ބޮމުގެ އިންޒާރާ އެކު މެގުއާގެ ގެ ފުލުހުން ބަލާ ފާސްކޮށްފި
ބޮމުގެ އިންޒާރާ އެކު މެގުއާގެ ގެ ފުލުހުން ބަލާ ފާސްކޮށްފި

މެންޗެސްޓާ (އޭޕްރީލް 22) - މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަން ހެރީ މެގުއާގެ ގޭގައި ބޮން ގޮއްވާނެ ކަމަށް ބުނެ ލިބެމުން ދިޔަ އިންޒާރުގެ މެސެޖުތަކާ އެކު، އޭނާ ދިރިއުޅޭ ގެ ފުލުހުން ބަލައި ފާސްކޮށްފި އެވެ.

މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ޔުނައިޓެޑުގެ ޑިފެންޑަރުގެ ލޯބިވެރިޔާ އާއި ކުޑަ ދެ ކުދިންނާ އެކު ޗޭޝެއާގައި ދިރިއުޅޭ ގެއަށް ބޮން އަޅާނެ ކަމަށް އިންޒާރު ލިބުނީ އީމެއިލް އަކުންނެވެ. އެ ސަރަހައްދުގެ ފުލުހުން ބުނީ ބޮން އަޅާނެކަމަށް ބުނާ މައްސަލައެއް ރިޕޯޓް ކުރީ މިދިޔަ ބުދަ ދުވަހު އެވެ. އެއީ ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 4-0 އިން ބަލިވިތާ އެއް ދުވަސް ފަހެވެ.

ފުލުހުން މެގުއާގެ ގެ ބަލައި ފާސްކޮށްފައިވާއިރު، ސަލާމަތަށްޓަކައި ގޭގެ ވަށައިގެން އޮތް ސަރަހައްދު ވެސް ބަލާފައިވާ ކަމަށް ފުލުހުންގެ ބަޔާނެއްގައިވެ އެވެ. ޝަައްކުވާ އެއްޗެއް ނުފެނުނަސް އިންޒާރުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"ބަލާ ފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ އެއްވެސް އެއްޗެއް ފެނިފައެއް ނުވޭ. ބޮމުގެ އިންޒާރު ދިން މައްސަލައިގެ ތަހުގީގު އަދިވެސް ދަނީ އިތުރަށް ތަހުގީގު ކުރަމުން. އެކަމަކު އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވޭ."

މެގުއާ ޔުނައިޓެޑަށް ބަދަލުވި ފަހުން އޭނާގެ ފޯމު ދަށްވެފައިވާތީވެ އޭނާއަށް ދަނީ ޔުނައިޓެޑުގެ ގިނަ ސަޕޯޓަރުންގެ ނުރުހުމާއި ފާޑުކިޔުން އަމާޒު ވަމުންނެވެ. ނަމަވެސް މި ހަފްތާގައި އޭނާ ވަނީ ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި އޭނާގެ ކުޅުން ދިފާއުކޮށްފަ އެވެ. މެގުއާ ބުނީ އޭނާ ދަށް ނަމަ ކުރީގެ ކޯޗު އޮލެެ ގުނަ ސޯލްޝެއާ އާއި މިހާރުގެ ކޯޗު ރަލްފް ރަނންގްނިކްގެ ޓީމުން ވެސް ކުޅުމުގެ ފުރުސަތު ލިބޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

އަންނަ ސީޒަނުން ފެށިގެން ޔުނައިޓެޑުގެ ދާއިމީ ކޯޗަކަށް އެރިކް ޓެން ހަގް ހަމަޖެއްސިކަން މިހާރު ވަނީ ރަސްމީކޮށް އިއުލާން ކޮށްފަ އެވެ. ވަގުތީ ކޯޗު ރަންގްނިކާ އެކު ޔުނައިޓެޑަށް ދެން އޮތީ ލީގުގައި އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗެވެ.

މެގުއާގެ ފަރާތުން މީޑިއާއާ ވާހަކަ ދެއްކި ފަރާތަކުން ހާމަކުރި ގޮތުގައި މި ހުރިހާ ކަމަކާ އެކު ވެސް ކުލަބުގެ ފަރިތަކުރުންތަކުގައި މެގުއާ ގަވާއިދުން ބައިވެރި ވާނެ ކަމަށާއި، އެކަމަކު މެގުއާގެ އެންމެ މުހިއްމު ކަމަކަށް ވާނީ އޭނާގެ އާއިލާއަށް ރައްކާތެރިކަން ހޯދައިދިނުމެވެ.