20 އެޕްރީލް 2022 - 11:23

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގެ ބޭރުގައި ހަރުކޮށްފައިވާ "އިންޑިއާ އައުޓް" ޖަހާފައިވާ ބޮޑު ބެނާ، ފުލުހުން ފޮނުވައިގެން ނަގަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކެމްޕެއިނެއް ކުރަމުން އަންނަ އިރު ހެންވޭރުގައި ޔާމީން ދިރިއުޅުއްވަމުން ގެންދަވާ އަމިއްލަ ގެކޮޅު، ހ. ދޫވެހީގައި އިއްޔެ ވަނީ އިންޑިއާ އައުޓް ޖަހާފައިވާ ބޮޑު ބެނާއެއް ހަރުކޮށްފަ އެވެ. އަދި ޕީޕީއެމްގެ އޮފީސް ހިމެނޭ ހ. ހުރަފަ ގޭގައި ވެސް ވަނީ އިންޑިއާ އައުޓް ބެނާއެއް ހަރުކޮށްފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވި ގޮތުގައި އަވަށްޓެރި ގައުމުތަކާ ގުޅޭ ގޮތުން ބަދުބަސް ބުނެ މާލޭގެ ބޮޑެތި އިމާރާތްތަކުގައި ބެނާ ނެގުމަކީ ގާނޫނުލްއުގޫބާތާ ހިލާފު ކަމެކެވެ. އަދި އެއީ އާންމު މަސްލަަހަތާ ވެސް ހިލާފު ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ވަގުތުން ވަގުތަށް ފުލުހުން ފޮނުވައިގެން [އިންޑިއާ އައުޓް ބެނާ] ނަގަން ޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިހެން ވިދާޅުވީ އިންޑިއާ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ސަރުކާރުން ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ސަރުކާރު އަޑު އުފުލުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން ހުށަހެޅި ކުއްލި މައްސަލަައަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
އެފަދަ މައްސަލަތަކަށް ބަހުސް ކުރުމަށް މަޖިލީހުގެ ގަވައިދާއި ޑިމޮކްރަޓިކް އުސޫލުތައް ތަނެއް ނުދޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އަވަށްޓެރި ގައުމުތަކުގައި ހިނގާ ދާހިލީ ކަންކަމާ ގުޅޭ ގޮތުން މަޖިލީހުގައި ބަހުސް ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވުމަށް އެމްޑީޕީ އާއި ސަރުކާރު ކޯލިޝަންގެ ހުރިހާ ޕާޓީތައް މީގެ ކުރިން ވެސް ވަނީ ގޮވާލައިފަ އެވެ.