ޖަލުތައް ބަލަހައްޓަން ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާނުކޮށްފި
ޖަލުތައް ބަލަހައްޓަން ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާނުކޮށްފި

ޖަލުތައް ބަލަހައްޓަން ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން ކަރެކްޝަނަލް ސާވިސް އިން މިރޭ އިއުލާނުކޮށްފި އެވެ.

އެ އިދާރާއިން ކުރި އިއުލާނުގައި ވަނީ ހެޑް އޮފީހާއި ޖަލުތަކުގައި މަސައްކަތް ކުރުމަށް 180 އޮފިސަރުން ހޯދަން އިއުލާނުކޮށްފަ އެވެ.

އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް އޮތީ ހުޅުވާލައިފަ އެވެ. ކަމާގުޅުންހުރި ލިޔުންތަކާއެކު[email protected]އަށް މެއިލްކޮށްދިނުމަށް ވަނީ އެދިފަ އެވެ.

އެ މަގާމުގެ މުސާރައަކީ 6،050ރ. އެވެ. އޭގެ އިތުރުން ހުވާ ކުރުމަށްފަހު ސާވިސް އެލަވަންސްގެ ގޮތުގައި 3،500ރ އަދި ލިވިން އެލަވަންސްގެ ގޮތުގައި 2،500ރ. ލިބޭނެ އެވެ. އޭގެ އިތުރުން ނޮން-ޕްރެކްޓިސް އެލަވަންސް އަށް އަސާސީ މުސާރައިގެ 45 ޕަސެންޓް (2،722ރ.) އަދި ވަޒީފާއަށް ވަންނަ ދުވަހުން ފެށިގެން ޔުނީފޯމް އެލަވަންސްގެ ގޮތުގައި 300ރ. އާއެކު ކޮންމެ މަހަކު ވެސް މަދުވެގެން 15،072ރ. ލިބޭނެ އެވެ.

- ސާނަވީ އިމްތިހާނުން މަދުވެގެން ދެ މާއްދާއިން ދަށްވެގެން "ޑީ" ފާސް އަދި އިސްލާމާއި ދިވެހިން މަދުވެގެން "ސީ" ފާސް ލިބުން

- ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދު އޮނިގަނޑުގެ ލެވެލް ތިނެއްގެ ސަނަދެއް ނުވަތަ އެއަށް ވުރެން މަތީ ސަނަދެއް ހާސިލްކޮށްފައިވުން

- މީލާދީ ގޮތުން 18 އަހަރު ފުރި، 35 އަހަރު ނުފުރޭ މީހުން

- ޖިނާއީ އެއްވެސް ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން އަދި މަސްތުން ސަލާމަތްވުމަށް ފަރުވާ ހޯދާފައިވާ މީހަކަށް ނުވުން

އިއުލާނުގައި ބުނީ އިންޓަވިއުއަށް ގުޅާނީ ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރާ މީހުންނަށް އެކަނި ކަމަށެވެ. ޝަރުތު ހަމަނުވާ މީހުންގެ ފޯމްތައް ބާތިލްވާނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން ތަކުރާރުކޮށް ވަނީ ބުނެފަ އެވެ.