18 އެޕްރީލް 2022 - 07:33

ދުނިޔޭގައި މަންމަ ނެތްކަމުގެ އިހުސާސެއް ދިމްނާ ފާކިރު ބެލި އޭނާގެ ބައްޕަ ފަރާތު ބޮޑުދައިތައެއް ނުކޮށްދެ އެވެ. ކިޔަވައިދިނުމުން ފެށިގެން ދޭތެރެ ދޭތެރެއިން ނޭވާ ހިއްލައިގެން ހޮސްޕިޓަލުގައި ބާއްވައިގެން އުޅޭއިރު ވެސް ދިމްނާގެ ހުރިހާ ކަމެއް ކޮށްދިނީ ބޮޑުދައިތަ އެވެ. އުޅެ ބޮޑުވީ ބޮޑުދައިތަގެ ދަރިންނާއެކު އެއް ގެއެއްގަ އެވެ.

އެ ކަހަލަ އެއްވެސް ވިސްނުމެއް ނެތި އުޅެމުން ދަނިކޮށް، ދިމްނާ އަށް އެއް އަހަރުގައި މަންމަ މަރުވިކަން އެނގުނީ ސްކޫލު މަސައްކަތެއް ކުރަން ޖެހިގެން ގްރޭޑު 2 ގައި އުޅެނިކޮށެވެ.

"ފެމިލީ ޓްރީ ހަދަން މަންމައާ އެކު އިން ފޮޓޯއެއް ހޯދަން ޖެހިގެން އެކަމުގައި އުޅެނިކޮށް ގޭގައި އުޅޭ ކަޒިންއެއް ބުނީ މަންމަ މަރުވެފައޭ ވީ. ވަރަށް ވަރަށް ދެރަވި، ވަރަށް ރޮވުނު ދުވަހެއް އެއީ. މުންނާ [ބޮޑުދައިތަ] ދިޔައީ ހުރިހާ ކަމެއް ވެސް ކޮށްދެމުން. އެހެންވީމަ އެއްވެސް އެއްޗެއް ހިތަކަށް ނާރާނެދޯ،" ދިމްނާ، 38، ބުންޏެވެ.

މަންމަ މަރުވި ވާހަކަ އެންގުމަށް ފަހު އެ މީހުން ދިމްނާއާ ހަވާލުކުރީ މަންމަ މަކީނާގެ އެއްޗެހިތަކެއް އަޅާފައި ހުރި ފޮއްޓެކެވެ. ގާތްގަނޑަކަށް ހަތް އަހަރު ފަހުން ފޮށިން ނެގި ބައެއް ތަކެތި ސަލާމަތެއް ނުކުރެވުނެވެ. ބާކީ ހުރި އެއްޗެހި ދިމްނާ ރައްކާކުރީ އެވެ.

މަންމަގެ އެއްވެސް ހަނދާނެއް ދިމްނާގެ ނެތެވެ. އަތުގައި އޮތްހާ ވެސް އެއްޗަކީ މަންމަ މަރުވުމުގެ ކުރިން އުރާލައިގެން ނެގި ފޮޓޯގަނޑެއް އެކަންޏެވެ. އެހެންވެ، އުފަން މަންމައެއްގެ ލޯބި ނުލިބި ބޮޑުވުމުން ދިމްނާ ބޭނުންވީ އޭނާއަށް ލިބޭ އަލަތު ދަރިފުޅަށް ފުރިހަމައަށް ލޯބިދީ، ހުރިހާ ކަމެއް ކޮށްދޭށެވެ.

އެކަމަކު ދިމްނާ ބުނާގޮތުން ދަރިމައިވުމަށް އޭނާ ކުރަން ޖެހުނު ތަޖުރިބާ ވަރަށް ހިތްދައްޗެވެ. ހަތަރު ފަހަރަށް ބައިގެންދިޔަ އެވެ.
މިދިޔަ ހަފުތާގައި ފަސް އަހަރު ފުރުނު ނައުޝީން ލިބުނީ ދިމްނާ ފަސް ވަނަ ފަހަރަށް ބަނޑުބޮޑުވި ފަހުންނެވެ.
"ފުރަތަމަ ފަހަރު ބައިގެން ދިޔައީމަ ހިތަށް އެރީ ބިޒީކޮށް އުޅޭތީއޭ އެހެން ދިމާވީ. އޭރު އުޅުނީ އައްޑޫގައި ގައިޑް ކޭމްޕެއް ލީޑުކުރަން. ބޮލުގައި ރިއްސައި އުނދަގޫތަކެއް ވެފައި ހުންނަނީ. އެކަމަކު މާލެ އައިސް ޓެސްޓުކުރީމަ އެނގުނީ ބަނޑުބޮޑުކަން. އޭގެ ދުވަސްކޮޅެއް ފަހުން ބައިގެން ދިޔައީ،" ސ. ފޭދު އަށް އުފަން ދިމްނާ ބުންޏެވެ.
ފުރަތަމަ ފަހަރު އެގޮތަށް ދިމާވުމުން، ދެ ވަނަ ފަހަރު ބަނޑުބޮޑުކަން އެނގުމާއެކު، ކުޑަކުދިންނަށް ހުނަރު ދަސްކޮށްދިނުމަށް ހިންގާ ސްކިލްސް ޕްރޮގްރާމްތަކުން ބްރޭކެއް ނަގައި އަރާމުކުރަން ފެށި އެވެ. އެކަމަކު އެ ފަހަރު ވެސް ބައިގެން ދިޔައީ އެވެ.
"ތިން ވަނަ ފަހަރު ބަނޑުބޮޑުވީމަ ވެސް ހަމަ ބެޑް ރެސްޓުގައި އުޅުނީ. އެކަމަކު ސްކޭންތައް ހަދަން ބޭރަށް ދާއިރު ވެސް ހިތަށް އަރާ ސައިކަލުން ބަމްޕަރަށް އަރައިގެން ވެސް މިސްކެރިޖް ވެދާނެއޭ. ވަރަށް ބިރުން އޭރު އުޅުނީ. އަބަދު މޭވާއާ ތަރުކާރީ ކައިގެން، އެއްގޮތަކަށް ވެސް ބޭރަށް ނުދަން،" ތިން ވަނަ ފަހަރު ބައިގެން ދިއުމުގެ ކުރިން އުޅުނު ގޮތް ކިޔައިދެމުން އޭނާ ބުންޏެވެ.
ބައިގެންދިޔަ ވާހަކަތައް ދިމްނާގެ ބައްޕައާ ހިއްސާކުރުމުން މަންމަ އަށް ވެސް ދޮށީ ދަރިފުޅު ލިބުނީ ތިން ފަހަރަށް ބައިގެން ދިޔަ ފަހުން ކަމަށް ބައްޕަ އޭނާ ކައިރީގައި ބުންޏެވެ. އެހެންވެ، ދިމްނާ އުއްމީދުކޮށްގެން ހުރީ ހަތަރު ވަނަ ފަހަރު ބަނޑުބޮޑުވުމުން ކުއްޖެއް ލިބޭނެ ކަމަށެވެ.
އެކަމަކު ކަންތައް ދިމާވީ އެގޮތަކަށް ނޫނެވެ.
"ހަތަރު ވަނަ ފަހަރު ވެސް މިސްކެރިޖެއް ވީ،" އަންހެނުން ބާރުވެރިކުރުމުގެ ގޮތުން ޖެންޑާ މިނިސްޓްރީން ދޭ ރެހެންދި އެވޯޑު މި އަހަރު ހޯދި ދިމްނާ ބުންޏެވެ.
"ހާޓް ބީޓް އިވުނު ފަހުން ވެސް މިސްކެރިޖު ވި. ކޮންމެ ފަހަރަކު ބަނޑުބޮޑުވީމަ ބެޑް ރެސްޓުކޮށްފައި، އަނެއްކާ މިސްކެރިޖު ވީމަ މަސައްކަތް ފަށަނީ."
ބައިގެން ގޮސް، އެ ހިތްދަތި ތަޖުރިބާ ކުރެވިފައި ހުރުމުން ދިމްނާގެ ދެމަފިރިން ނިންމީ ފަސް ވަނަ ފަހަރަށް ބަނޑުބޮޑުވުމުން ރާއްޖެއިން ބޭރުން ފަރުވާ ހޯދާށެވެ. ބޭރުން މަހެއް ވަންދެން ފަރުވާ ހޯދުމަށް ފަހު އެނބުރި މާލެ އައިސް ބަނޑަށް ހަތް މަސް ވުމާ ހަމައަށް އޭނާ އޮތީ ބެޑް ރެސްޓުގަ އެވެ.
ދިމްނާ ބުނީ ނައުޝީން ލިބުމުން އެންމެ ފުރަތަމަ ވެސް ސުވާލުކުރެވުނީ ދަރިފުޅު ނޭވާލާ ހެއްޔޭ އެވެ؟
"ނޭވާ ލައޭ ބުނީމަ ދެ އަތުން ކަންފަތުގައި އަތްލައި ބަންގި ގޮވަން ފެށުނީ ވެސް. ނަރުހުންނަށް ވެސް މިވާ ގޮތެއް ނޭނގިދާނެ. އެކަމަކު ދިމީ ވަރަށް ތަކުލީފު އުފުލައިގެން ކުއްޖެއް ލިބުނީމަ ވަރަށް ވަރަށް އުފަލުން ހުރީ،" ދިމްނާ ބުންޏެވެ.
"ވިހައިގެން ވަރަށް އުނދަގޫވާނެ ހިނގާ އުޅެން. އެކަމަކު އެއިން އެއްވެސް ތަދެއް އިހުސާސެއް ނުވި ނައުޝީން ފެނުނީމަ."
މަންމަގެ ހަނދާނުގައި ދިމްނާގެ ދަރިފުޅަށް ކިޔާފައިވަނީ ވެސް މަކީނާ ނައުޝީން އަލީ އެވެ.
އަަލަތު ދަރިފުޅާ އެކު ދިމްނާގެ ދިރިއުޅުން ހީވެސް ނުކުރާ ގޮތަކަށް ބަދަލުވެގެން ދިޔަ ނަމަވެސް މަންމައެއްގެ ލޯބި ދޭނެ ގޮތެއް އަދި މަގުދައްކައިދޭނެ މީހެއް ނެތެވެ. އެކަމަކު ދިމްނާ ބުނީ އޭނާ އަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ހުރިހާ ވަގުތެއް ދަރިފުޅަށް ހުސްކޮށް، ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކޮށްދެވުމެވެ.
އެކަމުގައި އޭނާ އެންމެ ބޮޑު އެހީއަކަށް ވީ ސްކޫލު ދައުރުގައި ހުރި ލީޑަޝިޕްގެ ހުނަރާއި އަމީނިއްޔާ ސްކޫލު ނިންމުމަށްފަހު އޭނާ ހެދި ސްކިލްސްގެ އެކި ޓްރެއިނިންތަކެވެ.
"ސްކޫލުގައި އުޅުނުއިރު ވެސް ހިތަށް އަރާ މިހެން ފިލާވަޅު ދަސްކުރީމަ ފަސޭހަވާނެއޭ. އެކަމަކު އެގޮތަށް ކިޔަވައިދޭނެ މީހެއް ނުހުރޭ. އެކި ގޮތްގޮތަށް ދަސްކުރާ މީހުން ތިބޭނެ. އެހެންވެ ލާނިން ސްކިލްސް ދަސްކޮށްދޭން ބޭނުންވީ. އެ ކުއްޖަކަށް ދަސްކުރަން ފަސޭހަ ގޮތަކަށް ދަސްކޮށްދީފިނަމަ ފިލާވަޅު ނަގައިގަންނަން ފަސޭހަވާނެ،" ސްކިލްސް ޓްރެއިނިން ސެންޓަރުގެ ނަމުގައި 2012 ވަނަ އަހަރު ހުޅުވި ސެންޓަރާ ގުޅޭގޮތުން ދިމްނާ ބުންޏެވެ.
މީގެ ކުރިން އެ ސެންޓަރުގައި ހުރިހާ ޓްރެއިނިންތަކެއް ދިން ނަމަވެސް ކޮވިޑު-19 ގެ ސަބަބުން އެ ހުރިހާ ކްލާހެއް އޮންލައިން އަށް ބަދަލުވި އެވެ. އެކަމަކު، ސެންޓަރުގައި ކުދިންނަށް ކްލާސްތައް ހިންގައިދިނުމަށް ބެލެނިވެރިން ދަނީ ދިމްނާ ގާތުގައި އެދެމުންނެވެ. އޭނާ ނިންމައިގެން ހުރީ ނައުޝީން ގްރޭޑު 1އަށް ބަދަލުވުމުން ފިޒިކަލް ކްލާސްތައް ކުރިއަށްގެންދަން ތައްޔާރުވެގެންނެވެ.
އެޑިއުކޭޝަން ދާއިރާއިން މާސްޓާސް ހާސިލްކޮށްފައިވާ ދިމްނާގެ ސްކިލްސް ޓްރެއިނިންތަކުގައި 5،000 ދަރިވަރުން ބައިވެރިވެފައިވެ އެވެ. މި ވަގުތު ވެސް ތިން އަހަރުން މަތީގެ ދަރިވަރުންނަށް ހާއްސަކޮށްފައިވާ ސެންޓަރުގައި ރާއްޖޭގެ އެކި ހިސާބުތަކުން 200 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ އެކި ވައްތަރުގެ ޓްރެއިނިން ހަދަމުންނެވެ.
މި ރޯދަ މަހު ވެސް މަނީކާގެ ނަމުގައި ދިމްނާ އަންނަނީ ގުރުއާން ފެސްޓިވަލެއް ބާއްވަމުންނެވެ. އޮންލައިންކޮށް ކުރިއަށްގެންދާ ފެސްޓިވަލުގައި 500 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާއިރު، އެ ކޮންމެ ދަރިވަރަކަށް އިނާމެއްގެ ގޮތުގައި މުސްހަފެއް ހަދިޔާކުރާނެ އެވެ.
"ވަރަށް ގިނައިން ބެލެނިވެރިން ބުނޭ ސްކިލްސް ޓްރެއިނިންއަށް ގުޅުނު ފަހުން ކުދިންނަށް ވަރަށް ރަނގަޅު ބަދަލުތައް އައިސްފައިވާ ކަމަށް. އެއީ ލިބޭ އެންމެ ބޮޑު އުފުލަކީ ވެސް،" ދިމްނާ ބުންޏެވެ.