ބޭޑް ބަނީ މާވެލް އާ ގުޅެނީ
ބޭޑް ބަނީ މާވެލް އާ ގުޅެނީ

ސްޕޮޓިފައިގެ އެންމެ މަގުބޫލު ލަވަކިޔުންތެރިޔާ ބެނީތޯ އެންތޯނިއޯ މާޓިނެޒް ނުވަތަ ސްޓޭޖް ނަމުން ނަމަ "ބޭޑް ބަނީ" މާވެލް ސިނެމަޓިކް ޔުނިވާސްއާ ގުޅެން ނިންމައިފި އެވެ.

ބޭޑް ބަނީ އަކީ ފާއިތުވި ދެ އަހަރު ޖެހިޖެހިގެން ސްޕޮޓިފައިގައި އެންމެ ގިނައިން ސްޓްރީމް ކޮށްފައިވާ އާޓިސްޓެވެ.

މާވެލްގެ ތަފާތު އާ ގިނަ ކެރެކްޓާސްތަކެއް މިހާރު ސްކްރީނަށް އަންނައިރު، ބޭޑް ބަނީ ވެސް ފެންނާނީ މުޅިން އާ ކެރެކްޓާއެއްގެ ރޯލުންނެވެ. އޭނާ ފެންނާނީ މާވެލް ސުޕަހީރޯއެއް ކަމަށްވާ "އެލް މުއެރުތޭ"ގެ ރޯލުންނެވެ.

އެލް މުއެރުތޭ އަކީ އާދަޔާ ހިލާފު ބާރުތަކެއް ލިބިފައިވާ، މާސްކެއް އަޅައިގެން އުޅޭ ރެސްލިން ކުޅޭ ހީރޯއެކެވެ. އެ ކެރެކްޓާ ތައާރަފުކުރުމަށް ނިންމާފައި ވަނީ 2024 ގައި ނެރޭ ފިލްމަކާ އެކުގަ އެވެ. އޭގެ އިތުރުން ފިލްމާ ގުޅޭ އިތުރު މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

އެ ރޯލާ ގުޅޭގޮތުން ގާޑިއަން އަށް ދިން އިންޓަވިއުއެއްގައި ބޭޑް ބަނީ ބުނީ މާވެލްގެ ކެރެކްޓާއެއް ހަގީގަތަށް ގެނައުމަށް ފުރުސަތު ލިބުމަކީ ވަރަށް ގަބޫލުކުރަން ވެސް ދަތި ކަމެއް ކަމަށެވެ.

ބޭޑް ބަނީ ވަނީ މިދިޔަ އަހަރު ކުރިއަށް ދިޔަ ޑަބްލިއުޑަބްލިއުއީ ރެސްލް މޭނިއާގައި ރެސްލާއެއްގެ ގޮތުގައި ވެސް ބައިވެރިވެފަ އެވެ.