21 ޑިސެމްބަރ 2016 - 08:33

މެޑްރިޑް (ޑިސެމްބަރު 21) – އަންނަ ޖެނުއަރީ އަދި ޖޫން ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ނުގަނެވޭ ގޮތަށް ރެއާލް މެޑްރިޑަށް ފީފާ އިން ދީފައިވާ އަދަބު ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް އިން ލުއިކޮށްދީފި އެވެ.
މެޑްރިޑުން މައްސަލަ އިސްތިއުނާފްކުރުމުން އެ ކޯޓުން އިއްޔެ ނިންމާފައިވަނީ ހަމައެކަނި ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި އެ ކްލަބަށް ކުޅުންތެރިން ނުގަނެވޭ ގޮތަށް އަދަބު ލުއިކުރާށެވެ. މާނައަކީ އަންނަ އަހަރުގެ ޖޫން ޓްރާންސްފާ ބާޒާރުގައި އެ ކްލަބަށް ހަރަކާތްތެރިވެވުމެވެ.
މީގެ އިތުރުން ކޯޓުން ވަނީ ފީފާ އިން އެ ކްލަބަށް ދީފައިވާ 282،000 ޕައުންޑުގެ ޖޫރިމަނާ 188،000 ޕައުންޑަށް ކުޑަކޮށްދީފަ އެވެ.
ފީފާ އިން މެޑްރިޑާއި ވާދަވެރި އެތުލެޓިކޯ މެޑްރިޑަޑް އަދަބު ދީފައިވަނީ 18 އަހަރުން ދަށުގެ ކުޅުންތެރިން ގަވާއިދާ ހިލާފަށް ގެނައި މައްސަލައިގަ އެވެ. މިފަދަ މައްސަލައެއްގައި ސްޕެއިނުގެ ބާސެލޯނާ އަށް ވެސް މީގެ ކުރިން ވަނީ އަދަބުދީފަ އެވެ.
ރެއާލް މެޑްރިޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާބިޓްރޭޝަން ކޯޓުގެ ނިންމުމުން ސާބިތުވީ ފީފާ އިން ކުރިން ދިން އަދަބަކީ ބޭއިންސާފު އަދަބެއްކަން ކަމަށާއި އަދި އެ އަދަބު އެއްކޮށް އުވާލުމުގެ ހިތްވަރު ކޯޓުގައި ނެތީތީ އެކަމާ ހިތާމަކުރާ ކަމަށެވެ.