20 ދުވަސްތެރޭ ދެ ފަހަރަށް މީހަކަށް ކޮވިޑްޖެހިއްޖެ
20 ދުވަސްތެރޭ ދެ ފަހަރަށް މީހަކަށް ކޮވިޑްޖެހިއްޖެ

މެޑްރިޑް (އެޕްރީލް 22) - ސިއްހީ ދާއިރާގައި މަސައްކަތްކުރާ އުމުރުން 31 އަހަރުގެ މީހަކަށް 20 ދުވަސްތެރޭ ދެ ފަހަރަށް ކޮވިޑް ޖެހިފައިވާ ކަމަށް ސްޕޭނުގެ ރިސާޗަރުން ބުނެފި އެވެ.

މިއީ ބެލެވޭ ގޮތުގައި މީހަކަށް ދެ ފަހަރަށް ކޮވިޑް ޖެހުނު އެންމެ ކުރު މުއްދަތެވެ.

ޓެސްޓްތަކުން ދައްކާފައިވާ ގޮތުގައި ކުރު މުއްދަތުގައި އެ އަންހެން މީހާ އަށް ޖެހިފައި ވަނީ ކޮވިޑުގެ ދެ ވޭރިއަންޓެކެވެ. ޑެލްޓާ ވޭރިއަންޓް ޑިސެމްބަރު މަހު ފަހުކޮޅު ޖެހުނުއިރު ޖެނުއަރީ މަހު ޖެހިފައި ވަނީ އޮމިކްރޮން އެވެ.

ރިސާޗަރުން ބުނެފައި ވަނީ މިކަމުން ދައްކައިދެނީ ވެކްސިން ފުރިހަމަކޮށްފައި އަދި ކުރިން ކޮވިޑް ޖެހިފައިވީ ނަމަވެސް އަލުން ކޮވިޑް ޖެހިދާނެ ކަމެވެ. އާއްމު ގޮތެއްގައި ބެލެވިފައި ވަނީ ކޮވިޑް ޖެހުމަށް ފަހު ދެ ވަނަ ފަހަރަށް އެ ބަލި ޖެހުމާ ދެމެދު ތިން މަސް ދުވަހުގެ މުއްދަތެއް ނަގާ ކަމަށެވެ.

ކުރު މުއްދަތެއްގައި ދެ ފަހަރަށް ކޮވިޑް ޖެހުނު ސްޕޭން މީހާގެ ފުރަތަމަ ޕީސީއާރް ޓެސްޓް ޕޮޒިޓިވްވިއިރު އޭނާގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ނުފެނެ އެވެ. އެކަމަކު ތިން ހަފުތާ ވެސް ނުވަނީސް އެ މީހާ ހުން އައިސް ކެއްސަން ފެށުމުން ހެދި ކޮވިޑް ޓެސްޓް ވަނީ ޕޮޒިޓިވްވެފަ އެވެ. މި ހާދިސާގެ އަލީގައި ރިސާޗަރުން ބުނެފައި ވަނީ ކުރިން ބަލިޖެހުމުގެ ސަބަބުން ލިބިފައިވާ އިމިއުނިޓީ އޮމިކްރޮން ވޭރިއަންޓުގެ ސަބަބުން ފިލައިގެންދާކަން ކަމަށެވެ. އަދި އެހެންވެ ކުރިން ކޮވިޑް ޖެހި އިމިއުނިޓީ ލިބި އަދި ވެކްސިން ޖަހައިގެން ރައްކާތެރިކަން ހޯދާފައިވީ ނަމަވެސް، އެއީ ކޮވިޑް ނުޖެހޭނެ ކަމުގެ ގެރެންޓީއެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

އޮމިކްރޮން ވޭރިއަންޓް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފެތުރެން ފެށުމާ އެކު ކޮވިޑް ވަރަށް ބޮޑަށް ފެތުރިގެން ދިޔަ އެވެ. އަދި އޮމިކްރޮންގެ އެހެން ވާޝަނެއް ކަމަށްވާ ބީއޭ.2 މާޗް ފަހުން ފެނުމާ ގުޅިގެން ވެސް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވި އެވެ.