއުޒިކް ތައްޔާރުކޮށްދީގެން ޕްރީތަމް އެވެ. އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިއަކީ "އޭ ދިލް ހެ މުޝްކިލް"ގެ 'ޗަންނާ މެރެޔާ' ކިޔައިދިން އަރިޖީތު ސިންގް އެވެ. އެންމެ މޮޅު އަންހެން ލަވަކިޔުންތެރިއަކަށް ހޮވުނީ "ސުލްތާން"ގެ 'ޖަގް ގޫމިޔާ" ކިޔައިދިން ނެހާ ބަސީން އެވެ.
އަލަށް ތައާރަފްވީ އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބުނީ "މިރްޒިޔާ"ގެ ބަތަލާ ސައިމީ ކޭރް އަށާއި "އެމް.އެސް ދޯނީ"ގެ ބަތަލާ ދިޝާ ޕަޓާނީ އަށެވެ. އަދި މި ކެޓަގަރީން އެންމެ މޮޅު ބަތަލުގެ އެވޯޑު ގެންދިޔައީ "މިރްޒިޔާ"ގެ ބަތަލު ހަރްޝްވަރްދަން ކަޕޫރެވެ.
އެންމެ މޮޅު ވާހަކައަކަށް ހޮވުނީ ޝަކުން ބަޓްރާ ލިޔުނު "ކަޕޫރު އެންޑް ސަންސް" އެވެ.