11 އެޕްރީލް 2022 - 13:26

މެންޗެސްޓާ (އޭޕްރިލް 11) - މެންޗެސްޓާ ޔުނައިޓެޑްގެ އެސިސްޓެންޓް ކޯޗަކަށް ރޮބިން ވެން ޕާސީ ގެންދަން މަސައްކަތްކުރި ނަމަވެސް އެކަމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޔުނައިޓެޑުގެ ކުރީގެ ފޯވާޑް، އެސިސްޓެންޓް ކޯޗަކަށް އެ ކްލަބަށް ގެންދަން ހުރަހަކަށް ވަނީ އިނގިރޭސި ވޯކް ވިސާ ލިބުމަށް ދަތިވުމެވެ. އިނގިރޭސި ވޯކް ވިސާ ހޯދަން، ވެން ޕާސީ އަށް ޖެހޭނީ ކޯޗިން ކެޓަގަރީގެ ދަށުންނެވެ. އެކަމަކު ހެޑް ކޯޗެއްގެ ގޮތުގައި އޭނާ މަސައްކަތް ކޮށްފައި ނުވުމުން އޭނާ އަށް ވިސާ ހޯދަން އުނދަގޫވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ޔުނައިޓެޑަށް 150 މެޗު ކުޅެ 58 ލަނޑު ޖެހި ވެން ޕާސީ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަނީ ނެދަލެންޑްސްގެ ފޭނޫޑްގެ 16 އަހަރުން ދަށުގެ ޓީމުގެ އެސިސްޓެންޓަކަށެވެ.
އޭގެ ކުރިން ވެން ޕާސީ ވަނީ ފޭނޫޑްގައި އެ ޓީމުގެ އޭރުގެ ކޯޗު ޑިކް އެޑްވޮކާޓްގެ އެސިސްޓެންޓެއްގެ ގޮތުގައި ސީނިއާ ޓީމުގައި ވެސް މަސައްކަތް ކޮށްފަ އެވެ. އޭނާ އަދާކުރި ރޯލަކީ ޓީމުގެ ސްޓްރައިކަރުން މެޗުތަކަށް ތައްޔާރު ކުރުމުގެ ޓްރޭނިންތަައް ކުރިއަށް ގެންދިއުމެވެ.
ޔުނައިޓެޑުން މަސައްކަތް ކުރަމުން ދަނީ އަންނަ ސީޒަނަށް އެ ޓީމަށް ހަމަޖައްސާ އަޔެކްސްގެ މިހާރުގެ ކޯޗް އެރިކް ޓެން ހޭގްއާ އެކު ވެންޕާސީ މަސައްކަތް ކުރުމަށެވެ. ޕްރިމިއަ ލީގުގެ ތަޖުރިބާ ނެތް ޓެން ހޭގަށް އެހީތެރިވާން ވެން ޕާސީ ހަމަޖައްސަން ޔުނައިޓެޑުން ބޭނުންވީ އޭނާ އަކީ ޕްރިމިއަ ލީގުގައި ކުޅެ ތަޖުރިބާ ހޯދައިފައިވާ ކުޅުންތެރިޔަކަށް ވުމުންނެވެ.
ވެންޕާސީ އެސިސްޓެންޓް ކޯޗަކަށް ގެންދަން ޓެން ހޭގް ވެސް ބޭނުންވެ އެވެ. ޔުނައިޓެޑުން އޭނާއާ މެދު ހިތްހަމަޖެހެނީ ޔުނައިޓެޑަށް ކުޅެ އެ ކްލަބްގެ ސަގާފަތް އެނގޭ މީހަކަށް ވެން ޕާސީ ވާނެތީ އެވެ. ޔުނައިޓެޑުގެ މިހާރުގެ ކޯޗު ރާފް ރަންގްނިކް އަންނަ ސީޒަނުން ފެށިގެން އަދާކުރާނީ އެ ކްލަބްގެ އެޑްވައިޒަރެއްގެ ރޯލެވެ. ރަންގްނިކް ކޯޗުކަމަށް ހަމަޖެއްސީ އޮލޭ ގުނާ ޝޮލްޝެއާ ވަކި ކުރުމަށް ފަހު ވަގުތީ ކޯޗެއްގެ ގޮތުގަ އެވެ.