31 މާޗް 2022 - 06:38

އިނގިރޭސިވިލާތުގައި ރިޖެންސީ ޒަމާނުގައި އުޅުނު "ބްރިޖަޓަން" ކިޔާ ނުފޫޒުގަދަ އާއިލާއެއްގެ ކުދިންތަކެއް ހަޔާތުގެ ބައިވެރިން ހޯދުމަށް ކުރާ ތަފާތު ކަންކަން ދައްކާ ރޮމޭންސް ޑްރާމާގެ ދެވަނަ ސީޒަނަށް ލިބުނު ތަރުހީބު ވެސް ވަރަށް ބޮޑުވެ، ރިކޯޑްތަކެއް ހަދައިފި އެވެ.
ނެޓްފްލިކްސް އިން ބުނި ގޮތުން، އާ ސީޒަން ސްޓީރީމް ކުރަން ފެށި ފުރަތަމަ ތިން ދުވަސް ތެރޭގައި އެކަނި ވެސް 193 މިލިއަން ގަޑިއިރު ވަންދެން އެކި ގައުމުތަކުގެ މީހުން އެ ސީރީޒް ބަލާފައިވެ އެވެ. ދެވަނަ ސީޒަން ސްޓްރީމް ކުރަން ފެށީ މިދިޔަ ހުކުރު ދުވަހު އެވެ.
ހޮލީވުޑް ރިޕޯޓާ އިން ބުނީ، އެއީ ފުރަތަމަ ތިން ދުވަހުގެ ތެރޭގައި ނެޓްފްލިކްސްގެ އިނގިރޭސި ސީރީޒަކަށް ލިބުނު އެންމެ ބޮޑު ތަރުހީބު ކަމަށެވެ. ދެވަނަ ސީޒަނާ އެކު، ނެޓްފްލިކްސްގެ ހިދުމަތް ލިބޭ 93 ގައުމުގެ ތެރެއިން 92 ގައުމެއްގެ ގަދަ 10ގެ ލިސްޓުގައި ވެސް ބްރިޖަޓަން ހިމެނުނު ކަމަށް ބުންޏެވެ.
ގަދަ 10 އަށް ބްރިޖަޓަން ނާރަނީ، ހަމައެކަނި ޖަޕާނުގަ އެވެ.
އެންމެ ކުރީގައި އަދިވެސް އޮތީ މަނީ ހައިސްޓްގެ ފަސް ވަނަ ސީޒަނެވެ. އެއީ ފުރަތަމަ ތިން ދުވަސް ތެރޭގައި 201.9 މިލިއަން ގަޑިއިރު ވަންދެން އެ ސީރީޒް ސްޓްރީމްކޮށްގެންނެވެ.
ބްރިޖަޓަންގެ ޕްރޮޑިއުސަރު ޝޮންޑާ ރައިމްސް ގެނެސްދޭ ތިން ސީރީޒެއް މިދިޔަ ހަފުތާގައި ނެޓްފްލިކްސްގެ ގަދަ 10ގައި ހިމެނިފައިވެ އެވެ. އެއީ ބްރިޖަޓަންގެ ދެވަނަ ސީޒަންގެ އިތުރުން "އިންވެންޓިން އެނާ" އާއި ބްރިޖަޓަންގެ ފުރަތަމަ ސީޒަން އެވެ.
ނެޓްފިކްސްގެ އަހަރުގެ އެންމެ ކާމިޔާބު ސީރީޒްތައް ޔަގީންކުރަނީ ސްޓްރީމް ކުރަން ފަށާތާ ފުރަތަމަ 28 ދުވަހުގެ ތެރޭގައި، އެ ބަލާ ގަޑިއިރުގެ އަދަދަށް ބަލައިގެންނެވެ. މިހާރު އެ ލިސްޓުގެ ގަދަ 10ގެ އެންމެ ކުރީގައި އޮތީ ސައުތު ކޮރެއާގެ "ސްކުއިޑް ގޭމްސް" އެވެ. އެއީ 1.65 ބިލިއަން ގަޑިއިރު ބަލާފައި ވާތީ އެވެ. ބްރިޖަޓަންގެ ފުރަތަމަ ސީޒަން ވެސް މިދިޔަ އަހަރު އެ ލިސްޓުގައި ހިމެނުނެވެ.
ދެވަނަ ސީޒަންގައި ދައްކަނީ ބްރިޖަޓަން އާއިލާގެ އެންމެ ދޮށީ ދަރިފުޅު، އެންތޮނީ ބްރިޖަޓަން (ޖޮނަތަން ބޭލީ) އާއި އިންޑިއާ އަށް ނިސްބަތްވާ ކޭޓް ޝާމާ (ސައިމޮނީ އޭޝްލީ) ގެ ލޯބީގެ ގުޅުމެވެ.