07 މެއި 2022 - 16:10

ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ ސިފައިން މިހާރު ކުރަމުންދާ ހަނގުރާމައިގައި، ރަޝިޔާގެ ލަޝްކަރަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކުގެ ފަހަތުގައި ވަނީ، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ފޯރުކޮށްދޭ ހަތިޔާރުގެ އިތުރުން ޖާސޫސީ މައުލޫމާތުތައް ކަމަށް ހުޅަނގުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
އެ ގޮތުން މިދިޔަ އެޕްރީލް މަހުގެ 14 ވަނަ ދުވަހު، ޔޫކްރޭންގެ ވައިގެ ދިފާއީ ލަޝްކަރުން ދިން މިސައިލް ހަމަލާތަކެއް އަރައި، ރަޝިޔާގެ އެންމެ ބޮޑު އެއް މަނަވަރު ކަމަށްވާ މޮސްކްވާ ފެތުނު ހާދިސާ ފާހަގަކޮށްލެވެ އެވެ. ޔޫކްރޭނުން ފޮނުވައިލި ދެ މިސައިލެއް އަރައި އެ މަނަވަރުގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނިކޮށް، ކަޅު ކަނޑުގެ ތެރެއަށް އެ މަނަވަރު ފެތުނީ، ރަޝިޔާގެ ބަނދަރަކަށް ގެންދަނިކޮށެވެ.
އެމެރިކާގެ އަސްކަރީ މައުލޫމާތުތައް އެނގޭ މަސްދަރުތަކާ ހަވާލާދީ ސީއެންއެން އިން ބުނެފައިވާ ގޮތުގައި، ކަޅު ކަނޑުގެ ތެރެއިން ރަޝިޔާގެ މަނަވަރެއް ކަމަށް ޝައްކުކުރެވޭ އުޅަނދެއް، ޔޫކްރޭންގެ ރާޑަރުތަކަށް ފާހަގަކުރެވުމުން، އެކަން ކަށަވަރުކުރުމަށް އެމެރިކާގެ އެހީއަށް އެދުނެވެ. އެމެރިކާ އިން ޔޫކްރޭނަށް މައުލޫމާތު ދިން ގޮތުގައި، ޔޫކްރޭންގެ ރާޑަރުތަކަށް ފާހަގަކުރެވުނު އުޅަނދަކީ، ރަޝިޔާގެ ކަނޑުގެ ސިފައިންގެ ތެރޭގައި ހިމެނޭ ކަޅު ކަނޑުގެ ލަޝްކަރުގެ މައި މަނަވަރު ކަމަށްވާ މޮސްކްވާ އެވެ.
އެއީ، މޮސްކްވާ ކަން ކަށަވަރުކޮށްދިނުމުގެ އިތުރުން، އެ މަނަވަރު އޮތް ސީދާ ތަން އެމެރިކާގެ އަސްކަރިއްޔާ އިން ޔޫކްރޭންގެ އަސްކަރިއްޔާ އަށް އަންގައިދިނެވެ. އެ މައުލޫމާތު ފޯރުކޮށްދިން އިރު، ޔޫކްރޭނުން ރާވާފައި އޮތީ އެ މަނަވަރަށް ހަމަލާ ދޭންކަން އެމެރިކާ އަށް އެނގިފައިވާ ކަން ޔަގީންނުވާ ކަމަށް ސީއެންއެން އިން ބުނެ އެވެ. އަދި އެ މަނަވަރަށް ހަމަލާ ދިނުމާ މެދު ގޮތެއް ނިންމުމުގައި އެމެރިކާގެ ބައިވެރިވުމެއް ނެތް ކަމަށްވެ އެވެ.
ނަމަވެސް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަނުން ވަނީ، ރަޝިޔާގެ މަނަވަރަށް ހަމަލާދިނުމަށް ބޭނުން ހިފިދާނެ އެއްވެސް މައުލޫމާތެއް ޔޫކްރޭނަށް ދިން ކަމަށް އިންކާރުކޮށްފަ އެވެ.
"މޮސްކްވާ އަށް ހަމަލާ ދިނުމަށް ބޭނުންކުރެވޭނެ ޚާއްސަ މައުލޫމާތެއް އަހަރެމެން ނުދެން. އެ މަނަވަރަށް ހަމަލާ ދިނުމަށް ޔޫކްރޭނުން ނިންމި ނިންމުމުގައި ވެސް އަދި އެ މަނަވަރަށް ހަމަލާ ދިނުމަށް ހިންގި ހަރަކާތުގައި ވެސް އެމެރިކާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ. އަދި ޔޫކްރޭނުން އެ މަނަވަރަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް، ދުރާލައި އެމެރިކާ އަށް ލިބިފައެއްވެސް ނެތް،" ޕެންޓަގަންގެ ޕްރެސް ސެކްރެޓަރީ ޖޯން ކިރްބީ އިއްޔެ ނެރުއްވި ބަޔާނެއްގައިވެ އެވެ.
މޮސްކްވާގައި ހުރި އުންޑަތަކެއްގައި ރޯވެ މަނަވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް ރަޝިޔާ އިން ބުނީ އެޕްރީލް މަހުގެ 14 ވަނަ ދުވަހު އެވެ. އެ ހާދިސާގައި މަނަވަރުގެ ބޮޑު ބައެއް ގޮވާފައިވަނިކޮށް، ކަފު ޖަހައިގެން ބަނދަރަކަށް ގެންދަނިކޮށް، ކަޅު ކަނޑުގެ ތެރެއަށް ފެތުނީ، އެ މަނަވަރުގައި ތިބި ހުރިހާ ފަޅުވެރިން ސަލާމަތްކޮށް އެއްގަމަށް ގެންދިޔަ ފަހުންނެވެ.
އެ މަނަވަރުގައި ރޯވި ޚަބަރު އާންމުވުމާ ގުޅިގެން ޔޫކްރޭނުން ބުނެފައިވަނީ އެ މަނަވަރުގައި ރޯވީ ޔޫކްރޭން ސިފައިން ދިން މިސައިލް ހަމަލާތަކެއްގެ ސަބަބުން ކަމަށެވެ. އަދި އެ މަނަވަރަށް ހަމަލާ ދިނީ، ޔޫކްރޭންގައި އުފައްދާފައިވާ ނެޕްޗޫން ނަން ދީފައިވާ މިސައިލުން ކަމަށް ވެސް ޔޫކްރޭނުން ބުންޏެވެ.
ޕެންޓަގަނުން ބުނީ، މޮސްކްވާ މަނަވަރަށް ހަމަލާދީ ފައްތައިލުމުގައި ޔޫކްރޭނުން އަމަލު ކުރި ގޮތަށް، ރަޝިޔާގެ އަސްކަރީ މަނަވަރުތައް ދެނެގަނެ ހަމަލާ ދިނުމަށް ބޭނުންވާ ޖާސޫސީ މައުލޫމާތު ހޯދުމުގެ ގާބިލުކަން ޔޫކްރޭނަށް ލިބިފައިވާ ކަމަށެވެ.