24 ޑިސެމްބަރ 2016 - 06:45

އާމިރު ޚާންގެ ފިލްމެއް ނެރުމުގެ ކުރިން އެންމެ ފުރަތަމަ އެ ފިލްމެއް ދައްކާ އެކަކީ އިންޑިއާގެ ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ސަޗިން ޓެންޑުލްކަރް އެވެ. މިއީ ވަރަށް ކުރިއްސުރެ އޭނާ ގަވާއިދުން ކުރާ ކަމެކެވެ. މިހާރު ނެރެން ކައިރިވެފައިވާ އާ ފިލްމު 'ދަންގަލް" ގެ ޚާއްސަ ސްކްރީނިން އަށް ވެސް ސަޗިން ގެންދިޔަ އެވެ.
އާ ފިލްމެއް ރިލީޒްކުރާއިރު ފުރަތަމަ ޝޯއަށް ދައުވަތު ލިބުމަކީ ފިލްމު އިންޑަސްޓްރީގެ ކޮންމެ މީހެއްގެ ވެސް އެދުމެކެވެ. އެއީ އެ ފިލްމެއް އުފައްދާ ބައެއްގެ ރައްޓެއްސަކަށް ވިޔަސް ނުވަތަ ދުޝްމަނަކަށް ވިޔަސް އެކަން އޮތީ އެހެންނެވެ.
މިފަހަރުގެ ޚާއްސަ ސްކްރީނިން އަށް ގެންދިޔަ މީހުންގެ ތެރޭގައި ފިލްމު ބިނާވާ ރެސްލިން ތެޅުންތެރިޔާ މަހާވީރް ސިންގް ޕޯގަޓް އާއި އޭނާގެ ދެ ދަރިން ކަމަށްވާ ގީތާ އާއި ބަބީތާ ހިމެނެ އެވެ. އަދި ފިލްމުގައި ގީތާ އާއި ބަބީތާގެ ރޯލު އަދާކުރި ދެ ބަތަލާއިން ވެސް ބައިވެރިވި އެވެ. އޭގެ އިތުރުން މަހަރަޝްތުރާގެ ޗީފް މިނިސްޓަރު ރާޖް ތާކަރީގެ ދެމަފިރިން ވެސް ޚާއްސަ ޝޯ އަށް ވަޑައިގަތެވެ.
އިރުއޮއްސި 6.00 ގައި ފަށަން އޮތް ޝޯ އަށް ހަވީރު 4.00 ގައި އާމިރު ދިޔަ އެވެ. ޝޯ ފެށުމުގެ ކުރިން އިންތިޒާމްތައް ހުރި ގޮތް އަމިއްލައަށް ޗެކްކުރި އެވެ. ނަމަވެސް އެވަގުތު އެތާ ތިބި ނޫސްވެރިންނަށް ފާހަގަކުރެވުނު އެކައްޗަކީ އާމިރުގެ އަތުގައި އޮތް ބާލީހެކެވެ. އެއީ އޭނާ ދާހާ ތާކަށް އަބަދުވެސް ގެންދާ ބާލީހެވެ. އެހެންވެ ނޫސްވެރިން އަވަސް އަވަހަށް އެ ބާލީހުގެ ސިއްރު ހޯދަން އާމިރުއާ ސުވާލުކުރަން ފެށި އެވެ.
ނަމަވެސް ބާލީހުގެ ސިއްރު ކިޔައިދޭކަށް އޭނާ ބޭނުމެއް ނުވި އެވެ. އޭނާ ބުނީ ކޮންމެ ދަތުރެއްގައި ވެސް އަމިއްލަ ބާލީސް ގެންދާ ކަމަށެވެ. އެތަނަށް އޭނާ އައީ ސީދާ އެއާޕޯޓުން ކަމަށް ވާތީ އަތުގައި އެ ބާލީސް އޮތީ ކަމަށް ވެސް ބުންޏެވެ.
ބާލީހަކީ ކޮންމެ މީހަކަށް ވެސް އަރާމު އެއްޗެކެވެ. އާމިރުގެ އަމިއްލަ ބާލީސް ނޫން އެހެން ބާލީހެއް އޭނާ އަށް ކަމުނުދަނީ ކަމަށް ވެދާނެ އެވެ.