ސަސް އަށް ދެވަނަ މޮޅު، ފުރުތަމަ ބުރުގައި ގްރާންޑޭއަށް މޮޅެއް ނެތް
ސަސް އަށް ދެވަނަ މޮޅު، ފުރުތަމަ ބުރުގައި ގްރާންޑޭއަށް މޮޅެއް ނެތް

ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ލީގުގައި ހޯދި ދެވަނަ މޮޅާއެކު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ނިންމައިލައިފި އެެވެ.

ސަސް އަށް ދެވަނަ މޮޅު، ފުރުތަމަ ބުރުގައި ގްރާންޑޭއަށް މޮޅެއް ނެތް
ސަސް އަށް ދެވަނަ މޮޅު، ފުރުތަމަ ބުރުގައި ގްރާންޑޭއަށް މޮޅެއް ނެތް

މިރޭގެ މެޗާއެކު ގްރާންޑޭ އަށް ވެސް ވަނީ ލީގުގެ ފުރަތަމަ ބުރު ނިމިފަ އެވެ. އެކަމު ފުރަތަމަ ބުރުގައި އެއް ވެސް މެޗަކުން މޮޅެއް ނުހޯދި ނިންމާލި ޓީމަކީ އެޓީމެވެ. ލީގުގައި އެޓީމު ކުޅުނު ފުރަތަމަ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އާއެއްވަރުކޮށްގެން ހޯދި ޕޮއިންޓް ފިޔަވައި އިތުރު ޕޮއިންޓެއް އެޓީމަކަށް ނުލިބެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ ވެސް ގްރާންޑޭއިންނެވެ. މެޗު ފެށިގެން 16 ވަނަ މިނެޓްގައި ގްރާންޑޭގެ އިސްމާއީލް ނަޒީހް ވަނީ އެޓީމަށް ލީޑް ނަގައިދީފަ އެވެ.

މީގެ ކުރިން އީގަލްސްއާ ދެކޮޅަށް ގްރާންޑޭ ކުޅުނު މެޗުގައި ދެލަނޑުގެ ލީޑެއް ނެގި އެވެ. އެކަމަކު އެމެޗުގައި ވެސް ދިމާވި މައްސަލަ މިރޭ ވެސް ތަކުރާރު ވިއެެވެ.

ގްރާންޑޭ އަށް ކުރިމަތިވާ މައްސަލަ އަކީ ލީޑްގައި ނުހިފެއްޓުމެވެ. މިރޭގެ މެޗުގައި ވެސް ދެވަނަ ހާފުގައި އެޓީމަށް ލީޑް ގެއްލުނެވެ. ބިދޭސީ ކުޅުންތެރިޔަކާ ނުލައި ކުޅެމުންދާ ސަސް އިން ނަތީޖާ އަނބުރާލީ ދެވަނަ ހާފުގައި ޖެހި ލަނޑުތަކުންނެވެ.

ސަސްއިން ލަނޑުތައް ޖެހީ މެޗުގެ ފަހު 15 މިނެޓްގަ އެވެ. އެޓީމުގެ ދެ ލަނޑު ވެސް ޖެހީ ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ) އެވެ. ފުރަތަމަ ލަނޑު ޖެހީ 75 ވަނަ މިނެޓްގަ އެވެ. މެޗުން ސަސް މޮޅުކޮށްދިން ލަނޑު އޭނާ ޖެހީ 85 ވަނަ މިނެޓްގަ އެވެ.