22 މާޗް 2022 - 11:03

ކުލި ދެއްކުން މިހާރު ވެސް ހަތް މަސް ދުވަހަށް ފަސްކޮށްދީފައިވާ ހިޔާ ފްލެޓްތަކުގެ ކުލި އަނެއްކާ ވެސް ކުޑަކޮށްދޭން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި އެދެން ފްލެޓް ލިބުނު މީހުން ސޮއި ހޯދަން ފަށައިފި އެވެ.
ހިޔާ ފްލެޓްތަކަށް މަހު ކުލީގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައި ވަނީ 7،500ރ. އެވެ. އަދި ސާވިސް ފީގެ ގޮތުގައި 1،000 ވެސް ކޮންމެ މަހަކު ދައްކަން ޖެހޭއިރު އެ ކުލި ބޮޑުވެގެން އެ މީހުން ޝަކުވާކުރަނީ ފްލެޓްތަކުގެ މަސައްކަތް އެކީ ނުނިންމާ ހަވާލުކުރުމަށް ފަހު އެހާ ބޮޑު އަދަދެއް ކުއްޔަށް ނަގާތީ އެވެ.
ފްލެޓް ލިބުނު މީހުންގެ މައިގަނޑު ޝަކުވާއަކީ ފިނިޝިން ނިންމައި ކުރިން ހަވާލުކުރި ފްލެޓްތައް ވެސް ހިޔާ ފްލެޓަށް ވުރެ ހެޔޮވުމެވެ.
ހިޔާ ޔޫނިއަނުންގެ އޮފިޝަލަކު، "މިހާރު" އަށް ވިދާޅުވީ އެ ޔޫނިއަނުން އިސްވެ، ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން މިފަހަރު އެދޭނީ ފްލެޓްތަކުގެ ބެލެނިވެރި ފަރާތް، އެޗްޑީސީގައި ކަމަށެވެ.
"އަޅުގަނޑުމެން ކުލި ކުޑަކޮށްދޭން އެދުމަށް ތައްޔާރުވަމުން މިދަނީ. ކޮންމެ ޔުނިޓް އޯނަރެއް އެ މަސައްކަތް ކުރަމުންދަނީ އެ ޔުނިޓެއްގެ މީހުންގެ ސޮއި ހޯދުމަށް،" ހިޔާގެ 16 ޓަވަރުގައި އުޅޭ މީހުންގެ ސޮއި ހޯދުމަށް އިއްޔެ ފެށި މަސައްކަތާ ގުޅިގެން އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިއްޔެ ވެސް 600 އެއްހާ މީހުން ވަނީ ފްލެޓްގެ ކުލި ކުޑަކޮށްދޭން އެދޭ ސިޓީގައި ސޮއިކޮށްފަ އެވެ. ކުރިން ފްލެޓް ކައިރީ ފްލޫ ކްލިނިކް ހިންގި ސަރަހައްދުގައި ޔޫނިއަނުން ކުލި ކުޑަކުރުމަށް ސޮއި ހޯދަމުން އަންނައިރު މިއަދު މި ހަރަކާތް ކުރިއަށް ދާނީ ހަވީރު 4 އިން ރޭގަނޑު 11 އަށެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން އެދެނީ ދިރިއުޅުމަށް ބޮޑު ހޭދައެއްކޮށްފައި އޮތުމުންނެވެ.
ޔޫނިއަނުން އެޗްޑީސީގައި އެދެނީ ކުރީ ސަރުކާރުގައި ވެސް ފްލެޓަށް ކަނޑައެޅި ކަމަށް ބުނާ 5،600ރ. އަށް ބަދަލުކޮށްދޭށެވެ.
ކުރިން އެޗްޑީސީން ބުނީ މިހާރު ކަނޑައަޅާފައިވާ އަގަށް ވުރެ ފްލެޓްތަކުގެ ކުލި ކުޑަކޮށްދެވެން ނެތް ކަމަށެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިޔާ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ސަރުކާރުން ކޮމާޝަލް ރޭޓެއްގައި ލޯނެއް ނަގައިގެން ކަމަށްވާތީ އެވެ. ސަރުކާރުން އޭރު ލޯނު ނަގާފައިވަނީ އަށް ޕަސެންޓް އިންޓްރެސްޓް ރޭޓެއްގައި 20 އަހަރުން އަނބުރާ ދައްކާ ގޮތަށެވެ. އެހެންވެ އެ އަގަށް ކުލި ނަގައިގެން ނޫން ގޮތަކަށް ލޯނު އަނބުރާ ނުދެއްކޭނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.
ހިޔާ ފްލެޓްތަކުން މިދިޔަ ސެޕްޓެމްބަރުގައި ކުލި ނަގާ ގޮތަށް އޮތަސް އެ ތަންތަނުގެ ފިނިޝިން މަސައްކަތްކުރަމުން ކުލި ނެގުން ބުރަޔަކަށްވާނެ ކަމަށް ބުނެ ފްލެޓް ލިބުނު މީހުން ކަންބޮޑުވުން ފާޅުކުރުމުން ސަރުކާރުން ވަނީ ތިން މަސް ދުވަހަށް ކުލި ފަސްކޮށްދީފަ އެވެ. އޭގެ ފަހުން ޑިސެމްބަރުގެ ނިޔަލަށް ކުލި ދައްކަން ނުޖެހޭ ގޮތަށް ހެދިއިރު ފަހުން ވަނީ މާޗު މަހުގެ ނިޔަލަށް ކުލި ފަސްކޮށްދީފަ އެވެ.
މިހާރު އޮތްގޮތުން އަންނަ މަހުން ފެށިގެން އެތަނުން ކުލި ނަގަން ފަށާނެ އެވެެ.