ކުޅުންތެރިން ތިބީ ގޯލްޑަކަށް ކެތްމަދުވެފައި: ބަޓިސް
ކުޅުންތެރިން ތިބީ ގޯލްޑަކަށް ކެތްމަދުވެފައި: ބަޓިސް

ބަންގްލަދޭޝްގައި މާދަމާ ފަށާ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ނުކުންނައިރު ރާއްޖޭގެ ކުޅުންތެރިން ތިބީ ރަން މެޑަލް ހޯދުމަށް ކެތްމަދުވެފައި ކަމަށް ޓީމުގެ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް) ބުނެފި އެވެ.

"ޓީމުގެ ރޫހަކީ އެއީ. ދެތިން އަހަރެއް މިވީ ގޯލްޑަކަށް އަމާޒުކޮށްގެން ކުޅޭތާ. ވަރަށް މަސައްކަތް އެބަކުރެވޭ އެކަމަށް. މިދިޔަ ފަހަރުގެ ފައިނަލުގައި ބަލިވެފައި މިއޮތީ. އެ ހިސާބުން ފެށިގެން ކުޅުންތެރިން މިތިބީ ގޯލްޑަކަށް ކެތްމަދުވެފައި" ބަޓިސް ބުންޏެވެ.

އޭނާ ބުނީ ޓީމުގެ ކޮންމެ ކުޅުންތެރިޔަކު ވެސް ޓީމުގައި ހިމެނުމަށް ވަރަށް މަސައްކަތް ކުރަން ޖެހުނު ކަމަށެވެ.

"ޓީމުގެ ސަޕްރައިޒަކަށްވާނީ މި ޓީމުގެ ކުޅުންތެރިން ކުރާ މަސައްކަތް. މި ކުޅުންތެރިން ކުރާ ހިތްވަރާ އެކު އިރާދަކުރެއްވިއްޔާ ބޮޑު ކާމިޔާބެއް ލިބޭނެ ކަމުގެ އުއްމީދު އެބައޮތް." ބަޓިސް ބުންޏެވެ.

މި ފަހަރުގެ މުބާރާތަށް އެކުލަވާލި ޓީމުން ތަޖުރިބާކާރު ކުޅުންތެރިޔާ އަޝްފާގު އާދަމް (އައްކަޅޭ) ބާކީވުމަކީ ވަރަށް ގިނަ ބަޔަކަށް ލިބިގެންދިޔަ ހައިރާން ކަމެކެވެ. ބަޓިސް ބުނީ ޓީމު ނެގުމަކީ ކޯޗުގެ ޒިންމާއެއް ކަމަށާއި އޭނާގެ ނިންމުމަށް އިހުތިރާމް ކުރަން ޖެހޭ ކަމަށެވެ.

"ވަރަށް އެއްވަރު ކުޅުންތެރިންތަކެއް މިހާރު މި ކުޅެނީ. ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން އެކުވެފައި އޮތް ވަރަށް ވަރުގަދަ ޓީމެއް މިހާރު އޮތީ. އެއް ކުޅުންތެރިޔަކު ބާކީވިޔަސް އެއީ ކޯޗުގެ ނިންމުމެއް. މިއީ އެއް ޓީމެއް. މުޅި ޓީމުގެ ޓާގެޓަކީ އެންމެ ކަމެއް އެންމެންގެ ވިސްނުން ހުރީ ވެސް ގޯލްޑަކާ ދިމާލަށް،" ބަޓިސް ބުންޏެވެ.

ގައުމީ ޓީމުގެ ކޯޗު ކުމާރާ ވެންޑަކޫންގެ އިރުޝާދުގެ ދަށުން ޓްރެއިނިން ކޭމްޕް ދިޔައީ ވަރަށް ރަނގަޅަށް ކަމަށް ބަޓިސް ބުންޏެވެ.

"ޓްރެއިނިން ކޭމްޕްގައި މައިގަނޑު ކަމަކަށް ކުރި ކަމަަކީ ކޮންމެ ކުޅުންތެރިޔެއްގެ ވެސް ވީކް ކަންތައްތައް ފާހަގަކޮށް ހާއްސަކޮށް އެކަންތައް ރަނގަޅުކުރަން މަސައްކަތްކުރީ. އެކަން ވަރަށް ބޮޑަށް ރަނގަޅުވެއްޖެ. ކޯޗުގެ ވިސްނުމާ އެއްގޮތަށް މެޗުތަކުގައި ކުރިއަށްދާން ކޭމްޕް ތެރޭގައި ދަސްވެއްޖެ،" އޭނާ ބުންޏެވެ.

މިއީ ބަންގްލަދޭޝަށް މި މުބާރާތް ކުޅެން އައި ތިން ވަނަ ފަހަރު ކަމަށާއި އެހެން ކަމުން މި ތަނަށް ޓީމުގެ ކުޅުންތެރިން ހޭނިފައިވާ ކަމަށް ބަޓިސް ބުންޏެވެ.