އަންހެނުންނަށް ނިސްބަތްކޮށް ކަނބަލުން ނުކިޔަން ނަޝީދު އެދިވަޑައިގެންފި
އަންހެނުންނަށް ނިސްބަތްކޮށް ކަނބަލުން ނުކިޔަން ނަޝީދު އެދިވަޑައިގެންފި

މި އަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރަމުން އަންނައިރު، އަންހެނުންނަށް ނިސްބަތްކޮށް "ކަނބަލުން" ނުކިޔަން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.

އަންހެނުންގެ ދުވަހާ ގުޅޭ ގޮތުން ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވީ، އަންހެނުންނަށް އަމާޒުކޮށް ބޭނުންކުރާ "ކަނބަލުން"ނަކީ ހުތުރު ބަހެއް ކަމަށެވެ. އޭގެ ބަދަލުގައި "އަންހެނުން" ނުވަތަ "އަންހެން ބޭފުޅުން" ފަދަ ބަސްތައް ބޭނުން ކުރުމަށް ނަޝީދު އެދިވަޑައިގަތެވެ.

އެ މަނިކުފާނު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އަންހެނުންނަށް ގޮނޑި ހާއްސަ ކުރުމުން ރަށްރަށުގެ ލޯކަލް ކައުންސިލްތައް ހިންގުމުގައި އަންހެނުންގެ ބައިވެރިވުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ނުކުންނަ އަންހެނުންގެ އަދަދު ވެސް ގިނަ ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

މި އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރަނީ ދެ ޖިންސުގެ ހަމަހަމަ ކަމާ ގުޅޭ ޝިއާރުގެ ދަށުންނެވެ.

އެހެންވެ، އެހެން އަހަރުތަކުގައި ސަރުކާރުގެ ގިނަ އޮފީސްތަކުން އަންހެނުންގެ ދުވަސް ފާހަގަކުރާ ގޮތަށް ރަތް ދޫލަ އެޅުމާއި މަލާއި ޗޮކްލެޓު ދިނުން އަދި ކޭކު ފެޅުން ފަދަ ކަންކަން ނުކުރުމަށް ޖެންޑާ މިނިސްޓްރީން ވަނީ އަންގައިފަ އެވެ.