22 އެޕްރީލް 2022 - 21:57

ވަރަށް ހޫނުގަދަ ދުވަސްތަކަކަށް ފަހު މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރަން ފަށައިފި އެވެ.
މެޓް އޮފީހުން މިއަދު ވަނީ ހދ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ހުދު ސަމާލު ނެރެފަ އެވެ. އެ ދެމެދުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާ އެކު، ގުގުރުމާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް އެ އޮފީހުން ލަފާކުރެ އެވެ.
މި ހަފުތާ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް، އިއްޔެ އެ އޮފީހުން އިއުލާން ވެސް ކުރި އެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭ ނުވެހި މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، މިދިޔަ އާދިއްތަ ދުވަހު ރާއްޖޭގެ ބައެއް ހިސާބުތަކަށް އިހުސާސް ކުރެވުނު ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ވެސް މެޓުން އާންމުކުރި މައުލޫމާތުތަކުން ވަނީ އެންގިފަ އެވެ.
އެ ދުވަހު ހުޅުލޭގެ ފިނިހޫނުމިން 33.5 ޑިގްރީ ސެލްސިއަސްގައި ހުރި ނަމަވެސް، އިހުސާސްވާ ފިނިހޫނު މިން ހުރީ 43.3 ޑިގްރީ ސެލްސިއަަސްގަ އެވެ.
މިއީ ކޮންމެ އަހަރަކު ވެސް ރާއްޖެ އަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ. މެޓް އޮފީހުން ކުރިން އާންމުކޮށްފައިވާ ބައެއް މައުލޫމާތުތަކުން އެނގޭ ގޮތުގައި އޭޕްރިލް މަސް ތެރޭގައި ކޮންމެ އަހަރަކު ރާއްޖޭގެ ފިނިހޫނުމިން އެވްރެޖްކޮށް 29.7 ޑިގްރީ ސެލްސިއަސް އަށް އަރަ އެވެ.
މެޓުން ލަފާކުރާ ގޮތުގައި މި ހަފުތާ ބަންދުގައި ވިއްސާރަކުރިޔަސް، އަންނަ އާދިއްތަ ދުވަހުން ފެށިގެން އަނެއްކާ ވެސް ރާއްޖެ އަށް ހޫނުގަދަވާނެ ކަމަށް ބެލެވެ އެވެ.
މިއީ އާންމުކޮށް ރާއްޖޭގައި ހުޅަނގު މޫސުން ފެށެން ދެމޫސުން ބެދޭ ދުވަސްވަރެވެ. އަދި އިރުވައި މޫސުން ނިމި، ހުޅަނގު މޫސުން ފެށެނީ އާންމުކޮށް މެއި މަހުގަ އެވެ.