03 މެއި 2022 - 13:16

އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޝައުގުވެރިކަމެއް ވެސް ނެތް ކަމަށް ތަރުޖަމާން އަލީ ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، މި މަހުގެ 14 ގައި ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގެ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކެމްޕެއިނަށް އދ. މާމިގިއްޔަށް އިއްޔެ ވަޑައިގަތުމުން، އޭނާއާ ގާސިމް ބައްދަލުކުރައްވާ ފޮޓޯއެއް އާންމު ކުރައްވައި މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ފާޑުވިދާޅުވުމުންނެވެ.

ބޮންޑޭ ވިދާޅުވީ، އެ އިންތިހާބުގައި ވާދަކުރައްވާ އަނެއް ކެންޑިޑޭޓް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ދޮރުންދޮރަށް ހާލަތު ބައްލަވައި، މުޅި ރާއްޖެ ކުޑަކުރައްވަމުން ގެންދަވާއިރު، ފައްޔާޒު ގޭގެ އަށް ވަޑައިނުގަންނަވާ ކަމަށެވެ.

"ގޭގެއަކަށް ނުވަދޭ. އަރަނީ ކޮންމެ ރަށެއްގެ ބަދަރުމައްޗަށް އެކަނި. ބައްދަލުކުރަނީ ކޮންމެވެސް ރަށެއްގެ ތެޔޮ ބައުޒަރަކާ، ސޭޓަކާ،" ޗެއާޕާސަންގެ އިންތިހާބުގައި އިންތިއާ އެކު ހުންނެވި ބޮންޑޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ފައްޔާޒުގެ ކެމްޕެއިންގެ "ޑޯޓުޑޯ ޒީރޯ" އެވެ.
ބޮންޑޭގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ޖޭޕީގެ ތަރުޖަމާން އަލީ ސޯލިހު މީޑިއާ އަށް ދެއްކެވީ އެމްޑީޕީ އާއި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށްޓަކައި ޖޭޕީން ކޮށްދިން ބައެއް ކަންތައްތަކެވެ.
އޭނާ ވިދާޅުވީ، ގާސިމް، ފައްޔާޒާ ބައްދަލުކުރެއްވީ ރަސްމީކޮށް އެޕޮއިންޓްމަންޓް ހައްދައިގެން އަދި ކުރިން ރާވައިގެން ވެސް ނޫން ކަމަށެވެ. އެއީ މި ވަގުތު ގާސިމް ސަން އައިލެންޑް ރިސޯޓާއި ޖެހިގެން އޮތް މާމިގިލީގައި އުޅުއްވާތީ އިއްތިފާގުން ފައްޔާޒާ ދިމާވުމުން ވާހަކަ ދައްކަވައިލައްވަން މަޑުކޮށްލެއްވި ވަގުތުކޮޅެއް ކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ.
"އެއީ މާމިގިލީ އެއާޕޯޓްގެ ކޮޓަރިއެއް. އެއީ ކުރިއާލައި ރާވައިގެން، އެޕޮއިންޓްމަންޓެއް ހަދައިގެން ބޭއްވި ކަމެއް ނޫން. އަނެއްކާ ސަން އައިލެންޑަށް ފައްޔާޒު ގެންދެވީކީ ނޫން. އެއީ އިހުތިރާމުގެ ބައްދަލުވުމެއް،" އެންވަޔަރުމެންޓް، ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާ އަލީ ސޯލިހު ވިދާޅުވި އެވެ.
"އެއީ މިހާރު އެ ކެމްޕެއިން ކުރައްވާ އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށް ބުނެ ދައްކާ ވާހަކަ އަޅުގަނޑުމެން ދޮގުކުރަން. ގާސިމް އިބްރާހިމްގެ ޝައުގުވެރިކަމެއް ނެތް އެމްޑީޕީގެ އެތެރޭގެ އެ ކަހަލަ އިންތިހާބުތަކަކަށް. އެއީ އަޅުގަނޑުމެންނާ ބެހޭ އިންތިހާބުތަކެއް ނޫން."
ބޮންޑޭ އަށް ފާޑުވިދާޅުވަމުން އަލީ ސޯލިހު ފާހަގަކުރެއްވި ގޮތުގައި ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން ގާސިމާ ބައްދަލުކުރައްވަން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތުމުން އެ ދަތުރުފުޅަށް މަތިންދާބޯޓެއް ގާސިމް ފޮނުއްވި އެވެ.
"[މާމިގިލީ] އެއާޕޯޓްގައި އެޅީ ރަތްދޫލަ. [ނަޝީދާ] ބައްދަލުކުރެއްވީ ސަން އައިލެންޑްގައި. އެހާ އިއްޒަތުގައި ކަންތައް ކުރެއްވީ. އެހެންވީމާ ގާސިމްގެ ހުންނާނެ އެހެން ބޭފުޅުންނަށް އިހުތިރާމް ކުރުމުގެ ސިފަ. އެ ކަން އަބަދުވެސް ދައްކަވާ ގާސިމް،" އަލީ ސޯލިހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ށ. ކޮމަންޑޫ ދާއިރާގެ އިންތިހާބު ވެސް އެމްޑީޕީ އަށް ކާމިޔާބުވީ ގާސިމްގެ މިންނެތް މަސައްކަތުން ކަމަށާއި އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެ ބޭފުޅުންގެ ދެމެދުގައި ކެމްޕެއިން ޖަލްސާގައި ވެސް އިންނެވީ ގާސިމް ކަމަށެވެ.
"ގާސިމް ކޮމަންޑޫ ދާއިރާގައި ސްޓޭޝަން ވެގެން ހުންނަވައިގެން އެ ގޮނޑި އެމްޑީޕީ އަށް ނަގައި ދެއްވީ. ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އެމްޑީޕީގެ އޮފީސް ބަންދުކޮށް، އެތައް އުނދަގުލެއް ކުރިމަތިކުރީމާ އަޅުގަނޑުމެން ޖޭޕީގެ ކުނޫޒް އެމްޑީޕީއަށްޓަކައި ތަންމިނަށް ހުޅުވައިލިން. އޭރު އަދި ކޯލިޝަން ނެތަސް އަޅުގަނޑުމެން އެމްޑީޕީ އަށް ކަންތައް ކޮށްދިނީ ރަނގަޅަށް،" އަލީ ސޯލިހު ވިދާޅުވި އެވެ.
ބޮންޑޭ އަށް އަމާޒު ކުރައްވައި އަލީ ސޯލިހު ވިދާޅުވީ، މާދަމާ ވެސް އެމްޑީޕީއާއެކު ކޯލިޝަން ހަދަން ޖޭޕީން އެއްބަސްވެއްޖެ ނަމަ "އަރުވާޖަހާފައި" ފުރަތަމަ ވަޑައިގަންނަވާނީ ބޮންޑޭ ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި މި ސަރުކާރުގެ ކެބިނެޓްގައި ވެސް ޖޭޕީގެ ބޭފުޅުން ތިއްބެވިއިރު އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ ދެ ބޭފުޅުންނާ ބައްދަލުކުރައްވައެއް ނޫޅުއްވަ އެވެ. އަދި އެ ކެމްޕެއިންގައި ޖޭޕީ ނޫޅޭނެކަން ތަކުރާރުކޮށް ވިދާޅުވި އެވެ.
"އެކަމަކު މިސާލަކަށް ސަރުކާރުން ހިންގާ މަޝްރޫއަކާ ގުޅިގެން ބާއްވާ ކަމެއްގައި ޖޭޕީގެ ސްލޮޓެއްގައި ކުންފުންޏެއްގެ އިސްވެރިއަކަށް ހުންނެވި ބޭފުޅަކު ނުފެންނާނެ ވާހަކައެއް ނޫން. އެއީ ސަރުކާރުގެ ރަސްމީ ހައިސިއްޔަތުން ކުރައްވާނެ ކަންކަން. އަމިއްލަ ގޮތުން ޖޭޕީގެ މެމްބަރުން އެ ކެމްޕެއިންގައި ނޫޅުއްވާނެ،" އަލީ ސޯލިހު ވިދާޅުވި އެވެ.
"ރިޔާސީ އިންތިހާބުގައި 30 ޕަސެންޓަށް ވުރެ މަތިން ވޯޓު ހޯއްދަވާ ކެންޑިޑޭޓް މޮޅުވީ ކަމަށް ނިންމަން ގާނޫނުއަސާސީ އަށް ގެނައުމަށް ނަޝީދު ބޭނުންފުޅުވީމާ ވެސް އަޅުގަނޑުމެން ޖޭޕީން ބުނީ އެއީ އަޅުގަނޑުމެންނާ ބެހޭ ކަމެއް ނޫނޭ. މާނައަކީ އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާ ކަންކަމާ އަޅުގަނޑުމެން ޖޭޕީއަކުން ނުބެހޭނަމޭ."