ޕާކިސްތާނުގެ ލަވައެއް ކޮޕީކުރި ކަމުގެ ތުހުމަތާ އެކު ކަނީކާ ހޫނު ފެނަށް
ޕާކިސްތާނުގެ ލަވައެއް ކޮޕީކުރި ކަމުގެ ތުހުމަތާ އެކު ކަނީކާ ހޫނު ފެނަށް

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކަނީކާ ކަޕޫރް، ޕާކިސްތާނުގެ ލަވަކިޔުންތެރިއަކު ކިޔާފައިވާ ލަވައެއް ކޮޕީކުރި މައްސަލަ ހޫނުވެއްޖެ އެވެ.

ކަނީކާގެ ލަވަ އާންމުވުމާ އެކު އެ މައްސަލަ ފެންމަތިކުރީ ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ ހަދީގާ ކިއާނީ އެވެ.

އޭނާ ބުނީ "ބޫހޭ ބާރިއަން" އަކީ 1998 ގައި ރިލީޒްކުރި އޭނާގެ ލަވައެއް ކަމަށެވެ. އެ ލަވަ ލިޔެފައި ވަނީ އޭނާގެ މަންމަ ހަވަރު ކިއާނީ ކަމަށާއި އެއީ އޭނާގެ އަލްބަމް "ރޯޝްނީ" އަށް ތައްޔާރުކުރި ލަވައެއް ކަމަށް ވެސް ބުންޏެވެ.

އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް، އާންމުންގެ ސަމާލުކަމަށް އެކަން ގެނެސް އޭނާ ބުނީ އޭނާގެ މަސައްކަތަކަށް އެހެން ބަޔަކު ކްރެޑިޓް ނަގާ ނަމަ، އެކަމާ މެދު ފިޔަވަޅު އަޅާނެ ކަަމަށެވެ.

އެ ލަވައަކީ ހަދީގާ، ޕަންޖާބު ބަހުން ކިޔާފައިވާ ފުރަތަމަ ލަވަ އެވެ. އެހެންވެ އޭނާގެ މިއުޒިކް ވަގަށް ނެގި ކަމުގެ ތުހުމަތު އޭނާ ކޮށްފައި ވަނީ އެއްވެސް ހުއްދައެއް ނެތި އަދި ކްރެޑިޓް ދިނުމެއް ވެސް ނެތި އެހާ ބުރަ މަސައްކަތެއްގެ ކްރެޑިޓް ކަނީކާ ނެގުމުންނެވެ.

ކްރެޑިޓް ދިން ނަމަ، އެކަން އިހުތިރާމާ އެކު ބަލައިގަންނާނެ ކަމަށް ވެސް ބުންޏެވެ.

މިފަހަރު އެ މައްސަލަ ބޮޑުކޮށްލަން ޖެހުނީ މީގެ ކުރިން ވެސް އެތައް ފަހަރަކު ބޮލީވުޑްގެ ފިލްމުތަކަށް އޭނާގެ ލަވަތައް ބޭނުންކޮށްފައި ވާތީ ކަމަށް ވެސް ބުންޏެވެ.

"ޝާހްރުކް ޚާނާއި ޕްރިތީ ޒިންތާ ކަހަލަ ތަރިން ފެނިގެންދާ އެތައް ފިލްމެއްގައި އަހަރެންގެ ލަވަތައް ވަގަށް ނަގާފައިވޭ. އޭގެ ތެރެއިން ބައެއް ލަވަތަކަށް 200 މިލިއަން ވިއުސް ލިބިފައިވޭ. ފަހުން އެމީހުން ކްރެޑިޓް ދެނީ އޮރިޖިނަލް ސޯންގް ބައި ހަދީގާއޭ ކިޔާފައި،" އޭނާ ބުންޏެވެ.

"އަހަރެން މިހުރީ ދުނިޔޭގައި ސަލާމަތުން. އަހަރެންގެ ލަވައެއް ބޭނުންކުރާ ނަމަ އަހާލާފައި އެކަން ކުރަން އޮންނަ އެންމެ ރަނގަޅު މަގުން ދިޔައިމަ ހިތްހަމަޖެހުން ވެސް ލިބޭނެ،" ކުރިއަށް އޮތް ތަނުގައި ވެސް އޭނާގެ ލަވައެއް ބޭނުންކުރާ ނަމަ ހުއްދަ ހޯދުމަށް އެދެމުން ބުންޏެވެ.

އެކަން ފެންމަތިވުމާ އެކު "ބޭބީ ޑޯލް" ކަހަލަ މަޝްހޫރު ލަވަތައް ކިޔާފައިވާ ކަނީކާ ބުނެފައި ވަނީ އޭނާ އެއްވެސް މީހެއްގެ ލަވައެއް ކޮޕީ ނުކުރާ ކަމަށެވެ. އެއީ އޭނާގެ އޮރިޖިނަލް ލަވައެއް ކަމަށް ބުންޏެވެ.

ކަނީކާ ބުނި ގޮތުގައި އެ ލަވައިގެ އެކި ވާޝަންތައް އޮންލައިންކޮށް ފެންނަން އެބަހުއްޓެވެ. އެކަމަކު އެކަމާ ގުޅިގެން އެއްވެސް މީހަކު އެކައްޗެއް ވެސް ނުބުނެ އެވެ.

"އަހަރެމެން އެއްވެސް ލަވައެއް ކޮޕީ ޕޭސްޓެއް ނުކުރަން. އެންމެ ދެ ލައިން ބޭނުންކުރީ އިންސްޕިރޭޝަނަކަށް. ވަރަށް އަންފެއާ ލިޔުންތެރިޔާ ކުންވަރާއި ޝުރުތީ އަށް. އެއީ ލަވަ ކޮންޕޯސްކުރި މީހުން. އަދި އަހަންނާ މެދު ވެސް ވަރަށް އަންފެއާކޮށް އެ ކަންތައް ކުރަނީ ލަވަ ވަގަށް ނެގީއޭ ކިޔާފައި،" ވަރަށް ގިނަ އިންޒާރުތައް ލިބެމުންދާ ކަމަށް ކަނީކާ ބުންޏެވެ.

ޕާކިސްތާނުގެ ލަވަކިޔުންތެރިންނާއި މިއުޒަކަށް ވެސް ވަރަށް އިހުތިރާމުކުރާ ކަމަށް ބުނެ ކަނީކާ ބުނީ އެ ލަވައިގެ ސަބަބުން ބަޔަކު މާޔޫސްވެފައިވާ ނަމަ އެކަމަށް މައާފަށް އެދޭ ކަމަށެވެ.

ކަނީކާ ކިޔާފައިވާ "ބޫހޭ ބާރިއާން" ނެރުނީ މިދިޔަ ހަފުތާ ތެރޭގަ އެވެ.

އެ ލަވައާ އެކު ގިނަ ބަޔަކު ވެސް ބުނަމުން އަންނަނީ ލަވަ އަސްލު ކިޔާފައި ވަނީ ޕާކިސްތާނުގެ ލަވަކިޔުންތެރިއަކަށް ވާތީ އޭނާ އަށް ކްރެޑިޓް ދިނުމަކީ ރީތި ގޮތް ކަމަށެވެ. އަދި ލަވަ ވަގަށް ނެގުން ބަލައި ނުގަނެވޭ ކަމަށް ދަނީ ބުނަމުންނެވެ.