ތިން އަހަރަށް ފަހު މިފަހަރު ބޮޑު ޖަމާއަތުގައި އީދު ނަމާދު އޮންނާނެ
ތިން އަހަރަށް ފަހު މިފަހަރު ބޮޑު ޖަމާއަތުގައި އީދު ނަމާދު އޮންނާނެ

މި އަހަރު މާލޭގައި ފިތުރު ނަމާދު ބޮޑު ޖަމާއަތުގައި ކުުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރިން ބުނެފި އެވެ.

ތިން އަހަރަށް ފަހު މިފަހަރު ބޮޑު ޖަމާއަތުގައި އީދު ނަމާދު އޮންނާނެ
ތިން އަހަރަށް ފަހު މިފަހަރު ބޮޑު ޖަމާއަތުގައި އީދު ނަމާދު އޮންނާނެ

މިއީ 2018 ގެ ފަހުން ފިތުރު އީދު ބޮޑު ޖަމާއަތެއްގައި ކުރާ ފުރަތަމަ ފަހަރެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ 2019 ވަނަ އަހަރު ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުބޭއްވުނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. އަދި 2020 ގައި ފިތުރު އީދު އައި އިރު ކޮވިޑްގެ ސަބަބުން މާލެ ލޮކްޑައުންގައި އޮތުމުން މިސްކިތްތައް ވެސް ހުރީ ބަންދުކޮށްފަ އެވެ. އެހެންވެ އީދު ނަމާދު މިސްކިތުގައި ވެސް ނުކުރެ އެވެ.

މިދިޔަ އަހަރު ވެސް ކޮވިޑާ ގުޅިގެން ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުކުރެ އެވެ. އެކަމަކު މިދިޔަ އަހަރު ގައިދުރުކަމާ އެކު މިސްކިތްތަކުގައި އީދު ނަމާދުކުރި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މޫސުން ގޯސް ނޫން ނަމަ މި އަހަރު މާލޭ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާ ގޮތަށް ނިންމާފައިވާ ކަމަށެވެ.

މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނީ މާފަންނު ސްޓޭޑިއަމްގަ އެވެ. އަދި ހުޅުމާލޭގައި ނަމާދުކުރާނީ ސިންތެޓިކް ޓްރެކްގައި ކަމަށާއި ވިލިމާލޭގައި އީދު ނަމާދުކުރަން ނިންމާފައި ވަނީ ވިލިމާލޭ ބަނދަރު ކައިރީގައި ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ވަނީ ނަމާދަށް ދިއުމުގެ ކުރިން ބައެއް ކަހަލަ ކަންކަމަށް ސަމާލުވުމަށް ވެސް އެދިފަ އެވެ.

ނަމާދަށް ދާއިރު ސަމާލުކަންދޭންވީ ކަންކަން:

- ގެއިން ވުޟޫކޮށްގެން ދިއުން
- އަމިއްލަ މުސައްލައެއް ގެންދިއުން
- އަމިއްލަ ފެންފުޅިއެއް ގެންދިއުން
- ފައިވާން ލާނެ ޕްލާސްޓިކް ނޫން ކޮތަޅެއް ގެންދިއުން

ފިތުރު އީދު ވާނީ، ކަލަންޑަރުގައިވާ ގޮތުން އަންނަ ހޯމަ ދުވަހަށެވެ.