ރަޗޭ އާއި މޯޑް އަދި ޔާމްބެ ގައުމީ ބޮޑީ ބިލްޑިން ސްކޮޑްގެ ޓީމު އޭގައި ހިމަނައިފި
ރަޗޭ އާއި މޯޑް އަދި ޔާމްބެ ގައުމީ ބޮޑީ ބިލްޑިން ސްކޮޑްގެ ޓީމު އޭގައި ހިމަނައިފި

ވޯލްޑް ބޮޑީ ބިލްޑިން އަދި ފިޒިކްސް ޗެމްޕިއަންޝިޕްގައި ރިހި މެޑަލް ހޯދި ރާއްޖޭގެ ދެ އެތުލީޓުން ކަމަށްވާ، މުހައްމަދު ރަޝީދު (ރަޗޭ) އާއި މުހައްމަދު މޫސާ (މޯޑް) އަދި އެންމެ ފަހުގެ މިސްޓަ މޯލްޑިވްސް ޓައިޓަލް ކާމިޔާބު ކުރި މުހައްމަދު ޔާމީން (ޔާމްބެ) ހިމަނައިގެން ގައުމީ ބޮޑީ ބިލްޑިން ސްކޮޑުގެ ޓީމު އޭ އެކުލަވައިލައިފި އެވެ.

ރަޗޭ އާއި މޯޑް އަދި ޔާމްބެ ގައުމީ ބޮޑީ ބިލްޑިން ސްކޮޑްގެ ޓީމު އޭގައި ހިމަނައިފި
ރަޗޭ އާއި މޯޑް އަދި ޔާމްބެ ގައުމީ ބޮޑީ ބިލްޑިން ސްކޮޑްގެ ޓީމު އޭގައި ހިމަނައިފި

ޖުމުލަ 20 އެތުލީޓުން ހިމެނޭ ބޮޑި ބިލްޑިން ގައުމީ ޓީމު ތައްޔާރު ވަމުން ދަނީ ޖުލައި މަހު ރާއްޖޭގައި ބާއްވާ އޭޝިއާގެ ބޮޑީ ބިލްޑިން އަދި ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕަށެވެ. އޭޝިއާގެ 30 ގައުމަކުން އެތުލީޓުން ވާދަކުރާ މުބާރާތް އޮންނާނީ ޖުލައި 15-21 އަށް، ކ. މާފުށީގަ އެވެ.

ގައުމީ ޓީމު އެކުލަވައިލައިފައި މިވަނީ، ޓީމުގެ ކޯޗަކަށް ކުރީގެ މިސްޓަ އޭޝިއާ ވޮން ހޮން ހަމަޖައްސެތާ ހަފުތާއެއް ފަހުންނެވެ. ސްކޮޑްގައި ހިމެނޭ 20 އެތުލީޓުން ދެ ޓީމަކަށް ވަނީ ބަހަލައިލައިފަ އެވެ. ބީބީއެމުން އެންމެ ފުރަތަމަ އިއުލާން މިކުރީ ޓީމު އޭ ގައި ހިމަނޭ އެތުލީޓުންނެވެ.

ޓީމު އޭގައި ހިމަނާފައިވާ އެތުލީޓުންގެ ތެރެއިން މިސްޓަ މޯލްޑިވްސް އެންމެ ގިނަ ފަހަރު ކާމިޔާބު ކުރި އެތުލީޓަކީ ރަޗޭ އެވެ. ގައުމީ ޓީމު މިހާރު ހުރި ޑޮމެސްޓިކް އެންމެ ކާމިޔާބު އެއް އެތުލީޓަކީ ރަޗޭ އެވެ. އޭނާ ވަނީ މިސްޓަ މޮޅްޑިވްސް 2007، 2014 އަދި 2016 ގައި ކާމިޔާބުކޮށްފަ އެވެ.

މޯޑް ވަނީ 2019 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި ލޯ މެޑަލް ހޯދައިފަ އެވެ. އަދި އެހަރު ބޭއްވި އޭޝިއާގެ ޗެމްޕިއަންޝިޕްގައި ވެސް ލޯ މެޑަލް ހޯދި އެވެ. ދެކުނު އޭޝިއާގެ މުބާރާތުން އޭނާ ވަނީ ރަން މެޑަލް ވެސް ހޯދައިފަ އެވެ. އެންމެ ފަހުގެ މިސްޓަ މޯލްޑިވްސް މުބާރާތުގައި އޭނާ ދިޔައީ ދެވަނަ އަށެވެ.

ވޯލްޑް ޗެމްޕިއަންޝިޕްގައި ލޯ މެޑަލް ހޯދި ދެ އެތުލީޓުން ކަމަށްވާ، ހުސައިން ހިމްޔާން އާއި އަޒްނީން ރަޝީދު ވެސް ވަނީ ޓީމުގައި ހިމަނައިފަ އެވެ. އަޒްނީން ވަނީ 2019 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް ލޯ މެޑަލް ހޯދައިފަ އެވެ. އަދި އެއަހަރު ބޭއްވި ދެކުނު އޭޝިއާގެ ޗެމްޕިއަންޝިޕްގައި އޭނާ ވަނީ ރަން މެޑަލް ވެސް ހޯދައިފަ އެވެ.

ޓީމު އޭ ގައި ހިމެނޭ ފާހަގަ ކުރެވޭ އަނެއް އެތުލީޓަކީ ދެކުނު އޭޝިއާގެ ޗެމްޕިއަންޝިޕްގައި 2019 ގައި ލޯ މެޑަލް ހޯދި ފަތުހުއްﷲ މުހައްމަދެވެ. އޭނ ވަނީ މިދިޔަ އަހަރުގެ މިސްޓަ މޯލްޑިވްސް ކެޓަގަރީގައި ވާދަކޮށް 170 ސެންޓްމީޓަރު ރަން މެޑަލް ހޯދައިފަ އެވެ. އަދި 2019 ގެ މިސްޓަ މޯލްޑިވްސްގައި އެތުލެޓިކް ފިޒްކް ބައިން ލޯ މެޑަލް ހޯދި އެވެ.

- ހުސައިން ހިމްޔާން

- އަޒްނީން ރަޝީދު

- މުހައްމަދު މޫސާ (މޯޑް)

- މުހައްމަދު ރަޝީދު (ރަޗޭ)

- މުހައްމަދު ޔާމީން (ޔާމްބެ)

- އަލީ ސަލީމް އިބްރާހިމް

- މުހައްމަދު ނަހްޔާން

- އަބްދުﷲ އަހްސަން

- ފަތުހުއްﷲ މުހައްމަދު

- މުހައްމަދު ނަބީލް

މުބާރާތުގައި ރާއްޖޭގެ ޓާގެޓަކީ މަދުވެގެން 10 މެޑަލް ހޯދުމެވެ. ބީބީއޭއެމްއިން ވަނީ ކޯޗު ވޮންގެ ދަށުން މަސައްކަތް ކުރުމަށް އޮފިޝަލުންތަކެއް ވެސް ހަމަޖައްސައިފަ އެވެ. ޓީމުގެ އެސިސްޓެންޓް ކޯޗަކީ އަބްދުލް ހަސީބެވެ. ޓީމުގެ މެނޭޖަރަކީ އިބްރާހިމް އަބްދުﷲ އެވެ.

މި މުބާރާތް ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ބޭއްވާ ބައިނަލްއަގްވާމީ އެންމެ ބޮޑު ކުޅިވަރުގެ އިވެންޓަށެވެ. މުބާރާތުގައި ކޮންޓިންޖެންޓްގެ ގޮތުގައި ގާތްގަނޑަކަށް 500 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ބީބީއޭއެމުން ލަފާ ކުރެ އެވެ.