ދަތިކުރުމުގެ ރައްދު ފިޔަވަޅު ރަޝިޔާ އިން ވެސް އަޅައިފި
ދަތިކުރުމުގެ ރައްދު ފިޔަވަޅު ރަޝިޔާ އިން ވެސް އަޅައިފި

މޮސްކޯ (މާޗް 11) - ރަޝިޔާ އިން ޔުކްރޭނަށް އެރުމާ ގުޅިގެން ހުޅަނގުން މޮސްކޯއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ރައްދު ފިޔަވަޅުތައް ރަޝިޔާ އިން ވެސް އަޅައިފި އެވެ.

ރަޝިޔާ އިން ވަނީ އެ ގައުމުގެ ބައެއް ތަކެތި މި އަހަރު ނިމެންދެން އެކްސްޕޯޓް ކުރުން މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ޓެލެކޮމް، މެޑިކަލް، ވެހިކަލް، ދަނޑުވެރިކަމާއި އިލެކްޓްރިކަލް ސާމާނު އަދި ލަކުޑި ފަދަ ބާވަތްތައް ހިމެނެ އެވެ. ރަޝިޔާ އިން ވަނީ އެ ގައުމުގެ 200 ބާވަތެއް އެކްސްޕޯޓް ކުރުން މަނާކޮށްފަ އެވެ. ރަޝިޔާ އިން އެޅި ފިޔަވަޅުގެ އަސަރު އެމެރިކާ އާއި އީޔޫ ހިމެނޭ ގޮތުން 48 ގައުމަކަށް ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އަދިވެސް އިތުރު ފިޔަވަޅު އަޅާނެ ކަމަށެވެ. އޭގެ ތެރޭގައި ބޭރުގެ އާގުބޯޓުފަހަރު ރަޝިޔާގެ ބަނދަރުތަކަށް ވަނުން މަނާކުރުން ހިމެނެ އެވެ.

ރަޝިޔާގެ ބޮޑުވަޒީރު މިޚައިލް މިޝުސްޓިން ވިދާޅުވީ އެކްސްޕޯޓްކުރުން މަނާކުރި ތަކެތީގެ ތެރޭގައި ބޭރުގެ ކުންފުނިތަކުން ރަޝިޔާގައި އުފައްދާ ބާވަތްތައް ވެސް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ކާރާއި ރެއިލްވޭ ކެރިއޭޖާއި ކޮންޓެއިނާ ހިމެނެ އެވެ.

ހުޅަނގުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ރަޝިޔާގައި އިންވެސްޓްކޮށްފައިވާ ވަރަށް ގިނަ ބޭރުގެ ކުންފުނިތަކުން ވަނީ މަސައްކަތް ހުއްޓާލައިފަ އެވެ. ރަޝިޔާގެ ކުރީގެ ރައީސް ދިމިތުރީ މެޑްވެޑޭވް ވަނީ އެ ކުންފުނިތަކުގެ މުދާތައް ސަރުކާރަށް ނަގާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ. އަދި ރަޝިޔާ އިން ބުދަ ދުވަހު ވަނީ އެފަދަ މުދާ ނެގޭނެ ގޮތަށް ގާނޫނެއް ވެސް ފާސްކޮށްފަ އެވެ.

ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިއްޔެ ވަނީ ހުޅަނގުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ކާބޯތަކެތި މާކެޓަށް ނޭދެވޭ އަސަރު ކުރާނެކަމުގެ އިންޒާރު ދެއްވައިފަ އެވެ. ސަބަބަކީ ރަޝިޔާއަކީ ދުނިޔޭގައި އެންމެ ގިނައިން ދަނޑުވެރިކަމުގެ ފާޓިލައިޒާ އުފައްދާ އެއް ގައުމަށްވުމެވެ.

ހުޅަނގުގެ ވަރަށް ގިނަ ގައުމުތަކުން ވަނީ ރަޝިޔާއާ ދެކޮޅަށް ވަރަށް ގިނަ ފިޔަވަޅުތައް އަޅައިފަ އެވެ. އޭގެ ތެރޭގައި އެ ގައުމުގެ އެތައް ބިލިއަނަރެއްގެ މުދާ ހިފެހެއްޓުމާއި ރަޝިޔާގެ ތެލާއި ގޭސް ގަތުން ވަނީ މަނާކޮށްފަ އެވެ.