ޔޫކްރޭނުން މަރުވި އާންމުންގެ އަދަދު 1،417 އަށް
ޔޫކްރޭނުން މަރުވި އާންމުންގެ އަދަދު 1،417 އަށް

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި، ޔޫކްރޭނުން މަރުވި އާންމުންގެ އަދަދު މަދުވެގެން 1،417 އަށް އަރައިފި ކަމަށް އދ. އިން އިއްޔެ ބުނެފި އެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ބުނި ގޮތުގައި މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ފަތިހު ރަޝިޔާ ސިފައިން ޔޫކްރޭނަށް ހަމަލާ ދޭން ފެށި ފަހުން މާޗް 3، 2022ގެ ނިޔަލަށް، ޔޫކްރޭންގެ އާންމު ރައްޔިތުންގެ ތެރެއިން މަދުވެގެން 1،417 މީހުން ވަނީ މަރުވެފަ އެވެ. އޭގެ އިތުރުން އާންމުންގެ ތެރެއިން 2،038 މީހުން ޒަހަމްވެފައިވާ ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ.

އެ އޮފީހުން ބުނި ގޮތުގައި މަރުވި މީހުންގެ ތެރޭގައި 121 ކުޑަކުދިން ހިމެނެ އެވެ. މަރުވި މީހުންގެ ތެރެއިން ގިނަ މީހުން މަރުވެފައި ވަނީ، ބަޑީގެ ހަމަލާތަކަށް ވުރެ ގިނައިން، ގޮވާ ޒާތުގެ ހަތިޔާރުން ދޭ ހަމަލާތަކުން ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ. އޭގެ ތެރޭގައި ބޮމާއި މިސައިލާއި ރޮކެޓް ފަދަ ތަކެތި ހިމެނެ އެވެ.

ގިނަ މީހުން މަރުވެފައިވަނީ ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކުން ނޫން ކަމަށާއި، ގިނަ މީހުން މަރުވީ ޔޫކްރޭން ސިފައިންގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކުން ކަމަށް ވެސް އދ.ގެ އޮފީހުން ބުނެ އެވެ. ސަބަބަކީ، ޔޫކްރޭން ސިފައިންގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކަށް ރަޝިޔާ ސިފައިން ވައިގެ މަގުންނާއި އެއްގަމު މަގުން ދިން ހަމަލާތަކެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ބުނި ގޮތުގައި އާންމުންގެ ގިނަ މީހުން މަރުވެފައިވަނީ، އެންމެ ވަރުގަދަ އަށް ދެ ފަރާތުގެ މެދުގައި ކުރިމަތިލުންތައް ހިނގަމުންދާ ސަރަހައްދުތަކާ (ހަނގުރާމައިގެ ކުރީ ސަފާ) ދުރުގައިވާ ހިސާބުތަކުންނެވެ. އެއީ ޔޫކްރޭންގެ ހުޅަނގު ފަޅީގައިވާ ސަރަހައްދުތައް ކަމަށް ވެސް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ބުނެ އެވެ.

ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކުން ވެސް ކޮންމެވެސް ވަރަކަށް އާންމުން މަރުވެފައިވެ އެވެ. އެ ގޮތުން، ޔޫކްރޭންގެ އިރުމަތީ ސަރަހައްދުން އަމިއްލަ އަށް މިނިވަންކަން އިއުލާންކޮށް އަދި ރަޝިޔާ އިން އެކަން ބަލައިގެންފައިވާ ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާ ހިމެނޭ ސަރަހައްދުން އާންމުންގެ 67 މީހަކު މަރުވެފައިވެ އެވެ.

އެ އޮފީހުން ބުނި ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތު އެނގިފައިވާ އަދަދަށް ވުރެ މާ ގިނަ ބަޔަކު، މި ހަނގުރާމައިގައި މިހާތަނަށް މަރުވެފައިވާނެ ކަމަށް ބެލެވެ އެވެ.

ޔޫކްރޭން ހަނގުރާމައިގައި އެ ގައުމުން މަރުވި މީހުންގެ އަދަދު 1،417 އަށް އަރާފައިވާ ކަމަށް އދ.ގެ ހިސާބުތަކުން ދައްކާއިރު، ޔޫކްރޭން ސަރުކާރުން ބުނާ ގޮތުގައި، އެ ގައުމުން މަރުވި އާންމުންގެ އަދަދު މިހާރު ވަނީ އެތައް ހާހަކަށް އަރައިފަ އެވެ. އަދި ރަޝިޔާ ސިފައިން މިހާރު ފަހަތަށް ޖެހެމުންދާ ސަރަހައްދުތަކުން، މަރުވެފައިވާ ގިނަ އަދަދެއްގެ އާންމުންގެ ހަށިގަނޑުތައް ފެންނަމުންދާ ކަމަށް ވެސް ޔޫކްރޭން ސަރުކާރުން ބުނެ އެވެ.