12 މެއި 2022 - 10:44

މިދިޔަ މާޗު މަހު ސިނަމާލޭ ބްރިޖު ކައިރި އަށް އެރި ވެލާގެ ބިސްތައް ކުޑަހުރާ ރިސޯޓުގައި ވިހައިފި އެވެ.

އެ ވެލާ އެޅި 96 ބިސް މާލެ ކައިރީގައި އޮންނަ ކުޑަހުރާގައި ވިއްސުމަށްޓަކައި ގެންދިޔައީ އީޕީއޭގެ ބެލުމުގެ ދަށުން މިދިޔަ މާޗު މަހުގެ 16 ގަ އެވެ.

ކުޑަހުރާގައި ހިންގާ މެރިން ޑައިވާސްގެ ބެލުމުގެ ދަށުން ރައްކާތެރިކަމާ އެކު، ބިސްތައް ވިއްސުމަށް މީގެ ދެ މަހެއްހާ ދުވަސް ކުރިން ގެންގޮސްފައި ވަނިކޮށް، ރޭ ފަތިހުގެ ވަގުތެއްގައި ބިސްތައް ވިހައި ވެލާތައް ވަނީ އެ ތަނުން ގޮސްފަ އެވެ.
ވެލާ ބިހަކީ އާންމު ގޮތެއްގައި ވެސް ދެ މަސްތެރޭގައި ފީވެ، ދަރިމައިވާ އެއްޗެކެވެ.
އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު "މިހާރު" އަށް މިއަދު ވިދާޅުވީ ބިސްތައް ވިހައި ވެލާތައް ނުކުމެގެން ގޮސްފައި ވަނީ ރޭ ފަތިހުގެ ވަގުތުގައި ކަމަށް ވާތީ އެ އެއްޗެހި މޫދަށް ފައިބައިގެން ދިޔަ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ވެސް ނުލިބުނު ކަމަށެވެ.
ވެލާ އެޅި ބިސްތަކުގެ ތެރެއިން 75 ޕަސެންޓް ވެލާ ރައްކާތެރިކަމާ އެކު ވިއްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު މަދު އަދަދެއްގެ ބިސްތައް ހަލާކުވެ ނުވިހައި ވެސް ހުއްޓެވެ.
އެ ވެލާ ސިނަމާލޭ ބްރިޖު ކައިރިއަށް ބިސް އެޅުމުގެ 15 ދުވަސް ކުރިން ވެސް ހަމަ އެތަނަށް އަރާފައިވެ އެވެ. އެކަމަކު އެ ފަހަރު ބިސް އެޅުމުގެ ކުރިން އެ ވެލާ ވަނީ އެ ތަނުން ނަގައި މޫދަށް ދޫކޮށްލައިފަ އެވެ. ދެވަނަ ފަހަރަށް ވެލާ އެރުމުން ފުލުހުން ގޮސް ވަނީ ވެލަޔަށް ގޯނާއެއް ނުވާނެ ގޮތަށް އެތަން ބަންދުކޮށްފަ އެވެ.
ވެލާ އެޅި ބިސް އެހެން ތަނަކަށް ގެންދަން ޖެހުނީ އެއީ ރާޅު އަޅާ ސަރަހައްދަކަށް ވާތީ އެއްވެސް ރައްކާތެރިކަމެއް ނެތުމުން ކަމަށް އީޕީއޭ އިން ބުނެފައިވެ އެވެ.
ވެލާ ބިސް އެއްތަނުން އަނެއް ތަނަށް ގެންގޮސްގެން ކުރިން ވެސް ވިއްސުވާފައިވެ އެވެ.