ކުރު ވާހަކަ: އަންބަރު
ކުރު ވާހަކަ: އަންބަރު

ދޮންރަހާގޭ އާދަނަށް މާތް ރަސްކަލާނގެ ހުދަންބަރެއް މިންވަރުކުރެއްވީމާ، ސައްލިގޭ އިސްމާއިލްފުތު އެކަމަށް ހަސަދަވެރިވީކީއެއް ނޫނެވެ. ވީ ދެރައިން ދެ ލޮލުން ކަރުނަ ހިލި ހިތުގައި ވޭންވަރެއް އަޅައި ދެމިގަތީ އެވެ. ލަގޮނޑި ފަޅައިގެންހިނގައިދާނޭހެން ހީވެ އެ ހުރިހާ ޖަޒުބާތެއް އެއްފަހަރާ ފެންޑާ އަށް ބޭރުވީ އެވެ. އެވަރަށް ހިތުގައި ޖެހި، އެވަރަށް ދެރަވީ، ހުދަންބަރެއް ދެއްވާތޯ ކުރި ދުއާ ޖެހިގެން ހުރި ގޭގެ އަވައްޓެރިޔާގެ އުނގަށް އިބަރަސްކަލާނގެ އިޖާބަކުރެއްވީމަ އެވެ.

ފަންސާސް އެތައް ކިލޯއެއްގެ އެ ހުދަންބަރު އާދަނަށް ފެނުނީ އެއް ދުވަހެއްގެ ފަތިހު ގޮނޑުދޮށަށް ފައިބައި، މާގެފިލިކޮށްގެން ޖަނގިޔާގަނޑު ބޮލުގައި އަޅުވައިގެން ގޮޅިޖެހި ބައު މުންޑު ކޮށިކޮށް ތާހިރުވުމަށް ވެލިރާޅުފަށަށް ފޫކޮޅު ދިއްކޮށް ތިރިވެލިތަނުންނެވެ. އެހިސާބުން، ގައިންތާހިރުވުން ހަނދާން ނައްތާލާފައި، ރާޅުފަށުން ފެނުނު ހުދަންބަރާ ދިމާލަށް ފުންމައިގެން ގޮސް އޭގައި ބަގުޑިބައްދައި އޮޅުލައިގަނެ އެތަނަށް ވެއްޓި އާދަނު އެއްކޮށް ތެމި ފޯވެއްޖެ އެވެ.

މުންޑުގަނޑަށް މާވަހަރު ލައި ކޮނޑުމައްޗަށް އެއްލާލައިގެން ޖަނގިޔާކޮޅުގައި އޭނާ ރަށު ތެރެއަށް އަރައިގެން ދިޔައީ "މާތް ރަސްކަލާނގެ އަށް ޝުކުރުހުއްޓޭ، މަ މުއްސަނދިވެއްޖެއޭ" ގޮވައި މުޅި ރަށް ކުޑަކޮށް ހޯބޯ ލައްވަމުންނެވެ.

މާނޭވާލެވި ވަރުބަލިވެފައިވާ ހާލެއްގައި އެހެން ގޮވަމުން ބަރުފިޔަވަޅުތަކެއްގައި ގޮސް ދޮންރަހާގެ އަށް އާދަނު ވަން މަންޒަރު ބަލަން ސައްލިގެއިން ބޯ ދިއްކޮށްލައިގެން އިސްމާއިލްފުޅު ވެސް ހުއްޓެވެ. ފަތިސް ނަމާދުކޮށްގެން އައިސް ފާރޮއްޓެއް ކަޅަކުން ފޯކޮށް ބަނޑުފުރާލައިގެން ބޮޑު އުނދޯއްޔަށް އަރައި ނިކަން ގަދަޔަށް ދުފާލައިގެން ހަތިމުން ކިޔަވަން ހުއްޓައި އިސްމާއިލްފުތު ވެސް ރަނގަޅަށް ހޭލައްވާލީ އާދަނުގެ މި ހޯބޯ އެވެ.

ވެގެން އުޅޭ ގޮތެއް ބަލައިލުމުގެ ޝައުގުވެރިކަމުގައި ބޭރަށް ބޯދިއްކޮށްލި ވަގުތު ފަތިހުގެ ތެތްފިނިކަމާ އެކު ނޭފަތުގައި އައިސް އެހެރަ ބައްދައިގަތް ވަސްގަނޑަކުން އިސްމާއިލްފުތަކަށް ދެން އިތުރު ހަރަކާތެއް ކޮށްލެވޭ ވަރެއް ނުވި އެވެ. ހަތިމުން ކިޔަވަމުން ދިޔަ ގަނޑު ވެސް ހަނދާން ނެތިއްޖެއެވެ.

މީގެ ކުރިން އެވަރުގެ މީރު ވަހެއްގެ ތެރެއަށް އިސްމާއިލްފުތު ގެނބިގެން ދިޔައީ ހުވަފެނެއްގައި އެކަންޏެވެ. އެކަމަކު މިއީ އެ ހުވަފެނެއް ނޫނެވެ. އެކަމަކު ތިމަން އަޅާ އަށް ދެއްވުމަށް އެދި ރައްބި އަށް ދުއާކޮށް ދެންނެވި ހުދަންބަރު ކޮނޑަށްލައިގެން ގޮސް ގެއަށް އެ ވަނީ އަޑުގަދަ އަވަށްޓެރި އާދަނެވެ.

ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އިސްމާއިލްފުތުގެ ހިތަށް އެރީ މިހެންނެވެ. އޭނާ ފެންކަޅިވެއްޖެއެވެ.

ދުއާ ދެންނެވުމުން އެ ފަކީރަށް ދެއްވީ އިތުރު ހިތްދަތިކަމެކެވެ. ވަކިން ބޮޑު ހިތާމައަކަށްވީ ކޮންމެ ދުވަހަކު ފެންނަ އަވަށްޓެރިޔަކަށް އެ ވަރުގެ ބޮޑު ނަސީބެއް ލެއްވީމަ އެވެ. އަނެއްކޮޅުން އިސްމާއީލުފުތަށް ކިރިޔާ ބަނޑުފުރާނަ މުއްތިކުރެވޭއިރު ދޮންރަހާގޭ އާދަނަކީ ރަށުން ނަގައި ކިޔާ ނަމަ ފުދޭވަރެއްގެ މުއްސަންޖެކެވެ.

އަލަ ދަނޑަކާއި ރުއް ދަނޑެއް އޭނާގެ އެބައޮތެވެ. ދެ ބޮއްކުރާ އެބައޮތެވެ. އެކަމަކު މިއަދު ފޯކޮށްލައިގެން ކެއި ފާރޮށިކޮޅު ހުސްވީމަ މާދަމާ އަނެއްކާވެސް މި އިސްމާއިލްފުތެއް ހުންނާނީ ބަނޑަށެވެ. އަވަށްޓެރިޔަކަށްވިޔަސް ޖެހިގެން ހުރި ގޭ އާދަނުގެ ދެމަފިރިން އޭނާ އަށް ހަނޑޫފުކެއް ވެސް ދިއްކޮށްލަނީކީއެއް ނޫނެވެ. ހެއްދެވި ނެހެއްދެވި އަށް ނުގޮވައި އަނގައިން ވެސް ބުނެލަނީކީއެއް ނޫނެވެ. މޫނުކުނިކޮށް ކަޅިނާޅައި ހަތަރު ކަޅި ވެސް ހަމަކޮށްނުލައެވެ.

މި ހާލެއްގައި ހުރެ މާވަހަރަކަށް ދުއާ ދަންނަވަނިކޮށް ޖެހިގެން ހުރި ގޭގެ ތަނަވަސް މި އަވައްޓެރިޔާގެ އުނގަށް އެ މަވާހަރެއް މިންވަރުކުރެއްވީމާ އިސްމާއިލްފުތުގެ ހިތް ނޫން ބަލަ ކޮންމެ އާދަމުގެ ދަރިއެއްގެ ހިތް ވެސް ދާނީ ފަޅަ ފަޅައިގެންނެވެ. އަމުދުން ޖެހިގެން ހުރި ގޭގައި އޮތް ބޮޑު ހުދަންބަރުން އަރައިގެން އެހެރަ އަންނަ ވަސްގަނޑުން ސައްލިގެ އެއްވަސްވެފައިވާ ނަމަ އިސްމާއީލުފުތުގެ އެ ނިކަމެތި، އެކަނިވެރި ހިތަށް ކުރާނޭ އަސަރާއި ތުރާ ހިޔާލަށް ގެނެސް ބައްލަވާށެވެ.

އެންމެފަހުން ފަޅައިގެން ދިޔަ ހިތުން މި ނިކަމެތި އިންސާނާގެ ހަށިގަނޑާއި ސިކުނޑިއަށް ހަސަދައިގެ ވިހަ ފޭދި އެ ފުރާނަ އެކުގައި ކިލަނބުވެ ނިމިއްޖެ އެވެ.

އެއަށް ފަހު އެ ކިލަނބުކަމުގެ ތެރެއިން ގޮސް ފުޅިބައްތިއެއްގެ އަލިކަމުގައި ވިސްނުމުން ދޮންރަހާގޭ އާދަނުގެ އަތުގައި އެ ބޮޑު މާވަހަރު އޮތުން ވީ އިސްމާއިލްފުތު އެންމެ ފުރަތަމަ ހީކުރި ވަރަށް ވުރެން އަދި މާ ރަނގަޅު ކަމަކަށެވެ. އަނެއްކޮޅުން މާލެ އަށް ފުރަން ތައްޔާރުވެފައި އޮތް އޮޑިއެއް ރަށުގައި ނެތުން ވެގެން ދިޔައީ އިސްމާއިލްފުތުގެ ތުންފަތް މައްޗަށް އިތުރު ހިނިތުންވުމެއް ގެނުވި ކަމަކަށެވެ. ނުލަފާ ވިހަ ހިނިތުންވުމެކެވެ.

ޖެހިގެން އައި ތިން ރޭ އޭނާ އުޅުނީ ނުނިދަ އެވެ. ނަފުސު ކިލަނބުކޮށްލި ހިޔާލުން ރޭވި ރޭވުންތަކަށް ވާސިލުވާނެ މަގެއް ހޯދުމުގެ ފިކުރުގަ އެވެ. އަދި ހަފުތާއެއްހާ ދުވަސް ފަހުން ދޮންރަހާގޭގައި މި މާވަހަރެއް ނޯންނާނެ ކަން އެނގޭތީވެ މި ހަގީގަތް ގެންދިޔައީ އިސްމާއިލްފުތުގެ ހިތް ވަކިން ބޮޑަށް ތަޅުވަމުން ހަލުވަމުންނެވެ.

އޭނާގެ ރޭވުމުގައި އޮތީ ވަރަށް ވެސް ދިގު އުނދަގޫ މަގެކެވެ. ސައްލިގޭގައި އިސްމާއިލްފުތު ނިދާ ކޮޓަރި ތެރެއިން ކޮނެގެން ދޮންރަހާގޭގެ ކޮންކިރީޓާއި ދަގަނޑުގެ ފާރުތައް ލީ ކޮޓަރިއަށް ދެވޭނެ ބިންގަރާސް މަގެކެވެ. އާދަނު ހޮވި ހުދަންބަރު އޮތީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ފާރަވެރިންނާއި ކިޔަވާ މީހުން ވެސް ފޯރިއަށް ތިބި އެ ކޮޓަރިއެއްގެ ތެރޭގަ އެވެ. އެކަމަކު އިސްމާއިލްފުތުގެ ރޭވުމާ އެއްގޮތަށް ހުރިހާ ކަމެއް ގެންދެވިއްޖެ ނަމަ އިރުއަރާއިރަކު އެ ހުދަންބަރެއް އެ ކޮޓަރިއެއްގައެއް ނޯންނާނެ އެވެ.

ކަންވީވެސް އެހެންނެވެ. އެރިއިރާ އެކު ހުދަންބަރު ގެއްލިއްޖެ އެވެ. މުޅި ރަށް ދިޔައީ ގުޑައިގެންނެވެ. އެކަމަކު ރޭވި ރޭވުންތަކާއި އުދައްޔާއި ފަކީރާތަކާ އެކު އިސްމާއިލްފުތު އޮތީ އޭނާގެ ކުޑަކުޑަ ބައު ކޮޓަރިގަނޑުގައި ނިދައި މަރުވެފަ އެވެ. ސިއްސައިގެން ގޮސް ހޭލެވުނީ ދޮންރަހާގޭ އާދަނުގެ ދެމަފިރިންނާއި އެމީހުންގެ ދަރިންފަތިގަނޑު ރޮއި ހޭރި މޮޔަވާ އަޑަށެވެ.

ދަބަރު ހިލައި ބައުވެފައިވީ ދަގަނޑު އެނދުން ފުންމައިގެން ތެދުވި ގޮތަށް އިސްމާއިލްފުތު ގޮސް އެންމެ ފުރަތަމަ ވެސް ބޯކޮށްޕާލީ ކޮނެފައި ހުރި ބިންގަރާހަށެވެ. އޭރު ދޮންރަހާގެއާ ވީ ފަޅިން ފައިބައިގެން މީހަކު މާނޭވާލަމުން ހަތަރެސްފައި ޖަހާފައި އަންނަ އަޑު އެބަ އިވެ އެވެ.

ގަންނާކުރެއްވި ބިރާއި ލަދަށް އިސްމާއިލްފުތު ތެޅިގަތީ ކޮޓަރި ތެރޭގައި ހުރި ވެލި ބަސްތާތަކުން ފަހަރު ބަސްތާއެއް ބިންގަރާހުގެ ހޮރަށް އޮއްސައި އެ މަގު އެއްކޮށް ބަންދުކުރުމަށެވެ.

ލިބުނު ހައިރާންކަމާއި ވެރިވި ބިރުވެރިކަމުން ބޯދަމައިގަނެގެން އެނބުރިގަނެ އިސްމާއިލްފުތު ނިކަން ރަނގަޅަށް ކޮޓަރި ތެރެ ހޯދައި ބަލައިލި އެވެ. އެނދު ކައިރީގައި ބަހައްޓާފައި ހުރި ކުޑަ މޭޒެއްގެ މަތީގައި އޭރު ސައިކުރާއެއް ހުއްޓެވެ. އެއިން އަޅައިގެން ބޮއެ ހުސްކޮށްފައިވާ ކުޑަކުޑަ ޖޯޑެއް ކައިރީގައި ބަހައްޓާފައި ހުއްޓެވެ.

އެއީ އާދައިގެ ސައެއް ނޫނެވެ. އެހެން ނޫން ނަމަ ބިންގަރާސް ކޮންނަން އޮވެފައި ވަރުބަލިވެ ކަރުހިއްކައިގަނެގެން އެއިން ކޯވަރެއް ބޯލައިގެން މި ފާޑަކަށް މީހަކު އަދި ނިދި ބުރާންތިއެއް ނާރާނެ އެވެ. އިސްމާއިލްފުތު ހިތަށް އެރީ މިހެންނެވެ.

އެހެންވީމަ ޖެހިގެން ހުރި ގޭގައި ވަރުގަދަ އަށް ރައްކާކޮށްފައި އޮތް ހުދަންބަރު ވަގަށް ގެންދިޔައިރު ވެސް އިސްމާއިލްފުތު އޮތީ ނިދައި މަރުވެފަ އެވެ. ބިންގަރާސް ކޮންނަން ކުރި މަސައްކަތުގައި އިސްމާއީލްފުތަކަށް ދޮންރަހާގޭގެ ކޮޓަރީގެ ތަޅުންގަނޑު ފަޅާލެވުނު ކަމެއް އޭނާއަކަށް ޔަގީނެއް ވެސް ނޫނެވެ. އެކަމަކު އެދިމާލުން ވަދެގެން އެއޮތް އަންނަނީ ކާކު ހެއްޔެވެ؟

އިސްމާއިލްފުތު ބޭނުންވިގޮތަށް، އޭނާ ބޭނުންވި ދުވެލީގައި މި ބިންގަރާސް ހޮރެއްގެ މަސައްކަތް ކުރިއަށް ނުގެންދެވުނު އަސްލު ސަބަބަކީ ކޮންމެ ރެއެއްގެ މެންދަމު ކުރި އެ މަސައްކަތުގައި ދެ ތިން ބަސްތާގެ ވެލި އަރުވައި ވަރުބަލިވެ ވަރުޖައްސަން ބުއި ސައިން ބޮލަށް އެރުވި އެނބުރުންގަނޑެކެވެ. އާދަޔާހިލާފު ނިދިގަނޑެއް އަރައިގަނެގެން އައިސް އޭނާ ޖަހައި ކޮންމެ ރެއަކު ވެސް ވައްޓާލާތީއެވެ.

އެހެންވީމަ، ހުދަންބަރު ވަގަށް ގެންގޮސް، އިސްމާއިލްފުތަށް މިވަރުގެ ކެއްސެއް ދިނީ ކާކު ހެއްޔެވެ؟

ވާނުވާ އިސްމާއިލްފުތަށް ރޭކާލިއިރު މާ ބޮޑަށް ވެސް ލަސްވެއްޖެ އެވެ. ދޮންރަހާގޭ އާދަނުގެ ބޮލުން ދަޅު ފަޅައި ދެޔޯމާރިދެއްހެން ރުޅިއަރައިގަނެގެން ފުފެމުން އެހެރަ އަންނަނީ އަތުގައި އޮތް ފުރޯގަނޑުން ޖަހައި އިސްމާއިލްފުތުގެ ބޯބުރިކޮށް ވައްޓާލުމަށެވެ.

އެކަމަކު އެ މަންޒަރު ފެނި މިފަހަރު އިސްމާއިލްފުތު އެއްވެސް ބިރެއް ނުގަތެވެ. ފުސްވަމުން ދިޔަ މަންޒަރުގައި އޭނާގެ ހިޔާލުގައިވީ މާ ސިންގާ މާވަހަރެކެވެ. އޭގެ ވަހަށް އޭނާ ޣަރަގުވަމުން ދިޔަ ކަހަލަ އެވެ.

*** *** ***

އިސްމާއިލްފުތަށް މާވަހަރަކީ ކޯއްޗެއްކަން ބުނެދީ، ވަހުން މާވަހަރެއް ދެނެގަންނާނެ ގޮތް ކިޔައިދިނީ އޭނާގެ ދެ ވަނަ އަވަށްޓެރިޔާ ބޮޑުއަލިމަނިކެވެ. މި އަލިމަނިކަކީ ދިވެހި ބޭސްވެރިކަމާއި ފަންޑިތަވެރިކަމުގައި އަރައިހުރި މޭސްތިރި އެކެވެ. އޭނާގެ މަސައްކަތުގައި މާވަހަރުގެ އެކި ބާވަތްތަކުން އެކި މިންވަރުތައް އެކި ފާޑުފާޑުގެ ކިޔެވެލިތަކުގައި އެކި ދުވަސްވަރު ބޭނުންކުރެ އެވެ. ވަކިން ހާއްސަކޮށް ދިވެހި ބޭސްވެރިކަމުގަ އެވެ.

މާވަހަރަކީ ކޮބައިކަމާއި އޭގެ އާދަޔާހިލާފު ވަހާއި މޮޅުކަމާއި އަގުބޮޑު ވާހަކަ އިސްމާއިލްފުތަށް ކިޔައިދީ ލޯ ހުޅުވައިދިނީ އޭނާގެ ރަހުމަތްތެރި މި އަވައްޓެރިޔާ އެވެ. އެ ހިސާބުން ފެށިގެން އިސްމާއިލްފުތު ކުރި ކޮންމެ ނަމާދެއްގެ ފަހަތުގައި މާވަހަރެއް ދެއްވާތޯ އެދި މާތް ރަސްކަލާނގެ އަށް ދުއާ ދެންނެވި އެވެ. މި އެދުންވެރިކަމާއި ދަހިވެތިކަމުގައި އަޅާގެ ހިތް މާވަހަރެއްގެ ސިފައަށް ބަދަލުވެގެންދިޔައެވެ. އަދި އާހިރުގައި މާވަހަރު ދެއްވީ އަވަށްޓެރި އާދަނަށެވެ.

އިރު އަރައިގެން އައި ވަގުތު އޭނާ ހޮވައިގެން ގެންދިޔަ އެ މާވަހަރު ގެއްލުމާ ހަމަ އަށް ރަށުގެ މާ ގިނަ ބަޔަކަށް އެއީ އަސްލު ކޯއްޗެއްކަން ނޭނގެ އެވެ. އާދަނަށް ފަހު އެއީ ކޯއްޗެއްކަން އެނގޭ ވަރުގެ ބަޔަކަށް ރަށުގައި ތިބީ އިސްމާއިލްފުތާއި އޭނާގެ އަނެއް އަވައްޓެރިޔާ، ބޭސްވެރި ބޮޑުއަލިމަނިކެވެ. ނަމަވެސް ކަންދިމާކުރި ގޮތުން މި މާވަހަރެއް ހޮވި ދުވަހަކު މި އަލިމަނިކު ރަށަކު ނެތެވެ. އޭނާ އަށް އާދެވުނީ ޖެހިގެން އައި ދުވަހު އެވެ.

ދެންވީ މިހެންނެވެ.

އެ ދުވަހު ގެއަށް ގޮސް ވަންތަނުން ބައްދަލުވީ ނިކަން ބޮޑު ކަމަކަށް ބޭނުންވެފައި ހުރި މީހަކާ އެވެ. އެއީ އަވައްޓެރި ފަގީރު، އިސްމާއިލްފުތެވެ. އޭނާ ބޭނުންވީ، ފަކީރާއަކާއި އުދައްޔެކެވެ. ގޯތި ތެރޭގައި ކޮންމެވެސް ވަރަކަށް ދަނޑުވެރިކަންކޮށް ބޭސްވެރިކަމުގައި ބޭނުންކުރާ ފަތްޕިލާވެލި ވެސް އިންދައި އުޅޭ މީހަކަށްވުމުން އިސްމާއިލްފުތު ބޭނުންވި ހުރިހާ އާލާތްތަކެއް އަލިމަނިކު އަތުގައި ނަސީބަކުން ހުއްޓެވެ. އަދި އަވައްޓެރިއަކަށް އެހީވުމުގެ ހެޔޮ ނިޔަތުގައި އޭނާ ބޭނުންވި ހުރިހާ އެއްޗެއް އޭނާ އަށް ފޯރު ވެސް ކޮށްދި އެވެ.

ނަމަވެސް އެއީ ކީއްކުރަން ބޭނުންވެގެން އުޅޭ އެއްޗެހިތަކެއް ކަމެއް އިސްމާއިލްފުތު ހަމަހިލާ އަލިމަނިކު ގާތަކު ނުބުންޏެވެ. އެކަމަކު ދެން ވެސް އަލިމަނިކުގެ އެއްވެސް ހިތްބުރަކަމެއް ނެތެވެ. އަދި ބުރަ މަސައްކަތެއްކުރަން އުޅޭކަން އެނގިގެން އަލިމަނިކު އިސްމާއިލްފުތު ގެއަށް ފޮނުވާލީ ގައިގައި ވަރަށް ވަރު ޖައްސައިދޭނެ ކަމަށް ބުނެ އޭނާގެ އަތަށް ދިވެހި މޮޅު ބޭސްފުޅިއެއް ވެސް ދީފައެވެ.

އިސްމާއިލްފުތަކީ ރަށުގެ ދަރަޖަތަކުން ބަލާ ނަމަ ކޮހެކެވެ. ބުއްދިވެރިއެއްގެ މަޅީގައި އޭނާ ޖެހުނީ އެވެ. ބޭސް ބޮއެގެން މޮޔަވީއެވެ.

ހުދަންބަރުގެ ދަހިވެތިކަމުގައި، ކޮޓަރި ތެރެއިން ބިންގަރާހުގެ މަގު ކޮންނަމުން ދިޔައިރު ވެރިވި ވަރުބަލިކަން ފިލުވުމަށް ކޮންމެ ރެއަކު ވެސް އިސްމާއިލްފުތު ބުއީ ބޮޑުއަލިމަނިކު ދިން އެ މޮޅު ދިވެހި ބޭހުގެ ސައެވެ. އޭނާ އިރުޝާދު ދިން ގޮތަށެވެ. އެއަށް ފަހު ގޮސް އުދަލީގައި ހިފައި ވަރުލައިގަތުމުން ހަމަ ކޮންމެ ރެއަކު ވެސް އޭނާގެ ޚަބަރު ހުސްވެގެން ވެއްޓެނީއެވެ. ނަމަވެސް އިރު އަރައި ހޭވެރިކަންވާއިރު ކޮންމެ ރެއަކު ވެސް ބިންގަރާސް ކޮނެގެން ފަސް އަރުވައިފައި ހުރެ އެވެ.

އަޖާއިބެއް ކަހަލަ ސައެއް ނޫން ހެއްޔެވެ. އިސްމާއިލްފުތުގެ ހިތަށް އެރީ މިހެންނެވެ.

ކޮންމެ ދުވަހަކަށް އިރުއަރާއިރު އިސްމާއިލްފުތަށް ހީވެފައި އޮންނަނީ އެއީ އޭނާގެ ހީވާގި މަސައްކަތް ހެންނެވެ. އެކަމަކު އިސްމާއިލްފުތަކީ ކޮހެކެވެ. އޭނާ އަށް ބުއްދިވެރި ބޭސްވެރިޔަކު ކެހި ދިނީ އެވެ.

ބޭހުގެ ސައި ބޮއެގެން އެއިން ގަދަ އަށް އަމަލުވެ ވަރުދެރަވެ ވާނުވާނޭނގޭ ހާލުގައި އިސްމާއިލްފުތު ކެހީގެ މަޅިއަށް ގެނބެމުން ދިޔަ ކޮންމެ ރެއަކު އެ ބުއްދިވެރިޔާ ގޮސް އޭނާއާ ވާހަކަ ވެސް ދައްކައި ހެދި އެވެ.

އެންމެފަހުން މި ހޭވެރިކަމެއްވިއިރު ދޮންރަހާގޭ އާދަނު ހޫރާލި ފުރޯގަނޑު އެނބުރެމުން އެނބުރެމުން އެހެރަ އަންނަނީ އިސްމާއިލްފުތުގެ މޫނާ ދިމާލަށެވެ. އިސްމާއިލްފުތު ފަކީރުގެ ދެ ލޯ ވެސް ބިރުން ފިލައިފިއެވެ. އަދި މާލެ އަށް ފުރަން ތައްޔާރުވެފައި އޮތް ބައްތެލިއޮޑީގެ ކައްޕިތާނަށް ރިޝްވަތު ހުށަހަޅައިގެން މާވަހަރާއެކު ބޮޑުއަލިމަނިކު އޭރު އޮތީ ބޯޓަށް އަރައި ފިލައިފަ އެވެ. މާވަހަރު ހުލިވެގެން ނުދާނޭ ވަރަށް އެއަށް ބޭސްކޮށް ކިޔެވެލި ކިޔަވައި ފެން ބުރުވައިގެންނެވެ.

މާލެ ދެވުނީ ދެ ތިން ދުވަސް ފަހުންނެވެ. ނަމަވެސް ހިފައިގެން ދިޔަ ހުދަންބަރު ގަންނާނޭ މީހަކު ނުވި އެވެ. އެންމެފަހުން ތަޖުރިބާކާރަކަށް ދެއްކީމަ ބުނީ ހޮވައިގެން ތިޔަ ގެނެވުނީ ބޮޑު މަހެއްގެ ބޮޑު ތެޔޮގަނޑެއް ކަމަށެވެ. އެކަމަކު އެއަށް ވުރެން ބޮޑަށް އަލިމަނިކު ހައިރާންވެ ދެރަވީ މާވަހަރާ ބެހޭ ގޮތުން އުމުރު ދުވަހު އޭނާ އެއްކުރި މައުލޫމާތާއި އިލްމު އެއްވެސް އެއްޗަކަށް ނުވުމުންނެވެ.

އެންމެފަހުން ބޮޑު މަހުގެ ތެޔޮގަނޑު ތަޖުރިބާކާރުގެ އުނގަށް ދޫކޮށްލާފައި އަލިމަނިކު ނުކުމެގެން ދިޔައީ އެވެ. ރަށަށް ދާން އެނބުރި އޮޑިއަށް ދިއުމުން ވަޅި ހިފައިގެން އައިސް އޭނާއާ ދިމާކޮށްލީ ރިޝްވަތަށް ފެންބޮވައިގަނެފައިހުރި ކައްޕިތާނެވެ. އެކަމަކު ކައްޕީގެ ހިތް ފުރައިދޭނޭ އަގެއް އަލިމަނިކުގެ އަތަކު މިހާރަކު ނެތެވެ.

އޭނަ އަށް ވުރެ ބޮޑު މަކަރުވެރި ބުއްދިވެރިއެއްގެ ދަލުގައި ޖެހި އެތައް މިލިއަން ރުފިޔާގެ ބޮޑު ހުދަންބަރެއް އަތުން ބީވެގެން ދިއުމުންނެވެ. (ނިމުނީ)