24 މާޗް 2022 - 05:50

ބޮލީވުޑްގެ ލަވަކިޔުންތެރިޔާ އަދި ކޮމްޕޯޒާ އަންކިތު ތިވާރީ އަށް މިދިޔަ ދުވަސްތަކަކީ އެ އިންޑަސްޓްރީގައި ފަސޭހަ ދުވަސްތަކެއް ނޫނެވެ. އަންކިތުގެ ކުރީގެ ލޯބިވެރިޔާ 2014 ގައި އޭނާ އަށް ކުރި ރޭޕް ތުހުމަތުން ސަލާމަތްވީ 2017 ގަ އެވެ. އެކަމަކު އެ ދޮގު ތުހުމަތުގެ ސަބަބުން އަންކިތުގެ ކެރިއަރަށް ކުރިމަތިވި ގޮންޖެހުންތައް މިފަހުން އޭނާ ވަނީ ކިޔައިދީފަ އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އަންކިތު ބުނީ ރޭޕްގެ ތުހުމަތާ އެކު އޭނާ ބޮލީވުޑުން އެއް ފަރާތްކޮށްލި ކަމަށެވެ.

"އާޝިގީ 2" އާއި "ސިންގްހަމް ރިޓާންސް" އާއި "ޕީކޭ" ކަހަލަ ކާމިޔާބު ފިލްމުތަކުގެ މިއުޒިކް ކޮމްޕޯސްކޮށް އެ ފިލްމުތަކަށް ލަވަކިޔާ ބޮޑު މަގުބޫލުކަމެއް ލިބިފައިވަނިކޮށް މުމްބާއީ ފުލުހުން އަންކިތު ހައްޔަރުކުރީ 2014 ގައި އޭނާ ރައްޓެހިވެގެން އުޅުނު އަންހެން ކުއްޖާ ރޭޕް ކުރިކަމުގެ ތުހުމަތުގަ އެވެ.
"އެއްވެސް ސަބަބެއް ނުދައްކާ ބައެއް މީހުން އަހަންނާ އެކު މަސައްކަތް ކުރަން ނިންމި ނިންމުން އަނބުރާ ގެންދިޔަ. އެތައް ޕްރޮޖެކްޓެއް އަތުން ދޫވެގެން ދިޔަ. ގިނަ މަސައްކަތްތައް ގާތްގަނޑަކަށް ނިމޭ ހިސާބުގައި އޮއްވާ ވެސް އެ މަސައްކަތް ވެސް ނުލިބުނު. އެކަމަކު އެ ހިސާބުން ވެސް އުއްމީދު ދޫކޮށް ނުލަން،" އޭނާ ބުންޏެވެ.
އޭނާ ބުނީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ހަގީގީ ރައްޓެހިން އެނގުނީ އެ ދުވަހު ކަމަށެވެ. އެ އުނދަގޫ ވަގުތު ފިލްމީ ދާއިރާގެ މަދު ބަޔަކު އޭނާއާ އެކު ތިބި ކަމަށާއި އެމީހުންނަކީ އާއިލާ ކަމަށް ދެކޭ ކަމަށް ބުންޏެވެ.
މުމްބާއީގެ ސެޝަންސް ކޯޓުން ބެލި އެ މައްސަލައިގައި ހެއްކެއް ނެތިގެން އޭނާގެ މައްޗަށް އެ ތުހުމަތު ސާބިތުނުވާ ކަމަށް ނިންމީ އޭޕްރީލް 2017 ގަ އެވެ. އޭގެ ފަހުން އެނބުރި ބޮލީވުޑަށް ދިޔަ ގޮތަށް އޭނާގެ އަޑު އަދި ކަނޑުވައެއް ނުލެެވެ އެވެ.
އެންމެ ފަހުން އަންކިތުގެ އަޑު އިވުނީ މިއަހަރު ނެރުނު ފިލްމު "ބަދާއީ ދޯ" އިންނެވެ.
ކުރިން އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންކިތާ އާއި އޭނާގެ އޭރުގެ ލޯބިވެރިޔާ ރައްޓެހިވީ 2012 ވަނަ އަހަރު އެކުވެރިއެއް މެދުވެރިކޮށެވެ. އަދި އަންހެން މީހާ، ރޭޕްގެ މައްސަލަ ރިޕޯޓްކުރީ އޭނާ އަށް ކައިވެނިކުރާނެ ކަމަށް ބުނެ ބަދުއަހުލާގީ އަމަލު ހިންގާ ހެދުމުންނެވެ. އެކަމަކު އަންކިތު ބުނާ ގޮތުގައި އެ ތުހުމަތުތައް އަންހެން މީހާ ކުރީ، އޭނާ އެހެން މީހަކާއި ކައިވެނިކޮށް ދަރިއަކު ހުންނަކަން އަންކިތުގެ އާއިލާ އަށް އެނގުނު ހިސާބުންނެވެ.
އަންހެން މީހާ ވަނީ އަންކިތުގެ ބޭބެ އޭނާ އަށް ބިރުދެއްކި ކަމުގެ ތުހުމަތު ވެސް އޭރުކޮށްފަ އެވެ.
އަންކިތު ވަނީ އާ އަހަރު ފާހަގަކުރަން ހުޅުމާލޭގައި ބޭއްވި ޝޯގައި ވެސް މިއަހަރު ލަވަކިޔައިފަ އެވެ.
ހިންދީ ލަވަތަކުން މަޝްހޫރުކަން ހޯދާފައިވާ އަންކިތު އަކީ ދިވެހިންގެ މެދުގައި ވެސް ވަރަށް މަޝްހޫރުވި، 2013 ގައި ނިކުތް ބޮލީވުޑްގެ ފިލްމެއް ކަމަށްވާ "އާޝިގީ 2" ގެ ބައެއް ލަވަތައް ކޮމްޕޯޒް އަދި ކިޔައިގެން ބޮޑު މަގުބޫލު ކަމެއް ހޯދި ލަވަކިޔުންތެރިއެކެވެ.
އެ ފިލްމުގެ "ސުން ރަހާ ހޭ" އަކީ އޭނާގެ އެންމެ މަޝްހޫރުވި ލަވަ އެވެ. އޭނާ މިއުޒިކް ޑައިރެކްޓުކޮށް، އަމިއްލަ އަޑުން ކިޔާފައިވާ އެ ލަވައިން ފުރަތަމަ ފަހަރަށް އޭނާ އަށް، ބޮލީވުޑްގެ އެންމެ ގްރޭންޑް އެވޯޑް ކަމަށް ފިލްމުފެއާގައި ބެސްޓް މިއުޒިކް ޑައިރެކްޓާގެ އެވޯޑް ލިބުނެވެ. އޭގެ ފަހުން 2014 ގައި ނެރުނު ބޮލީވުޑްގެ ފިލްމު "އޭކް ވިލަން" ގެ ލަވަ "ގަލިޔާ" ކިޔައިގެން ބެސްޓް ޕްލޭ ބެކް ސިންގާގެ ފިލްމުފެއާ އެވޯޑު އޭނާ އަށް ލިބުނެވެ.