17 މާޗް 2022 - 05:51

ކެރީބިއަން ކަނޑުގައި އޮންނަ ފަޅުރަށެއް ގަނެ، އަމިއްލަ ގައުމެއް އުފެއްދުމުގެ މަސައްކަތް ބަޔަކު ފަށައިފި އެވެ.

"ލެޓްސް ބައި އޭން އައިލެންޑް" ގެ ނަމުގައި ހިންގި ކްރައުޑްފަންޑިން ކެމްޕެއިނެއް މެދުވެރިކޮށް "ކޮފީ ކޭއި" ކިޔާ އެ ރަށް ގަތީ 250،000 ޑޮލަރަށެވެ. އެ ރަށުގައި 1.2 އޭކަރު ކުޑަކުޑަ ބިމެއް އޮވެ އެވެ.

އެ ރަށް ގަތް އިންވެސްޓަރުން ވަނީ އެއީ ވަކި ގައުމެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަސައްކަތް ފަށައިފަ އެވެ. އަމިއްލަ ދިދައަކާއި ގައުމީ ސަލަމާއި އަދި ސަރުކާރެއް ހެދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ގައުމެއްގެ ގޮތުގައި އެ ރަށް ތަރައްގީ ކުރަނީ "ޕްރިންސިޕަލްޓީ އޮފް އައިލެންޑިއާ" ގެ ނަމުގަ އެވެ.
"ލެޓްސް ބައި އޭން އައިލެންޑް" ގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި، 5،495 ޑޮލަރު ދައްކައިގެން އެ ގައުމުގެ އިންވެސްޓަރަކަށް ވެވިދާނެ އެވެ. މިހާތަނަށް 103 މީހަކު އެ ގައުމުގައި އިންވެސްޓްކޮށްފައިވެ އެވެ.
އެ ގައުމުގެ ވަޒަންވެރިންގެ ގޮތުގައި މިހާތަނަށް 350 މީހަކު ރަޖިސްޓްރީ ކޮށްފައިވާއިރު، އެ މީހުންގެ އަމާޒަކީ 5،000 މީހުންގެ އާބާދީއެއް ހަަމަކުރުމެވެ.
އެ ގައުމުގެ ހެދުމުގެ މަސައްކަތުގައި އިސްކޮށް އުޅޭ ވިޔަފާރީވެރިއެއް ކަމަށްވާ ގެރެތު ޖޯންސަން ބުނީ އަމިއްލަ ގައުމެއް ހެދުމުގެ ހިޔާލު ލިބުނީ މީގެ 10 ވަރަކަށް އަހަރު ކުރިން ކަމަށެވެ. މަޖަލަކަށް ފެށި އެކަން ކަމިޔާބުވުމުން އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ.