10 މާޗް 2022 - 11:11

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން 10 އަހަރެއްހާ ދުވަސް ފަހުން ސްރީ ލަންކާ އަށް އަލުން ދަތުރުތައް ފަށަން ނިންމައިފި އެވެ.
އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި މަހުގެ 27 ވަނަ ދުވަހު ދަތުރުތައް ކުރާނީ މާލެ އިން ކޮލަމްބޯ އިންޓަނޭޝަނަލް އެއާޕޯޓް (ރަތުމަލާނާ އެއާޕޯޓް) އަށް ކަމަށެވެ. އެއީ ސްރީ ލަންކާގައި ރާއްޖެއާ އެންމެ ކައިރީގައި އޮންނަ އެއާޕޯޓެވެ.
ދެކުނު އޭޝިއާގެ ގައުމުތަކަށް ރަތުމަލާނާ އެއާޕޯޓް މިދިޔަ އަހަރު ހުޅުވައިލުމާއެކު، މޯލްޑިވިއަނުން އައީ އެ އެއާޕޯޓަށް ދަތުރުތައް ފެށުމަށް މަޝްވަރާތައް ކުރަމުންނެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ އެ އެއާޕޯޓަށް މޯލްޑިވިއަންގެ ދަތުރުތައް ފަށަން ނިންމީ އެއީ ގިނަ ދިވެހިން އުޅޭ ސަރަހައްދަކަށް ވާތީ ކަމަށެވެ. ދަތުރުތައް ފެށުމާއެކު ގިނަ ދިވެހިންނަށް ލުއިތަކެއް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
މޯލްޑިވިއަން އެއާލައިނުން ރަތުމަލާނާ އެއާޕޯޓަށް އަދި ތާވަލު ކޮށްފައިވަނީ ހަތަރު ދަތުރެވެ. އެއީ މި މަހުގެ 27، 29، 31 އަދި އަންނަ މަހުގެ 3 އަށެވެ. ނަމަވެސް ތަރުހީބަށް ބަލައި ފްލައިޓުތައް އިތުރު ކުރާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ. ދަތުރުތަކުގެ އަގެއް ވެސް އަދި ހާމައެއް ނުކުރެ އެވެ.
މޯލްޑިވިއަން އެއާލައިންގައި ލަންކާ އަށް ދަތުރު ކުރަން ބޭނުންވާ މީހުންނަށް އެ އެއާލައިންގެ ވެބްސައިޓް އަދި މޯބައިލް އެޕްލިކޭޝަނުން ބުކިން ހެއްދޭނެ އެވެ.