ވެއްޓުނު ރަޝިޔާގެ ބޯޓުގައި ތިބި އެންމެން ވަނީ މަރުވެފައި
ވެއްޓުނު ރަޝިޔާގެ ބޯޓުގައި ތިބި އެންމެން ވަނީ މަރުވެފައި

މޮސްކޯ (ޑިސެމްބަރު 25) - ރަޝިޔާގެ ރިސޯޓެއް ކަމަށްވާ ސޮޗީ އިން ފުރައިގެން ސީރިއާ އަށް ދަތުރު ކުރަނިކޮށް ބްލެކްސީ އަށް ވެއްޓުނު ބޯޓުގައި ތިބި 92 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނީ ޓީޔޫ-154 މަރުކާގެ މަތިންދާ ބޯޓު ރާޑަރުން ގެއްލުނީ ފުރިތާ 20 މިނިޓް ފަހުން ކަމަށެވެ. ބޯޓުގައި ތިބީ ސިފައިންގެ މިއުޒިކް ބޭންޑެއްގެ މެންބަރުންނާއި ނޫސްވެރިންނެވެ. ބޯޓު ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ ސީރިއާގެ ލަޓަކިއާ ޕްރޮވިންސަށެވެ. މޮސްކޯ އިން ފުރި ބޯޓު ސޮޗީގައި މަޑުކުރީ ތެޔޮ އަޅާށެވެ.

ބޯޓުގެ ބައެއް ބައިތައް މިހާރު ވަނީ ކަނޑު އަޑިން ހޯދައިފަ އެވެ. އަދި 11 މީހެއްގެ ހަށިގަނޑު ވެސް ވަނީ ނަގައިފަ އެވެ. ބޯޓުގެ ބައިތައް ފެނިފައި ވަނީ ސޮޗީގެ އައްސޭރިން ފެށިގެން މޭލެއްހާ ހިސާބު ދުރުން، ކަނޑު އަޑިން 50-70 މީޓަރު (165-230 ފޫޓު) އަޑިން ކަމަށެވެ.

ރަޝިޔާގެ ދިފާއީ ވުޒާރާގެ ތަރުޖަމާނަކު ބުނީ ބޯޓުން ދަތުރުކުރި މިއުޒިކް ބޭންޑަކީ ސީރިއާގައި ތިބޭ ރަޝިޔާ ސިފައިންނަށް އާ އަހަރުގެ ޝޯދޭން ދިޔަ ބައެއް ކަމަށެވެ. ސީރިއާގެ ރައީސް ބައްޝާރުލް އަސަދާ ގުޅުން އޮންނަ ރަޝިޔާ އިން ދަނީ ސީރިއާގައި ދޭ ވައިގެ ހަމަލާތަކުގައި ބައިވެރިވަމުންނެވެ.

ރަޝިޔާގެ ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވީ ބޯޓު ވެއްޓުނު ހާދިސާގެ ތަހުގީގު ވަރަށް ބޮޑަށް ފުޅާކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ބޯޓު ވައްޓާލާފައި ވަނީ ޓެރަރިސްޓް ހަމަލާއެއް ދީގެންތޯ ބަލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޕައިލެޓުންނާއި އެއާ ޓްރެފިކް ކޮންޓްރޯލާ ދެމެދު ދެކެވުނު ވާހަކައިގެ އޯޑިއޯ ރެކޯޑިންއެއް ރަޝިޔާގެ ބައެއް މީޑިއާތަކުން ވަނީ ހާމަކޮށްފަ އެވެ. އޭގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ބޯޓަށް މައްސަލައެއް ދިމާވެގެން އުޅޭކަން ޕައިލެޓުން އަންގައިފައެއް ނުވެ އެވެ. އަދި ބޯޓު ދަތުރު ކުރަމުން ދިޔަ ސަރަހައްދުގެ މޫސުން ވެސް ރަނގަޅު ކަމަށް ރިޕޯޓްތައް ބުނެ އެވެ.