26 ޑިސެމްބަރ 2016 - 06:41

ޖަނަވާރާއި ދޫނި ސޫފާސޫތްޕަކީ މިނިވަންކަމާ އެކު އުދުހި އުޅެވެން ޖެހޭ އެއްޗެހި ކަމަށް ގަބޫލުކުރާ މީހުން ގިނަ އެވެ. ނަމަވެސް މިފަދަ ޖަނަވާރާއި ދޫނި އޮޅުކޮށްގެން ކޮށި ކޮއްޓަށް ލައިގެން ގެންގުޅެން ބޭނުންވާ މީހުން އޭގެ އަސްލު މާހައުލުން ވަކިކޮށްލައިގެން ގެނެސް ބަންދުކޮށްގެން ބަލަހައްޓަ އެވެ.
ބައެއް މީހުން އެމީހުންގެ އަމިއްލަ އުފަލާއި ހިތްހަމަޖެއްސުމަށް މި ތަކެތި ގެންގުޅޭއިރު އެހެން މީހުންގެ މުނިފޫހިފިލުވާ ދިނުމަށް އެކަން ކުރާ މީހުން ވެސް އުޅެ އެވެ. އެ ހާލަތުގައި އެ އެއްޗެހި ކުރާނެ ހިތާމަ އާއި އުފުލާނެ ވޭން ދަންނަނީ ވަރަށް މަދު ބައެކެވެ.
ގަތަރުގެ އަންހެން ކުއްޖަކަށް ކެތެއްނުކުރެވުނެވެ. ބަންދުކޮށްގެން ގެންގުޅޭ ދޫނިތައް ފެނިފައި ވަރަށް އަސަރު ކުރި އެވެ. އެންމެ ފަހުން އޮސްޓްރިޔާގެ ޒުލެއްގައި ގެންގުޅުނު ހުރިހާ ދޫންޏެއް ގަތުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ފައިނޭންޝަލް ޓައިމްސް އިން ބުނެ އެވެ.
އެ ޒުލުން އޭނާ ގަތް ދޫނިތައް ހުސް ބިމަކަށް ގެންދިޔައީ ބޮޑު ޓްރެކެއްގަ އެވެ. އެ އުދުއްސާލާތަން ފެންނަ ވީޑިއޯއެއް މި ޚަބަރާ އެކު ވަނީ އާއްމުކޮށްފަ އެވެ. އަދި ދޫނިތައް މައްޗަށް އަރައިގެން ދާ މަންޒަރުން ގިނަ ބަޔަކަށް ހިތްހަމަޖެހުން ލިބުނެވެ.
ބާޑް ފްލޫ ޖެހިގެން އެތައް ބައިވަރު ޖަނަވާރެއް މަރާލަމުންދާ މި ދުވަސްވަރު އަންހެންކުއްޖެއްގެ ހިތްހެޔޮކަމުން މި ކުރި ކަމެއްގެ ސަބަބުން، ދޫނި ސޫފާސޫތްޕަށް ލޯބިކުރާ ގިނަ ބައެއްގެ އުއްމީދު ވަނީ އާވެފަ އެވެ.
ނަމަވެސް ބައެއް މީހުން ބުނަނީ އެ ވީޑިއޯ އަކީ ފޭކެއް ކަމަށެވެ. އަދި މިނިވަންކުރި ކަމަށް ފެންނަ ދޫނިތަކަކީ އެ ގައުމުގައި ބޭއްވި ކޮތަރު ރޭހަކަށް އުދުއްސާލި ކޮތަރުތަކެއް ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.
މި ޚަބަރު ޖެހި ނޫސްތަކުގައި އެ ދޫނިތައް ގަތީ ގަތަރުގެ ކޮން ނަމެއް ކިޔާ ކުއްޖެއް ކަމަކަށް ބުނެފައެއް ނުވެ އެވެ.