15 މާޗް 2022 - 17:46

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް މިއަދު ދަށަށް ހިގައްޖެ އެވެ.
ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރަޝިއާ-ޔުކްރެއިން ހަނގުރާމައާ ގުޅިގެން މިހާ ބޮޑަށް ތެލުގެ އަގު ވެއްޓިދާނެ ކަމަށް މަސްރަހު ދިރާސާ ކުރާ މީހުން ވެސް ލަފައެއް ނުކުރެ އެވެ. އެކަމަކު، މިދިޔަ ހަފުތާއެއް ކުރިން 129 ޑޮލަރަށް ލިބުނު ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 98 ޑޮލަރަށް ވެއްޓިފަ އެވެ.
މިދިޔަ ހަފުތާގައި ވެސް ތެލުގެ އަގު ވަރަށް ބޮޑަށް ވެއްޓުނެވެ. އެ ފަހަރު ތެލުގެ އަގު ވެއްޓުނީ އޯޕެކްގެ އެންމެ ބާރުގަދަ އެއް ގައުމު، ޔޫއޭއީން ތެޔޮ އުފައްދާ ވަރު އިތުރު ކުރަން ނިންމުމުންނެވެ.
މި ފަހަރު ތެލުގެ އަގު ދަށަށް ދިޔައީ ތެލުގެ ވިޔަފާރި ކުރުމުގެ އެމެރިކާ އިން ވެނެޒުއޭލާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވައިލާނެ ކަމަށް ލަފާކުރަން ފެށުމުންނެވެ.
ދުނިޔޭގެ ބާޒާރުގައި މި އަހަރު ތެލުގެ އަގު އުފުލޭނެ ކަމަށް މިދިޔަ އަހަރުން ފެށިގެން ވެސް ލަފާކުރި އެވެ. ނަމަވެސް އޭރު ލަފާކުރީ މި އަހަރު ނިމޭއިރު ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް އަރާނެ ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، ރާއްޖޭގައި ވެސް ޕެޓްރޯލާއި ޑީސަލުގެ އަގު ވަނީ އުފުލިފަ އެވެ. މި ވަގުތު ރާއްޖޭގައި ޕެޓްރޯލް ލިޓަރެއް 14.60ރ. އަށް ލިބޭއިރު ޑީސަލް ލިޓަރެއްގެ އަގަކީ 14.80ރ. އެވެ