12 އެޕްރީލް 2022 - 12:18

ހދ. މަކުނުދޫގައި މީހުން ތަރާވީހް ނަމާދަށް ދިއުމުން، ގޭގެއިން ވައްކަންކުރާ މައްސަލަ ބޮޑުވެއްޖެ އެވެ.
މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް މިއަދު "މިހާރު" އަށް ވިދާޅުވީ، ރޯދަމަސް ފެށުނު ފަހުން ފަސް ގެއަކުން ވައްކަން ކޮށްގެން ފުލުހުންނަށް މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ ހުރިހާ ވައްކަމެއްގައި ވެސް ތުހުމަތުކުރެވެނީ އެއް ބަޔަކަށް ކަމަށް އައުޒަމް ވިދާޅުވި އެވެ.
އައުޒަމް ވިދާޅުވި ގޮތުގައި، ވައްކަން ކުރުމަކީ މީގެ ކުރިން އެ ރަށުގައި އާންމު ކަމެއް ނޫނެވެ. އެހެންވެ، ތަރާވީހް ނަމާދަށް ދާ ވަގުތާއި ގޭގައި މީހުން ނޫޅެ ގަޑިތަކުގައި ވެސް ގެތައް ތަޅުނުލާ ހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައެއް ގޭގެގައި، އެ ގޭގައި ދިރިއުޅޭ އެންމެން ތަރާވީހަށް ދިޔައީމަ ގެ މި ހުންނަނީ ހުސްކޮށް. މި ރަށަކީ ވައްކަންކުރާ ރަށެއް ނޫން ވީމަ މީހުން ދަނީ ވެސް ތަޅުނުލާ. އެކަމަކު، މިހާރު އެންމެ ގިނައިން ވައްކަން ކުރަނީ އެ ގަޑީގައި،" އޭނާ ވިދާޅުވި އެވެ.
ހުރިހާ ގެއަކުން ވެސް ވަގަށް ނަގަނީ ފައިސާ އެވެ. އެކަމަކު، އެއީ ކިހާ އަދަދެއްގެ ފައިސާ ކަމެއް އަދި ނޭނގެ އެވެ.
ވައްކަން ކުރުން އިތުރުވާތީ، މަކުނުދޫ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ވަނީ ރައްޔިތުން މިކަމަށް ސަމާލުވާން އިލްތިމާސްކޮށްފަ އެވެ.
މި މައްސަލައިގައި ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.