20 މާޗް 2022 - 12:42

ހާމަކަންބޮޑު، ދެފުށްފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް ދައުލަތުގެ އިދާރާތަކުގެ ޕްރޮކިއުމަންޓް ޕްލޭންތައް ފިނޭންސް މިނިސްޓްރީން ފުރަތަމަ ފަހަރަށް އާއްމުކުރަން ފަށައިފި އެވެ.
އެ މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު ވަނީ ކައުންސިލްތަކާއި މިނިސްޓްރީތަކާއި އެހެނިހެން އިދާރާތަކުގެ ޕްރޮކިއުމަންޓް ޕްލޭންތައް އާއްމުކޮށްފަ އެވެ. މި ބަދަލު ގެނައީ ދައުލަތުގެ އިދާރާތަކުގެ ޕްރޮކިއުމަންޓް މަސައްކަތްތައް ވީހާވެސް ހާމަ ކަން ބޮޑުކޮށް ގެންދަން ކަމަށް މިނިސްޓްރީން ބުންޏެވެ.
އާއްމުކޮށްފައިވާ މައުލޫމާތުތަކުގެ ތެރޭގައި އިދާރާތަކަށް ބޭނުންވާ ސާމާނު ހޯދުމަށް ކޮށްފައިވާ އިއުލާންތަކާއި މަސައްކަތްތައް ވަނީ ވަކިކޮށްފަ އެވެ. މިހާތަނަށް ސަރުކާރުގެ އޮފީސްތަކުން މަސައްކަތްތައް ހަވާލުކުރަން ނުވަތަ ބޭނުންވާ ތަކެތި ހޯދަން އިއުލާންކުރަނީ ގެޒެޓުގަ އެވެ.
މިހެން ހެދުމުން އިއުލާން ނުފެނި މަދު ބަޔަކު ކުރިމަތިލާ ހާލަތުތައް މެދުވެރިވެ އެވެ.
އެ މިނިސްޓްރީން ބުނީ އިދާރާތަކުގެ ޕްރޮކިއުމަންޓް ޕްލޭންތައް އާއްމު ކުރުމުން އެ މަސައްކަތްތައް ރާވާފައިވާ ގޮތް އެނގި ޕްރޮޖެކްޓުތަކަށް ކުރިމަތިލާ ފަރާތްތަކަށް އެކަމަށް ތައްޔާރުވާން ފުރުސަތު ލިބޭނެ ކަމަށެވެ. އަދި ޕްރޮޖެކްޓުތަކަށް ކުރިމަތިލާ އިރު ކުޑަ އަގެއް ހުށަހަޅަން މަގުފަހިވާނެ ކަމަށް ވެސް ބުންޏެވެ.
މީގެ އިތުރުން އެ ޕްލޭންތައް އާއްމު ކުރުމުން ސަރުކާރުން ޕްރޮކިއުމަންޓަށް ކުރަން ޖެހޭ ހަރަދު އެތައް ގުނައެއް ކުޑަވެގެންދާނެ ކަމަށް ފިނޭންސުން ލަފާކުރެ އެވެ.