26 ޑިސެމްބަރ 2016 - 06:37

ސަލްމާން ޚާނާ އެކު ކުރިމަގުގައި އެއްވެސް ފިލްމެއް ނުކުޅޭނެ ކަމަށާއި "ޕާޓްނާ 2" އަކީ ދުވަހަކު ވެސް ވުޖޫދަށް އަންނާނެ ފިލްމެއް ނޫން ކަމަށް ކުރީގެ މަޝްހޫރު އެކްޓަރު ގޯވިންދާ ބުނެފި އެވެ.
ސަލްމާނާ އެކު "ޕާޓްނާ" ގައި ވަރަށް މަޖާ ރޯލެއް އަދާކޮށްފައިވާ ގޯވިންދާ ދާދި ފަހުން އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވަނީ އޭނާ އާއި ސަލްމާނާ ދެމެދު މައްސަލައެއް ޖެހިގެން އުޅޭ ކަމަށް ފުރަތަމަ ފަހަރަށް އެއްބަސްވެފަ އެވެ.
ގޯވިންދާ ބުނީ ސަލްމާންގެ އިހްސާންތެރިކަން އޭނާ ދުވަހަކު ވެސް ހަނދާން ނައްތާ ނުލާނެ ކަމަށެވެ. ސަބަބަކީ ފިލްމުތައް ފްލޮޕްވެ ކުޅޭނެ ރަނގަޅު ފިލްމެއް ނުލިބިފައި ހުއްޓާ އޭނާއާ އެކު "ޕާޓްނާ"ގައި ބައިވެރިވެގެން ފިލްމީ ކެރިއަރަށް ދިރުން ގެނެސްދިނީ ސަލްމާން ވީމަ އެވެ.
ނަމަވެސް ގޯވިންދާ ބުނި ގޮތުގައި އޭނާ އާއި ސަލްމާނާ ދެމެދު ޚިޔާލު ތަފާތުވާ ވަރަށް ގިނަ ކަންތައްތަކެއް ވެސް އެބަ ހުއްޓެވެ. ދެ މީހުން މައްސަލަ ޖެހެނީ އެފަދަ ކަންތައްތަކާ ހުރެ ކަމަށް ވެސް ގޯވިންދާ ބުންޏެވެ.
"ޕާޓްނާ 2" ކުޅޭނެކަން ދެ މީހުން އިއުލާންކުރުމަށް ފަހު ކުއްލިއަކަށް އެ ފިލްމު ނުއުފެއްދޭން މެދުވެރި ސަބަބެއް ގޯވިންދާ ނުބުނެ އެވެ. އޭނާ ބުނީ ސަބަބު ހާމަކުރަން ބޭނުން ނޫން ކަމަށާއި އެ ދެ މީހުންނަކީ ވަރަށް ތަފާތު ދެ ވިސްނުމެއްގެ ބައެއް ކަމަށެވެ.
"އެއްފަހަރަކު ރަޖްނީކާންތު ބުނެފައިވޭ ހިތް ނޭދޭ ކަމެއް ނުކުރައްޗޭ. އެއީ އަހަރެން ވަރަށް ގަބޫލުކުރާ ވާހަކައެއް،" ސަލްމާނާ އެކު އިތުރު ފިލްމެއް ނުކުޅެން ނިންމި ސަބަބާ ބެހޭ ގޮތުން ގޯވިންދާ ބުންޏެވެ.
ގޯވިންދާ މިހާރު ކުޅެމުން އަންނަނީ "އާ ގަޔާ ހީރޯ" ކިޔާ ފިލްމަކާއި ރަންބީރު ކަޕޫރާ އެކު "ޖައްގާ ޖާސޫސް" އެވެ.