05 މެއި 2022 - 08:07

އެންމެ ފިތަކަށް ފިތާލައިގެން ލޮނުފެން، ބޯފެނަށް ބަދަލުކޮށްލެވޭ ޑިވައިސެއް އުފައްދައިފި އެވެ.

އެ ޑިވައިސް އުފެއްދީ އެމެރިކާގެ މެއިސުޗޫސުޓްސް އިންސްޓިޓޫޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)ގެ ދިރާސާވެރިންތަކެކެވެ.
ލޮނުފެނުގައި ހުންނަ ހަށިގަނޑަށް ގެއްލުން ލިބޭ މާއްދާތަކާއި ޖަރާސީމުތައް ނައްތާލުމަށް އެ ޑިވައިސް ބޭނުންކުރަނީ ކަރަންޓުގެ ހާއްސަ ޓެކްނީކެކެވެ. އޭގެ ސަބަބުން މިހާރު އާންމުކޮށް ލޮނުފެން، ބޯފެނަށް ބަދަލުކުރާ މެޝިންތަކުގައި ބޭނުންކުރާ ފިލްޓަރާއި ޕްރެޝާ ޕަންޕުތައް ބޭނުމެއް ނުވެ އެވެ.
ސޫޓް ކޭސްއެއް ގޮތަށް އިންނަ އެ ޑިވައިސްގެ ބަރުދަނުގައި 10 ކިލޯ ވެސް ނުހުންނައިރު، ސޯލާ ހަކަތަ އިން ވެސް އެ ޑިވައިސް ބޭނުންކުރެވެ އެވެ.
"މިއީ އަހަރެމެން މިދިޔަ 10 އަހަރު ތެރޭގައި ކުރި މަސައްކަތުގެ ނަތީޖާ،" އެ ޑިވައިސް އުފެއްދުމުގެ މަސައްކަތް ކުރި ޕްރޮފެސަރު ޖޮންޔޫން ހަން ބުންޏެވެ.
އެ ޑިވައިސް އިން ސާފުކުރާ ފެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ކޮލެޓީ ސްޓޭންޑާޑްއާ ވެސް ދިމާވެ އެވެ.
އެމްއައިޓީން ބުނީ އެ ޑިވައިސް އޮޕަރޭޓްކުރަން ކޮންމެހެން އެކްސްޕާޓުން ވެސް ބޭނުންނުވާނެ ކަމަށާއި ސްމާޓްފޯން އެޕެއްގެ އެހީގައި ހުރިހާ ކަމެއް ވެސް ވަރަށް ފަސޭހައިން ކުރެވޭނެ ކަމަށެވެ.
އޭގެ ފުރަތަމަ ޑިވައިސް މިހާރު ޓެސްޓުކޮށްފައިވާއިރު، ގަޑިއިރެއްގެ ތެރޭގައި 0.3 ލީޓަރުގެ ބޯފެން އުފައްދާފައިވެ އެވެ. އެ މީހުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ގަޑިއިރެއްގެ ތެރޭގައި އޭގެން ބޯފެން އުފައްދާ މިންވަރު އަވަސްކުރުމަށެވެ.