09 މެއި 2022 - 15:08

ސްރީ ލަންކާ ސަރުކާރާ ދެކޮޅު މީހުންނާއި ސަރުކާރު ސަޕޯޓަރުންނާ ދެމެދު ހަމަނުޖެހުން އުފެދި ތަޅާފޮޅަން ފެށުމާ އެކު މުޅި ސްރީ ލަންކާގައި މި ވަގުތުން ފެށިގެން ކާފިއު ހިންގައިފި އެވެ.
ދެބައިމީހުންގެ މެދުގައި އުފެދުނު ހަމަނުޖެހުމަށް ފަހު ފުރަތަމަ ކާފިއު ހިންގާ ވެރިރަށް ކޮލަމްބޯގައި އެކަންޏެވެ.
މުޅި ލަންކާގައި ކާފިއު މިއަދު މި އިއުލާންކުރީ، ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުން ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސްގެ އޮފީސް ބޭރުގައި މުޒާހަރާކުރަނިކޮށް ސަރުކާރުގެ ސަޕޯޓަރުން ގޮސް ހަމަލާދޭން ފެށުމާ ގުޅިގެންނެވެ. އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން، އިދިކޮޅު މީހުންނަށް ދިން ހަމަލާތަކުގައި ޒަހަމްވެގެން މަދުވެގެން 40 އަށް ވުރެ ގިނަ މީހުންނަށް ވަނީ ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފަ އެވެ.
ސަރުކާރުގެ ސަޕޯޓަރުން ވަނީ އިދިކޮޅު މީހުން މުޒާހަރާކުރާ ސަރަހައްދަށް އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސަ ވަޑައިގަތުމާ އެކު އޭނާއަށް ވެސް ހަމަލާދީފަ އެވެ. އަދި އިދިކޮޅު މީހުން ތިބުމަށް ހަދާފައިވާ ޓެންޓްތައް ވެސް ހަލާކުކޮށްލައިފަ އެވެ.
ސަރުކާރުގެ ސަޕޯޓަރުން ބޮޑުވަޒީރުގެ އޮފީސް ކައިރިއަށް ގޮސް ހަމަނުޖެހުން ހިންގަންފެށީ މަސްރަހު ފިނިކުރުމަށް ބޮޑުވަޒީރު އިސްތިއުފާ ދެއްވަފާނެ ކަމުގެ އަޑުތަކެއް ފެތުރުމާ އެކުގަ އެވެ.