07 ޖޫން 2016 - 11:12

ސިޑްނީ (ޖޫން 7) - އޮސްޓްރޭލިއާ އަށް އެރި ބާރުގަދަ ތޫފާނެއްގައި ބޮޑު ރާޅު އަރާ ސިޑްނީގެ ކޮލަރޯއީ ބީޗުން 50 މީޓަރުގެ ސަރަހައްދެއް ގިރާލައިފި އެވެ.
ތޫފާނުގައި ހަތަރު މީހުން މަރުވެ ތިން މީހުން ވަނީ ގެއްލިފަ އެވެ. އެކަމަކު ތޫފާނުގެ ބާރު މިއަދު ވަނީ ދަށްވެ މޫސުން ރަނގަޅުވާން ފަށައިފަ އެވެ.
ތޭރަ މީޓަރުގެ އުސް ރާޅުގައި ކޮލަރޯއީ ބީޗުގެ އަގު ބޮޑު ތަންތަން ވަނީ ހަލާކުވެފަ އެވެ. އޭގެ ތެރޭގައި ޕޫލްތައް ވެސް ހިމެނެ އެވެ.
ކޮލަރޯއީ ބީޗަށް ހޯމަ ދުވަހު ވަޑައިގެންނެވި ޔުނިވާސިޓީ އޮފް ނިއު ސައުތު ވޭލްސްގެ ވޯޓާ ރީސާޗް ލެބޯޓަރީގެ ޑިރެކްޓަރު ޕްރޮފެސަރު އިއާން ޓާނާ ވިދާޅުވީ ގޮނޑުދޮށުން 50 މީޓަރު ގިރާލިއިރު ގިނަ އަދަދެއްގެ ގެ ވެސް ހަލާކުވެފައިވާ ކަމަށެވެ. ޓާނާ ވިދާޅުވީ ގޮނޑުދޮށުން ވެލީގެ ލެވެލް 2-5 މީޓަރަށް ދަށްވެފައިވާ ކަމަށެވެ.
ހަލާކުވި ގެތަކަށް މީހުން އަނބުރާ އައުމުގެ ކުރިން އިންޖިނޭރުން އެ ގެތަކުގެ ހާލަތު ބަލާނެ އެވެ. ހަލާކުވި ގެތައް އިންޝުއާކޮށްފައިވާ ކަމަށް ނުބެލެވޭ ކަމަށް އިންޝުއަރެންސް ކައުންސިލް އޮފް އޮސްޓްރޭލިއާ އިން ބުންޏެވެ.