08 މެއި 2022 - 15:09

މިދިޔަ އަންގާރަ ދުވަހު ވައިގެ މަގުން ރާއްޖެ އެތެރެކުރި ހަތަރު ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ރާއްޖެ އެތެރެކުރި ހަތަރު ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަތީ ރާއްޖެ އައި ފަސިންޖަރެއްގެ ލަގެޖުންނެވެ.
ކަސްޓަމްސްއިން އެ ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރިއިރު ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ޕޮޒިޓިވްވެފަ އެވެ. އެ ތަކެތީގެ ބަރުދަނުގައި ޖުމްލަ 4.26 ކިލޯ ހުރިއިރު, އެ ތަކެތީގެ މަގުމަތީ އަގު 21 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ މި މައްސަލައާ ގުޅިގެން ބިދޭސީ ފިރިހެނަކާއި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.