12 މާޗް 2022 - 13:47

ކިއޭވް (މާޗް 12) - ޔުކްރޭނަށް އަރައި ތިބި ރަޝިޔާ ސިފައިންނާ ދެކޮޅަށް ޑްރޯންގެ އެހީގައި ޕެޓްރޯލް ބޮން ބޭނުންކޮށްފި އެވެ.

ޕެޓްރޯލް ބޮން އަޅަން ޑްރޯން ހަދާފައި ވަނީ ޔުކްރޭނިއަން ޓެރިޓޯރިއަލް ޑިފެންސް ފޯސް އިންނެވެ. ޑްރޯންގެ އެހީގައި ރަޝިޔާ ސިފައިންނާ ދެކޮޅަށް ޕެޓްރޯލް ބޮން ބޭނުންކޮށްފައި މި ވަނީ ޔުކްރޭނުގެ އަސްކަރީ ކަންކަމުގައި ބޭނުން ކުރުމަށް އަމިއްލަ ފަރާތްތަކުން ވެސް ޑްރޯން ހަދިޔާ ކުރުމަށް ޔުކްރޭން ސަރުކާރުން އެދުނުތާ ދެ ހަފުތާ ފަހުންނެވެ.
ޑްރޯނުން ވައްޓާލާ ޕެޓްރޯން ބޮން ގޮއްވާލާ ގޮތެއް ޔުކްރޭން ސިފައިން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ބޭނުންވާ އަމާޒަށް ޑްރޯނުން ޕެޓްރޯލް ފުޅި ވައްޓާލާ މަންޒަރުގެ ފޮޓޯތައް ވަނީ އާއްމުވެފަ އެވެ.
ރަޝިޔާ ސިފައިންނާ ދެކޮޅަށް ޔުކްރޭނުން ހަނގުރާމަ ކުރަމުންދާ އިރު އެ ގައުމުން އެންމެ ބޮޑަށް އެދެމުން ދަނީ ހަތިޔާރު ފޯރުކޮށްދިނުމަށެވެ. ޚަބަރުތައް ބުނާ ގޮތުގައި ރަޝިޔާ ސިފައިން މިހާރު މަސައްކަތް ކުރަމުން ދަނީ ވެރިރަށް ކިއޭވް ހިފުމަށެވެ.