11 އެޕްރީލް 2022 - 12:52

މެންޗެސްޓާ (އޭޕްރީލް 11) - ގްލޯބަލް ސްޕޮންސަރުގެ ގޮތުގައި ރަޝިޔާގައި އޮޕަރޭޓްކުރާ ކުންފުންޏެއްގެ އިސްތިހާރު ބޭނުން ކުރާތީ މެންޗެސްޓާ ސިޓީ އަށް ވެސް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވެއްޖެ އެވެ.
ސިޓީގެ ޓްރެއިނިން ކިޓް ސްޕޮންސާކޮށްފައި ވަނީ ބެޓިން ކުންފުންޏެއް ކަމަށްވާ "މެރަތަން ބެޓް" ކުންފުންޏެވެ. އެ ކުންފުންޏަކީ ރަޝިޔާގައި އޮޕަރޭޓްކުރުމަށް ހުއްދަ ދީފައިވާ ބެޓިން ކުންފުނިތަކުގެ ތެރެއިން އެއް ކުންފުޏެއްވެ. އެ ކުންފުނި 1997 ގައި އުފެއްދީ ރަޝިޔާ އާއި ބެލަރޫސް އަދި ކަޒަކިސްތާންގަ އެވެ.
މެންޗެސްޓާ ސިޓީގެ ސްޕޮންސަރެއްގެ ގޮތުގައި މެރަތަން ބެޓް ހަމަޖައްސާފައިވާތާ ހަތަރު އަހަރު ވެއްޖެ އެވެ. ރަޝިޔާގެ ކުންފުނިތަކަށް އިނގިރޭސި ވިލާތުގައި އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި އެ ކުންފުނިން ވެސް ބުނެފައި ވަނީ އިނގިރޭސި ވިލާތުގައި އެ ކުންފުނީގެ ހަރަކާތްތައް ދެން ކުރިއަށް ނުގެންދާނެ ކަމަށެވެ.
ސިޓީ އަށް ކުރިމަތިވި ޕްރެޝަރާ އެކު، މިދިޔަ ހުކުރު ދުވަހު އެ ކްލަބުން ބުނެފައި ވަނީ މެރަތަން ބެޓްގެ އިސްތިހާރު ދެން ބޭނުން ނުކުރާނެ ކަމަށެވެ. އެގޮތަށް ނިންމި ސަބަބެއް ސިޓީން ބުނެފައެއް ނުވެ އެވެ. މެރަތަން ބެޓް ކުންފުންޏާ އެކު ސިޓީން އެންމެ ފަހުން އެއްބަސްވުން އާކުރީ ޑިސެމްބަރު 2019 ގަ އެވެ. ސިޓީގެ ޓްރެއިނިން ކިޓުގެ ސްޕޮންސަރެއްގެ ގޮތުގައި އެ ކުންފުންޏާ އެކު އޭރު ހެދި އެއްބަސްވުން ލޯންޗު ކުރީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެވެ.
ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމުން އިނގިރޭސި ސަރުކާރުން ވަނީ ކްލަބްތަކުގެ ސްޕޮންސާޝިޕްތައް އަލުން މުރާޖާ ކުރުމަށް ގޮވާލައިފަ އެވެ. އަދި ބެލަރޫސް އާއި ރަޝިޔާގެ ކުންފުނިތަކާ އެކު ސްޕޮންސާޝިޕް އެއްބަސްވުން ހެދުން ހުއްޓާލުމަށް ވެސް އިނގިރޭސި ސަރުކާރުން ގޮވާލި އެވެ.
ރަޝިޔާގެ ކުންފުނިތަކާ ދެކޮޅަށް އިނގިރޭސި ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅު އެޅުމުން އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ ޗެލްސީ އަށެވެ. ރަޝިޔާގެ ބިލިއަނަރު ރޯމަން އަބްރޮމޮވިޗްގެ މިލްކިއްޔާތުގައި އޮންނަ ކްލަބު ވިއްކާލަން އޭނާ އަށް ވަނީ މަޖުބޫރުވެފަ އެވެ.