14 މާޗް 2022 - 14:54

ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ އެއްބާރު ކަމަށްވާ ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގެ 19 ވަނަ ދުވަހަށް ފެށި އިރު، މަދަނީ ގޮތުންނާއި އަސްކަރީ ގޮތުން ދެ ގައުމަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ރަޝިޔާގެ ރޮކެޓާއި މިސައިލާއި ބޮމުގެ ހަމަލާތައް، ޔޫކްރޭންގެ މައި ސަހަރުތަކަށް އަމާޒުކުރަމުންދާ އިރު، ކޮންމެ ހަނގުރާމައެކޭ އެއްފަދައިން، އެންމެ ބޮޑު ގެއްލުމަކާއި ނުރައްކާތަކެއް ކުރިމަތިވަމުން ދަނީ އާންމު ރައްޔިތުންނަށެވެ. ރަޝިޔާގެ ހަމަލާތައް އެންމެ ގިނައިން އަމާޒުވާ، ވެރިރަށް ކިޔޭވްގައި 3.5 މިލިއަން މީހުން ދިރިއުޅެ އެވެ.

ޚަރްކީވްގައި 1.5 މިލިއަން މީހުން ދިރިއުޅޭ އިރު، މަރިއުޕޯލްގައި 430،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެ އެވެ. ވެރިރަށް ކިޔޭވަށް ފަހު އެންމެ ވަރުގަދަ ހަމަލާތަކެއް މިހާތަނަށް ކުރިމަތިވަމުން އައީ މި ދެ ސަހަރުގައި ދިރިއުޅޭ މީހުންނަށެވެ. މީގެ ތެރެއިން މަރިއުޕޯލަށް ދިން ހަމަލާތަކުގައި އެ ސަހަރުގެ ކަރަންޓު ވިއުގަ އާއި ބޯފެން ރައްކާކުރާ ތަންތަން ފުނޑުފުނޑުވެފައިވާތީ، ކަރަންޓު ނެތުމާއި ބޯފެނުގެ ދަތިކަމުގައި އެ ސަހަރުގެ އާންމު ރައްޔިތުން އުޅެމުން އަންނަތާ ދެ ހަފުތާ ވެއްޖެ އެވެ.

އަސްކަރީ ގޮތުން ބަލާއިރު، އެމެރިކާގެ އަންދާޒާތައް ބުނާ ގޮތުން، މި ހަނގުރާމައިގައި ރަޝިޔާ ސިފައިންގެ 2،000-6،000 ސިފައިން މިހާތަނަށް މަރުވެއްޖެ އެވެ. ނަމަވެސް ބައެއް އެހެން ފަރާތްތަކުގެ އަންދާޒާތަކަށް ބަލާއިރު، އެ އަދަދު މާ މަތިވާނެ އެވެ.
ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ، މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވި ގޮތުގައި، ފެބްރުއަރީ 24 ވަނަ ދުވަހުގެ ފަތިހުގެ ވަގުތުގައި ރަޝިޔާ ސިފައިން ހަނގުރާމަ ފެށި ފަހުން އެހާތަނަށް، ޔޫކްރޭންގެ 1،300 ސިފައިން މަރުވެއްޖެ އެވެ. އެ އަދަދު ވެސް މިހާރު އިތުރުވާނެ އެވެ.
ޔޫކްރޭންގެ ސިފައިންނާއި އާންމުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯތަކާއި ފޮޓޯތަކަށް ބަލާއިރު، ދުނިޔޭގެ ދެ ވަނަ އަށް އެންމެ ބާރު ގަދަ ގައުމުގެ ގޮތުގައި އޮތް ރަޝިޔާގެ އަސްކަރިއްޔާ އަށް މި ހަނގުރާމައިގައި މިހާތަނަށް ލިބުނު ގެއްލުންތައް ވަރަށް ބޮޑެވެ. އެހެން ނަމަވެސް، އެ ގެއްލުންތަކުގެ ފުރިހަމަ މިންވަރެއް އަންދާޒާކުރާކަށް ނޭނގެ އެވެ.
ރަޝިޔާ އިން ބުނާ ގޮތުގައި ޔޫކްރޭން ހަނގުރާމައިގައި އެ ގައުމުގެ ސިފައިންގެ ތެރެއިން މިހާތަނަށް މަރުވީ 498 މީހުންނެވެ. ޒަހަމްވީ 1،597 ސިފައިންނެވެ. މިއީ، 1982 ވަނަ އަހަރު އިނގިރޭސި ވިލާތާއި އާޖެންޓީނާއާ ދެމެދު 72 ދުވަސް ވަންދެން ކުރި ފޯކްލޭންޑް ހަނގުރާމައިގައި، އިނގިރޭސި ލަޝްކަރުން މަރުވި މީހުންގެ އަދަދަށް ވުރެ ދެ ގުނަ އިތުރު އަދަދެކެވެ. އެ ހަނގުރާމައިގައި އާޖެންޓީނާގެ ލަޝްކަރުން މަރުވީ 649 ސިފައިންނެވެ.
ޔޫކްރޭން ހަނގުރާމައިގައި ދެ ފަރާތުން މަރުވި ސިފައިންގެ އަންދާޒާކުރާ އެންމެ މަތީ އަދަދަށް ބަލާއިރު، ދުވާލަކަށް މަރުވާ ސިފައިންގެ އަދަދަކީ 430 އެވެ. އަދި މި ހަނގުރާމައިގައި ތަފާތު ޒަހަމްތަކާ އެކު ފުރާނަ ސަލާމަތްވެ ފަރުވާ ދޭންޖެހޭ ސިފައިންގެ އަދަދު ވެސް ޔޫކްރޭނަށް ވުރެ ރަޝިޔާގެ ލަޝްކަރުގައި ގިނަ އެވެ.
ޒަހަމްވި މީހުންގެ އަންދާޒާކުރާ އެންމެ މަތީ އަދަދުތަކަށް ބަލާއިރު، ޔޫކްރޭން ހަނގުރާމައިގައި ރަޝިޔާ ސިފައިންގެ ތެރެއިން މިހާތަނަށް 20،000 ސިފައިން ޒަހަމްވެފައިވާނެ ކަމަށް ބެލެވެ އެވެ.
ރަޝިޔާ ސަރުކާރުން ބުނެފައިވާ ގޮތުގައި ހަނގުރާމައިގެ ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި އެ ގައުމުގެ ސިފައިންގެ ތެރެއިން މަރުވީ 498 މީހުންނެވެ. ނިސްބަތުން ބަލާނަމަ އެއީ ދުވާލަކަށް 70 ސިފައިންނަށް ވުރެ ގިނަ އަދަދެކެވެ. މިއީ ރަޝިޔާ ފަދަ ޒަމާނީ އަސްކަރީ ޓެކްނޮލޮޖީގެ އެހީގައި ހަނގުރާމަ އަށް ނުކުންނަ ބައެއްގެ ނިސްބަތުން ބަލާނަމަ، ވަރަށް މަތީ އަދަދެކެވެ.
ޔޫކްރޭން ސަރުކާރުން ބުނެފައިވާ ގޮތުގައި ހަނގުރާމައިގެ ފުރަތަމަ 16 ދުވަހުގެ ތެރޭގައި އެ ގައުމުގެ ސިފައިންގެ ތެރެއިން މަރުވި މީހުންގެ އަދަދަށް ބަލާއިރު، އެވްރެޖް ގޮތެއްގައި ދުވާލަކު 76 ސިފައިން މަރުވެފައިވެ އެވެ.
އެމެރިކާ ސިފައިން ވިއެޓްނާމަށް އަރައި ކުރި ހަނގުރާމައިގެ އެންމެ ގެއްލުން ބޮޑުވި އަހަރު ކަމަށްވާ 1968 ވަނަ އަހަރުގެ ތެރޭގައި، އެވްރެޖް ގޮތެއްގައި މަހަކު 1،400 ސިފައިން، އެމެރިކާގެ ލަޝްކަރުން މަރުވެފައިވެ އެވެ. އެއީ ދުވާލަކު ގާތްގަނޑަކަށް 46 ސިފައިންނެވެ.
ޔޫކްރޭން ހަނގުރާމައިގައި ދެ ގައުމުގެ ސިފައިންނަށް ލިބުނު ގެއްލުންތަކުގެ އަންދާޒާކުރާ އެންމެ މަތީ އަދަދުތަކާއި އެންމެ ދަށް އަދަދުތަކުގެ ތެރެއިން، ރަނގަޅީ ކޮންމެ އަދަދެއް ކަމަށް ވިޔަސް، މި ހަނގުރާމައިގައި ދެ ގައުމުގެ ލަޝްކަރަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.