09 މެއި 2022 - 15:54

ސްރީ ލަންކާއަށް ބޭސްފަރުވާ އަށް ގޮސް އުޅެނިކޮށް ގެއްލުނު ދިވެހި މީހާ އަދި ވެސް ނުފެންނަ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިދިޔަ އަންގާރަ ދުވަހުގެ ހެނދުނުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން އަންނަނީ އިބްރާހިމް އަލީ ނަމަކަށް ކިޔާ 62 އަހަރުގެ މީހެކެވެ. ދެހިވަލަ މިސްކިތް ކައިރިއަށް ދިޔަ ގޮތަށް އިބްރާހިމްގެ ހަބަރެއް ނުވާ ކަމަށް، ލަންކާގައި ހުރި އޭނާ ދަންނަ މީހަކު ބުންޏެވެ.
ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ އިބްރާހިމް ހޯދުމުގެ މަސައްކަތް އެ ގައުމުގެ ފުލުހުން ކުރަމުން އަންނަ ކަމަށެވެ. އެކަމަކު، އެކަން އަދި ކާމިޔާބުވެފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އާއިލާއަށް ކޮންސިއުލާ އެހީތެރިކަން ދެމުން އަންނަނީ،" މިއުވާން ވިދާޅުވި އެވެ.
ލަންކާގައި ހުރި މީހާ ބުނިގޮތުގައި އިބްރާހިމް އެ ގައުމަށް ދިޔައީ އެކަންޏެވެ. އަދި އޭނާ މި ފަހުން އެހެން ގެއަކަށް ބަދަލުވި ކަމަށް ވެސް އޭނާ ބުންޏެވެ.
އިބްރާހިމްގެ ހަބަރެއް ނުވެގެން މޯޗަރީ ވެސް ބަލާފައިވެ އެވެ.
"އެއްވެސް ގޮތަކަށް އަދި ވާނުވާއެއް ނޭނގޭ،" އޭނާ ބުންޏެވެ.